Roadha Mihaaru
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި

ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ ދިވެއްސަކު ހައްޔަރުކޮށްފި

27 ޖުލައި 2024

އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާކަތި އަތުލައިގަނެ، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަބޫދާބީ މަގުން ރާއްޖެ އައި ޕާކިސްތާނުގެ މީހެއްގެ އަތުން ދެ ކިލޯގެ މަސްތުވާކަތި އަތުލައިގަނެ، އެކަމުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ، ޕާކިސްތާނުގެ މީހާ މާލެ އައީ މިދިޔަ ބުދަ ދުވަހު އަބޫދާބީ މަގުން ކަމަށެވެ.

އެ މީހާގެ އަތުން ފެނުނު 2.12 ކިލޯގެ ޑްރަގް ޕޮޒިޓިވްވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހިރޮއިން އަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ފުލުހުން ބުންޏެވެ.

ވަހީދު ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އުމުރުން 25 އަހަރާއި 42 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ޕާކިސްތާނު މީހާ ހިމެނޭ ގޮތަށް ހައްޔަރުކުރި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ،

ވަހީދު ވިދާޅުވީ އެ މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ދެ ދިވެހިންގެ އިތުރުން ވެސް އިތުރު ބަޔަކު އެކަމުގައި އުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

"މިހާތަނަށް ފާހަގަކުރެވޭ ހައްޔަރުކުރި ދެ ދިވެހިންގެ އިތުރުން ވެސް މި ކަމުގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކެއް ވެސް،" ވަހީދު ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ވަހީދު ވިދާޅުވީ ދިވެހިން ރާއްޖެ އިން ބޭރުގައި ތިބެގެން ރާއްޖެ އަށް މަސްތުވާތަކެތި ފޮނުވައި، އެކަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އިންޓަޕޯލާއި އެހެން އިދާރާތައް ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.

އެ ޕްރެސް ބްރީފިންގައި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކު ވެސް 10 ކިލޯ އަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެހެންވެ، ޖުމްލަ 62 ކިލޯގެ މަސްތުވާތަކެތި އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"މަސްތުވާތަކެއްޗާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑްރަގާ އެކު މިހާތަނަށް އަޅުގަނޑުމެންނަށް ނެގިފައި ހުރި މަސްތުވާތަކެތީގެ އަގު އެބަ އަރާ 143 މިލިއަން ދިވެހި ރުފިޔާ އަށް،" ނާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.