Roadha Mihaaru
ގެއްލިގެންއުޅޭ މިސްބާހުކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް

ގެއްލިގެން އުޅޭ މިސްބާހު ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުވެއްޖެ

07 ޖޫން 2021

ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވާ މިސްބާހް މުހައްމަދު ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވަނިކޮށް، އޭނާ އެކަން ދޮގުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާއްމުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވާ މިސްބާހް މުހައްމަދު ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވަނިކޮށް، އޭނާ އެކަން ދޮގުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ އާއްމުވެއްޖެ އެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ޚަބަރެއް ނުވުމުން 25 އަހަރުގެ ޒުވާނާގެ މައްސަލަ އާއިލާއިން ޕޮލިހަށް ރިޕޯޓްކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. އެހެންވެ، ފުލުހުން ވަނީ ހދ. ނޮޅިވަރަންފަރަށް އުފަން ޒުވާނާ ގެއްލިގެން ހޯދަން އިއުލާނުކޮށްފަ އެވެ.

އެކަމަކު ފަހުން ފުލުހުން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީން މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭނާ ދުބާއީ މަގުން ޕާކިސްތާނަށް ގޮސްފައި ވެ އެވެ.

ފުލުހުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނީ މިސްބާހަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ "ގެރެންޓާ" ކަމަށް ބެލެވޭ ކަމަށެވެ.

މިރޭ އާންމުވި ވީޑިއޯގައި ފެންނަނީ ގަސްތަކެއް ކުރިމަތީގައި ހުރެ، އަމިއްލައަށް ނަގާފައިވާ ވީޑިއޯގައި މިސްބާހު ވާހަކަ ދައްކަނިކޮށެވެ. އޭނާ ބުނީ ޑްރަގްގެ ނެޓްވޯކަކާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

"އަހަރެންނަކީ ޑްރަގްގެ އެއްވެސް ނެޓްވޯކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. އަހަރެންނޭ ކިޔައިގެން ފުލުހުން އެ ހަދަނީ ހުސް ދޮގު" ނުވަ ސިކުންތުގެ ވީޑިއޯގައި ބުނެފައި ވެ އެވެ.

ނަމަވެސް އެ ވީޑިއޯ ނަގާފައިވަނީ ކޮންތާކު ހުރެގެން ކަމެއް އަދި ކޮން ދުވަހެއްގެ ވީޑިއޯއެއް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިސްބާހު ގޮވައިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އިރުފާނެވެ. އިރުފާނު ހައްޔަރުކުރީ މިސްބާހު ދުބާއީއާ އަށް ގެންގޮސް އެނބުރި އައި ފަހުން މަސްތުވާތަކެއްޗާ އެކުގަ އެވެ.