Roadha Mihaaru
މިސްބާހު ޕާކިސްތާނު ވިސާ ހަމަވެގެން އެމްބަސީއަށް ދިޔަ

ގެއްލުނު މިސްބާހު ޕާކިސްތާނުގައި ވިސާ ހަމަވެގެން އެމްބަސީއަށް ދިޔަ

03 ޖޫން 2021

ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުވެފައި ހުރި މިސްބާހް މުހައްމަދު، ވިސާގެ މުއްދަތު ހަމަވެގެން ފުރޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިދިޔަ މާޗު މަހު ދިޔަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުވެފައި ހުރި މިސްބާހް މުހައްމަދު، ވިސާގެ މުއްދަތު ހަމަވެގެން ފުރޭނެ ގޮތެއް ނެތް ކަމަށް ބުނެ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިދިޔަ މާޗު މަހު ދިޔަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ މާޗު މަހުގެ މެދު ތެރޭގައި މިސްބާހް އެމްބަސީއަށް ދިޔައީ ވިސާ އޯވަ ސްޓޭވެގެން އުޅޭ ކަމަށް ބުނެ އެވެ.

އެހެންވެ އެމްބަސީން ވަނީ ވިސާގެ އޯވާ ސްޓޭވެއްޖެ ނަމަ ދެން އަމަލުކުރަން ޖެހޭ ގޮތްތައް އޭނާއަށް ކިޔައިދީފައި ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މިސްބާހު ހާލުގައި ޖެހިގެން އެހީއަށް އެދިފައެއް ނުވެ އެވެ. އަދި އެ ދުވަހު އެމްބަސީން ދިޔަ ފަހުން އަލުން އެމްބަސީއަށް ގޮސްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ވިސާ ހަމަވުން ފަދަ ކަންކަމުގައި ދިވެހިން އަބަދުވެސް އެމްބަސީއަށް ގޮސް މައުލޫމާތު ސާފުކުރާ ކަމަށާއި އެގޮތަށް މިސްބާހު ވެސް ދިޔައީ ކަމަށް އޭރު ބެލެވުނީ އެއީ ގެއްލިގެން އުޅޭ މީހެއްކަން އެނގިފައި ނުވާތީ ކަމަށެވެ.

މިސްބާހު ގެއްލިގެން ފޮޓޯ އާންމުކޮށް ފުލުހުން އާންމުންގެ އެހީއަށް އެދުނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އޭނާ ޕާކިސްތާނުގައި އެމްބަސީ އަށް ދިޔަ ފަހުންނެވެ.

މިސްބާހު މިދިޔަ އަހަރުގެ ނޮވެމްބަރު ދުބާއީ އަށް ގޮސް އެ ގައުމުން ޕާކިސްތާނަށް ދިޔަކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްގެން އަތުލައިގަތް ނެޓްވޯކުގައި އިސްކޮށް ހުރި އެކަކު ކަމަށްވާ އިރުފާން ތަގިއްޔު އެވެ. މިސްބާހު ޕާކިސްތާނަށް ގެންދިޔައީ އެތެެރެކުރި ޑްރަގްސްގެ އަގު އަދާކުރާނެ ކަމުގެ "ގެރެންޓާ" ގެ ގޮތުގައި ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

ބޭރުގެ ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި މިސްބާހު ހުރި ކަމަށް ބެލެވޭ މައުލޫމާތުތަކެއް "މިހާރު" އަށް ލިބި އެކަން އިއްޔެ ރިޕޯޓްކުރި ފަހުން ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކަ އެވެ. އޭނާ ރާއްޖޭން ބޭރަށް ދިޔައީ ނޮވެމްބަރު 19 ގައި ކަމަށް ކުރިން ބުނެފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުންޏެވެ.

މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ. މިސްބާހު ގޮވައިގެން ދުބާއީ އަށް ދިއުމަށް ފަހު އިރުފާން ވަނީ މިދިޔަ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓަކުން އެނބުރި ރާއްޖެ އައިސްފަ އެވެ.

އިރުފާނާއި މިސްބާހް ދުބާއީއަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ދުއްވާ ކާރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.