Roadha Mihaaru
ޑްރަގް ނެޓްވޯކަކުން "ރަހުނު" ކުރި މިސްބާހު އަތުވެއްޖެ

ޑްރަގް ނެޓްވޯކަކުން "ރަހުނު" ކުރި މިސްބާހު ރާއްޖެ އަތުވެއްޖެ

23 ޖުލައި 2021

ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން ބުނެފައިވާ، މިސްބާހު މުހައްމަދު މިއަދު މާލެ އައުމާއެކު ހައްޔަރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ފުލުހުން ބުނެފައިވާ، މިސްބާހު މުހައްމަދު މިއަދު މާލެ އައުމާއެކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިސްބާހަކީ ރާއްޖެ އަށް ޑްރަގްސް އެތެރެކުރި ބަޔަކު، އެ މީހުންގެ ޑްރަގް ޝިޕްމަންޓުގެ އަގު އަދާކުރާނެ ކަމުގެ ޔަގީންކަމުގެ ގޮތުގައި، ރާއްޖޭން ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށަށް ފޮނުވާލާފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިސްބާހު މިއަދު މާލެ އައިސްފައިވާ ކަމަށާއި މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިސްބާހު ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 25 އަހަރުގެ މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.

އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ. އެ ކާރުގެ ޑިކީ ތެރެއިންް މަސްތުވާތަކެތި ފެނުނީ ކަނޑުމަގުން އެ ތަކެތި ރާއްޖެ އެތެރެކޮށް ލޯންޗެއްގައި މާލެ ގެނެސް ކާރަށް އަރުވައިގެން ދަނިކޮށް ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯނިތަކާއި ފޮށިތަކުގަ އެވެ.

މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން ވަނީ މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން އެނބުރި ރާއްޖެ އައިސްފަ އެވެ. އެކަމަކު މިސްބާހު ރާއްޖެ އައުމުގެ ބަދަލުގައި ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓަކުން ދުބާއީން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާނަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓާ" އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެ އެވެ.

ނަމަވެސް ފުލުހުންގެ ވާހަކަތައް ދޮގުކޮށް އޭނާ އަމިއްލައަށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އިރުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ފެބްރުއަރީ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލައިފަ އެވެ. މި މައްސަލާގައި އިތުފާނުގެ އިތުރުން 10 މީހެއްގެ މައްޗަށް އެކަމުގައި ދައުވާ އުފުލި އެވެ.