Roadha Mihaaru

ނިއުކާސަލް މަގާމް ދެމެހެއްޓިއިރު ޔުނައިޓެޑް އަލުން ހަތަރަކަށް

މެންޗެސްޓާ (އޭޕްރީލް 6) - ނިއުކާސަލް ޔުނައިޓެޑުން ރަށުން ބޭރުގައި 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ލީގު ތާވަލްގެ ތިން ވަނައިގައި މަގާމް ދެމެހެއްޓިއިރު، މެންޗެސްޓާ ޔިނައިޓެޑުން 1-0 އިން ބްރެންޓްފޯޑް ބަލިކޮށް އަލުން ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

ނިއުކާސަލް މަގާމް ދަމަހައްޓައިފި، ޔުނައިޓެޑް ހަތަރަކަށް
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

06 އެޕްރީލް 2023

މެންޗެސްޓާ (އޭޕްރީލް 6) - ނިއުކާސަލް ޔުނައިޓެޑުން ރަށުން ބޭރުގައި 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ލީގު ތާވަލްގެ ތިން ވަނައިގައި މަގާމް ދެމެހެއްޓިއިރު، މެންޗެސްޓާ ޔިނައިޓެޑުން 1-0 އިން ބްރެންޓްފޯޑް ބަލިކޮށް އަލުން ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

ގަދަ ހަތަރަކުން ބޭރުގައި ދުވަސްތަކަކު އޮތުމަށް ފަހު ނިއުކާސަލް އިން ޔުނައިޓެޑް އޮތް ތިން ވަނަ މަގާމަށް ޖެހިލީ އާދިއްތަ ދުވަހުގެ ރޭ ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ޓޮޓެންހަމް އިތުރަށް މެޗެއް ކުޅެގެން އެވަޓަން އަތުން ހޯދި ޕޮއިންޓަކާ އެކު ޔުނައިޓެޑް ފަސް ވަނައަށް ވެސް ވެއްޓުނެވެ.

ރޭގެ ނަތީޖާއާ އެކު ނިއުކާސަލް އާއި ޔުނައިޓެޑަށް ވެސް ވަނީ 28 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ނިއުކާސަލް އޮތީ ޔުނައިޓެޑަށް ވުރެ 21 ގޯލު ކުރީގަ އެވެ. އަދި 29 މެޗު ކުޅެގެން 50 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ވަނީ އަލުން ފަސް ވަނައަށް ވެއްޓިފަ އެވެ.

ނިއުކާސަލްގެ ކެލަމް ވިލްސަން އާއި ޖޮއެލިންޓަން މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ ވެސްޓް ހޭމް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އަދި އެލެކްސެންޑާ އީސާކް ވެސް ގޯލެއް ޖެހި އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ ޑިފެންޑަރު ކާޓް ޒޫމާ އެވެ.

ނިއުކާސަލްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު ޖޮއެލިންޓަން (ކ-2) ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ނިއުކާސަލްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު ޖޮއެލިންޓަން (ކ-2) ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު. -- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު ރެލިގޭޝަންގެ ބިރު ހީވެފައިވާ ވެސްޓް ހޭމް އޮތީ 15 ވަނައިގަ އެވެ. ވެސްޓް ހޭމްގެ އިތުރުން 16 ވަނައިގައި އޮތް އެވަޓަން އާއި 17 ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް އަދި 18 ވަނައިގައި އޮތް ބޯންމަތަށް ވެސް ލިބިފައި ވަނީ 27 ޕޮއިންޓެވެ.

މި ހަފްތާ ބަންދުގައި ނިއުކާސަލް އަށް ދެން އޮތީ، ރޭ ޔުނައިޓެޑުން ބަލިކުރި ބްރެންޓްފޯޑާ ދެކޮޅަށެވެ. އަދި ޔުނައިޓެޑަށް އޮތީ އެވަޓަން އާ ދެކޮޅަށް ކުޅޭށެވެ.

ޔުނައިޓެޑުން ބްރެންޓްފޯޑް ކޮޅަށް ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. މިއީ ރަޝްފޯޑް ލީގުގައި މި ސީޒަން ގައި ޖެހި 15 ވަނަ ގޯލެވެ. އަދި ޔުނައިޓެޑަށް މި ސީޒަން ގައި ޖަހައިދިން 28 ވަނަ ގޯލެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވަނީ، ޓީމުން ރަޝްފޯޑަށް މާ ބޮޑަށް ބަރޯސާ ވާ ކަމަށް އެއްބަސް ވެފަ އެވެ. މި ސީޒަންގައި ޔުނައިޓެޑްގެ ލަނޑު ލިސްޓުން ރަޝްފޯޑާ އެންމެ ގާތް ކުރަނީ 10 ގޯލު ޖަހައިފައިވާ ބްރޫނޯ ފެނާންޑޭޒް އެވެ. ލީގުގައި ބްރޫނޯ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

"އާނ، މިއީ ހަގީގަތް. އެކަމަކު އަހަރެމެންނަށް އެނގޭ އެހެން ކުޅުންތެރިންނަށް ވެސް ގޯލު ޖެހޭނެ ކަން. ބްރޫނޯ [ފެނާންޑޭޒް] އަށް ވެސް ގޯލު ޖެހޭނެ. ގޯލު ޖެހޭނެ ބައިވަރު ކުޅުންތެރިން ސްކޮޑުގައި އެބަތިބި،" ޓެން ހަގް ބުންޏެވެ.

ރޭގެ މެޗަކީ، ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވާން މަސައްކަތް ކުރާ ބްރެންޓްފޯޑް، ލީގުގައި އެންމެ ފަހުން ކުޅުނު 17 މެޗުން ބަލިވި ދެ ވަނަ މެޗެވެ. އެޓީމު މިވަގުތު އޮތީ 29 މެޗު ކުޅެގެން ހޯދި 43 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.