23 މާޗް 2023
އެމްޑީޕީ އަށް އިންތިހާބުތަކުގައި އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތެރޭގެ ޕްރައިމަރީ އާއި އިންތިހާބުތައް ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް އެ ދާއިރާގައި ދެން ވާދަކޮށް ބަލިވާ ކެންޑިޑޭޓް ނޭރުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް އިންތިހާބުތަކުގައި އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތެރޭގެ ޕްރައިމަރީ އާއި އިންތިހާބުތައް ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް އެ ދާއިރާގައި ދެން ވާދަކޮށް ބަލިވާ ކެންޑިޑޭޓް ނޭރުން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 15 އިގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ގުޅީގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލިހާއި 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ނުލިބުނީ މޮޅުވި ކެންޑިޑޭޓުންގެ ފަހަތަށް ނާކާމިޔާބުވި ކެންޑިޑޭޓުން ނޭރުމުން ކަމަށެވެ.
"އެމްޑީޕީ މި ވަރުގަދަ ޕާޓީ، އެތައް ބައިވަރު އާންމު ރައްޔިތުންނެއް ޝާމިލްވާ މި ސިޔާސީ ޕާޓީ އަށް އޮންނަ އެންމެ ބޮޑު އެއް ޗެލެންޖް، ޕްރައިމަރީ އަށް ފަހު ވާދަވެރި ކެންޑިޑޭޓުން، ބަލިވާ ކެންޑިޑޭޓުން، މޮޅުވި ކެންޑިޑޭޓުގެ ފަހަތަށް ނާރާ ނޭރުން،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކަ ގެންނެވި މައިގަނޑު ސަބަބަކީ އެމްޑީޕީން ބޭއްވި ގުރައިދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޝާޒާ ވާދަކުރެއްވި ސަލްމާން ރަޝީދު ބަލި ގަބޫލު ކުރައްވައި ޝާޒްގެ ފަހަތަށް އެރި އެރުން ފާހަގަކުރެއްވުމަށެވެ.
އަސްލަމް ވިދާޅުވީ، ސަލްމާންގެ އެ ނިންމެވުމަށް އޭނާ އަށް "ސެލިއުޓް ކުރަން" ކަމަށެވެ.
"ވަރަށް ރަނގަޅު ނަމޫނާއެއް ދެއްކެވީ. ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި ވޭތުވެދިޔަ އިންތިހާބުތަކުގައި ވެސް ހާއްސަކޮށް ރިޔާސީ ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓަށް [ކުރީގެ ރައީސް މުހައްމަދު ނަޝީދު] އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ [މޮޅުވި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ފަހަތަށް އަރާވަޑައިގަންނަވާށޭ،" ރިޔާސީ ޕްރައިމަރީގެ ބަލި ގަބޫލު ނުކުރައްވައި މި އަހަރުގެ ރިޔާސީ އިންތިހާބަށް އެހެން ޕާޓީތަކާއެކު ކުރިއަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވާ ނަޝީދަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވި އެވެ.
"މި ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި މި ޕާޓީ، ޕާޓީގެ ގޮތުގައި ހިފަހައްޓަވަން މަސައްކަތް ކުރައްވާށޭ. އެއީއޭ ރަނގަޅު ނަމޫނާއަކީ. ޒުވާން ސަލްމާން ރަޝީދު އެ ދައްކަވާ ނަމޫނާގައި ސިޔާސީ ގޮތުން ހަރު މީހުން ކަމަށް މީހުން ގަބޫލު ކޮށްގެން ތިބި މީހުން ވެސް އެ ނަމޫގައި ހިފަހައްޓަވާށޭ."
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: އެމްޑީޕީ
އަސްލަމް ވިދާޅުވީ، މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބެވިޔަސް އޭގެ ތެރޭގައި އެއީ އެ ޕާޓީގެ މެމްބަރުންކަން ޔަގީން ނުވާ ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށެވެ.
އޭނާ އެ ވިދާޅުވީ، ނަޝީދުގެ "ފިކުރެއްގެ ދިރުން" ގެ ހަރަކާތް ޕްރޮމޯޓް ކުރަން ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރައްވާ 12 މެމްބަރުންގެ ވާހަކަ އެވެ.
