Roadha Mihaaru
އެކްސިޑެންޓްގައި ނިޔާވީ އާބަންކޯގެ މުވައްޒަފެއް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ނިޔާވީ އާބަންކޯގެ މުވައްޒަފެއް

03 އެޕްރީލް 2023

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ކުރީގެ އެޗްޑީސީ ނުވަތަ އާބަންކޯގައި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވީ މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ކުރީގެ އެޗްޑީސީ ނުވަތަ އާބަންކޯގައި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވީ މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ އެކްސިޑެންޓުގައި ނިޔާވީ ހުޅުމާލޭގައި ދިރިއުޅޭ އަބްދުﷲ ރަޝީދު، 59 އެވެ.

އެނގިފައިވާ ގޮތުގައި، އޭނާ އަކީ ހުޅުމާލޭގެ ފުރަތަމަ ރަށްވެހިންގެ ތެރޭގައި ހިމެނޭ މީހެކެވެ. މަސައްކަތު މީހެއްގެ ގޮތުގައި އޭނާ އާބަންކޯގައި މަސައްކަތްކުރާތާ 8 އަހަރު ވެއްޖެ އެވެ.

އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެ ކުންފުނީގެ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

އެ ކުންފުނިން ވަނީ އަބްދުﷲ ރަޝީދުގެ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނި ގޮތުގައި، އަބްދުﷲ ރަޝީދު ނިޔާވީ މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް، ހުޅުމާލެ 2 ގެ އެމްޕީއެލް ފްލެޓްތައް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގަ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފަ އެވެ.

ރޭ ދަންވަރު ހުޅުމާލޭގައި ހިނގި އެހެން އެކްސިޑެންޓެއްގައި ވެސް ދެ މީހަކަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ. ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ފިރިހެނަކާއި 56 އަހަރު ފިރިހެނަކަށެވެ. އެތަނުން ދޮށީ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުންޏެވެ.