Roadha Mihaaru
ރާއްޖެ-ޕާކިސްތާނާ ދެމެދު އަލުން ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަލުން ސީދާ ވައިގެ ދަތުރުތައް ފަށަނީ

09 އެޕްރީލް 2023

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުން މިއަދު މަޝްވަރާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެމަގުން އަލުން ސީދާ ދަތުރުތައް ފަށަން ދެ ގައުމުން މިއަދު މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަޝްވަރާތައް ކުރެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

"...ރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރުމާއި ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިންނާއި ތަމްރީނާއި ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި، ޕާކިސްތާނަށް މިދިޔަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ނައިބު ރައީސް އޮޅުންފިލުއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ވެސް ފާޅުކުރެއްވި އެވެ.

ޕާކިސްތާނައި ރާއްޖޭގެ ގުޅުން ދެމި އޮތީ، ދެ ގައުމުން ގެންގުޅޭ އެއް ކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ ސަބަބުން ކަމަށް އެ ގައުމުގެ ސަފީރު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ސަފީރު ވެސް މަޝްވަރާކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަންކަމާ ގުޅޭ އެއްބަސްވުންތައް އަވަހަށް ނިންމުމަށް ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 2017 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖެ އާއި އެ ގައުމާ ދެމެދުގައި ވައިގެމަގުންނާއި ކަނޑުމަގުން ސީދާ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި މިދިޔަ އަހަރު ޕާކިސްތާނުގެ ގައުމީ އެއާލައިން އިން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކުރި އެވެ.

ޕާކިސްތާނުން ވަނީ ވަރަށް ކުރިން ރާއްޖެއަށް ވައިގެމަގުން ސީދާ ދަތުރުތައް ކޮށްފަ އެވެ.