Roadha Mihaaru
ނިއުއާ ރަށްޓެހި އެފްއޭ ކަޕުން އެ ޓީމު ފެންނާނެ

ނިއުއާ ރަށްޓެހި އެފްއޭ ކަޕުން އެ ޓީމު މި އަހަރު ފެންނާނެ

04 އެޕްރީލް 2023

މިހާރު ދެ ވަނަ ޑިވިޝަނުގައި އޮތް، ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓުން، އެ ޓީމާ އެންމެ ރަށްޓެހި މުބާރާތް ކަމަށްވާ އެފްއޭ ކަޕުގައި މި އަހަރު ބައިވެރިވާން ނިންމައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިހާރު ދެ ވަނަ ޑިވިޝަނުގައި އޮތް، ދިވެހި ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއު ރޭޑިއަންޓުން، އެ ޓީމާ އެންމެ ރަށްޓެހި މުބާރާތް ކަމަށްވާ އެފްއޭ ކަޕުގައި މި އަހަރު ބައިވެރިވާން ނިންމައިފި އެވެ.

އެފްއޭ ކަޕަކީ، ފުޓްބޯޅަ އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކްލަބަކަށް ވެސް ހުޅުވާލާފައިވާ މުބާރާތަކަށްވާތީ، ކޮންމެ ޑިވިޝަނެއްގެ ޓީމަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

ނިއު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ، ކުޅުންތެރިންނާއި ކޯޗުންނަށް ދަރައި، ބަނގުރޫޓުވެފައި އޮތުމުން އެފްއޭއެމުން ދިން އަދަބެއްގެ ސަބަބުންނެވެ. އެ ހިސާބުން ކްލަބް ހަރަކާތެއް ނެތި އޮތުމަށް ފަހު، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ބައިވެރިވީ، އަލަށް ހަވާލުވި މެނޭޖްމަންޓުގެ މަސައްކަތުންނެވެ. އެކަމަކު، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ނުދެވުމުން، ފުރަތަމަ ޑިވިޝަން ކޮލިފައިންގައި ވާދަކުރެވޭ ގޮތް ނުވީ އެވެ.

ނިއު އިން މި އަހަރުގެ އޮކްޓޫބަރު މަހު އޮންނަ ދެ ވަނަ ޑިވިޝަނަށް ތައްޔާރީތައް ފަށާފައިވަނީ އެފްއޭ ކަޕުގައި ވެސް ވާދަކުރާ ގޮތަށެވެ. އެގޮތުން ނިއު އިން ވަނީ އެ ޓީމުގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) އަދި އެސިސްޓަންޓް ކޯޗަކަށް ފަރުހާދު އިސްމާއީލް (ފަރޭ) ހަމަޖައްސައިފަ އެވެ.

އެ ެ ޓީމުން ވަނީ މާޒިޔާ އާއި އީގަލްސްގެ ކުރީގެ މިޑްފީލްޑަރު ޔަސްފާބު ހަބީބް (މުލަކޭ) ގެ ސޮއި ހޯދައިފަ އެވެ. އަދި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ވެސް ވަނީ ގެނެސްފަ އެވެ. މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ކުޅުނު އަޔާ ވަނީ، 2019 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގައި ވެސް ހިމެނިފަ އެވެ.

އެފްއޭ ކަޕް އޮންނާނީ ބެލެވޭ ގޮތުން ދެ ވަނަ ޑިވިޝަނަށް ފަހު އެވެ. އޭގެ ކުރިން ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ޕްރިމިއާ ލީގު އޮންނާނެ އެވެ. އެކަމަކު އެއީ ފުރަތަމަ ޑިވިޝަނުގެ ދެ މުބާރާތް ކަމުން، ނިއު އަށް ފުރުސަތެއް ނޯންނާނެ އެވެ.

އެފްއޭއެމުން 1988 ވަނަ އަހަރު ފެށި އެފްއޭ ކަޕް ނިއު ވަނީ 12 ފަހަރު ކާމިޔާބުކޮށް، ދެ ފަހަރު މިލްކުކޮށްފަ އެވެ. ވިދިވިދިގެން ހޯދީ 1996، 1997، 1998 އަދި 2005، 2006 އަދި 2007 ގަ އެވެ. އެ ޓީމުން އެންމެ ފަހުން ތަށި ހޯދީ 2017 ވަނަ އަހަރު އެވެ. އޭރު އެ ޓީމުގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހީމް ފަޒީލް (އޮއްޕޮ) އަދި އިމްރާން މުހައްމަދު ފަދަ މަޝްހޫރު ކުޅުންތެރިން ތިއްބެވެ.

އެ އަހަރު ބޭއްވި ފަހުން މެދުކެނޑިފައި އޮތް އެފްއޭ އަލުން ބާއްވަން ފެށީ މިދިޔަ އަހަރު އެވެ. ވެލެންސިއާ 2-0 އިން ބަލިކޮށް މިދިޔަ އަހަރު ތަށި ހޯދީ މާޒިޔާ އެވެ.