އަސްލަމް ވިދާޅުވިގޮތުގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް އެމްޑީޕީ ކަމުނުދާ ވަރަށް ވުރެ މާ ބޮޑަށް ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި މަޖިލިހުގެ މެމްބަރުންނަށް އެމްޑީޕީގެ އުސޫލުތައް ކަމަކު ނުދެ އެވެ.
އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ހުންނަ ކަމަށާއި ގާނޫނުއަސާސީގައިވާ ގޮތުން ވެސް އެންމެ ބޮޑަށް މިހާރު ބާރު ދީފައިވާ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
މި ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި މި ޕާޓީ، ޕާޓީގެ ގޮތުގައި ހިފަހައްޓަވަން މަސައްކަތް ކުރައްވާށޭ. އެއީއޭ ރަނގަޅު ނަމޫނާއަކީ. ޒުވާން ސަލްމާން ރަޝީދު އެ ދައްކަވާ ނަމޫނާގައި ސިޔާސީ ގޮތުން ހަރު މީހުން ކަމަށް މީހުން ގަބޫލު ކޮށްގެން ތިބި މީހުން ވެސް އެ ނަމޫގައި ހިފަހައްޓަވާށޭ."--- އަސްލަމް
އެއީ ރައްޔިތުންގެ މަންދޫބުން ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން ތިބޭ ބައެއް ކަމަށް ވިދާޅުވި އެވެ.
"އެ ބޭބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ، އިއްޒަތްތެރި މެމްބަރުންނަކީ އެ އިއްޒަތް ހިފަހައްޓައި، އެ އިއްޒަތް ދަމަހައްޓައި، އެ އިއްޒަތުގެ ބާރުވެރިކަން ފުރިހަމަ ގޮތުގައި ބޭނުން ކުރައްވާ ބަޔަކަށް ވާން އެބަޖެހޭ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ދޮގާއި ފިތުނަ އާއި ފަސާދަ އަށް ޖާގަ ދޭ ބައެއް ކަމުގައި ވެގެން ނުވާނެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ރައްޔިތުންނަށް ވެސް ފުރިހަމަ ނަމޫނާއަކަށް ވާން އެބަޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިހުގެ މެމްބަރުކަން 14 އަހަރު ކުރެއްވި އިބްރާހިމް ރިޒާ ކެންސަރު ބަލީގައި އަވަހާރަވުމުން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ވެސް ވާދަކުރެ އެވެ.
ޕީޕީއެމްގެ ޓިކެޓްގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ކުރީގެ މެމްބަރު ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެވެ.
އަސްލަމް ރޭ ދެއްކެވި ވާހަކައިގައި އެ ކަމަށް ވެސް ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭބެ އަށް ފަހު ކޮއްކޮ ނުވަތަ ކޮއްކޮ އަށް ފަހު އެ ބޭފުޅެއްގެ ދަރިން ވެރިކަން ކުރާ އުސޫލު ބައެއް ގައުމުތަކުގައި އޮންނަ ކަމަށާއި އެކަމަކު އެއީ ފުރިހަމަ ޕާޓީ ނިޒާމު ދަންނަ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގައި ވެސް ބައެއް މީހުން ދެކެވަޑައިގަންނަވާ އާއިލާއެއްގައޭ ވެރިކަން އޮންނަން ޖެހޭނީ. އާއިލާއަކު ނޫން ވެރިކަން އޮންނަން ޖެހެނީ. ވެރިކަން އޮންނަން ޖެހެނީ ރައްޔިތުން އަތުގައި. ރައްޔިތުން ދެކޭ ގޮތަށް ވެރިކަން ކުރަން ޖެހޭނީ. ރައްޔިތުން ނިންމާ ގޮތެއްގައި އެ ކަން އޮންނަން ޖެހޭނީ،" އަސްލަމް ވިދާޅުވި އެވެ.
އިންތިހާބަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ޝާޒަށް
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ އަށް 4 މީހެއް
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ޕްރައިމަރީ ބާއްވަނީ
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
ސުޕްރީމް ކޯޓު ހުކުމަށް ތަބާނުވާން މަޖިލީޙުން ފާސްކޮށްފި
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި
މަޖިލިސް ތެރޭ މާރާމާރީ، ބައެއް މެންބަރުންނަށް އަނިޔާ
57 ޕަސެންޓު މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް!