Roadha Mihaaru
57 ޕަސެންޓު މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް!

57 ޕަސެންޓުގެ މަސައްކަތް ނިންމައި މެންބަރުން ޗުއްޓީ އަށް!

28 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 57 ޕަސެންޓު މަސައްކަތް ނިންމައި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 57 ޕަސެންޓު މަސައްކަތް ނިންމައި މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފި އެވެ.

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ތިން ވަނަ ދައުރު ނޮވެމްބަރު މަހު ނިމޭނެ އެވެ. ނަމަވެސް މަޖިލީހުގައި ހުރި އިތުރު މަސައްކަތް ނިންމުމަށް މެންބަރުން ވަނީ ތިން ފަހަރަށް މުއްދަތު އިތުރު ކޮށްގެން މިއަދާ ހަމައަށް ދައުރު ދަންމައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި ދައުރުގައި 38 ޖަލްސާއެއް ބާއްވާފައިވާ ކަމަށާއި މަސައްކަތްތަކުގައި 93 ގަޑިއިރު ހޭދަ ކޮށްފައިވާ ކަމަށެވެ.

އެ ދުވަސްތަކުގައި މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ފަސް ބިލެއްގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މި ދައުރުގައި ނިންމި ފަސް ބިލު

- އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު

- ކައުންސިލްތަކުގެ އިންތިހާބުހާގެ ގާނޫނު

- އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް

- މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް

- ކުންފުނީގެ ބިލް

ކުރީ ސަރުކާރުން ހުށަހަޅާފައިވާ 14 ބިލެއް މި ސަރުކާރުން އަނބުރާ ގޮންގޮސްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުން މަސައްކަތް ފަށާފައިވާ 25 ގަރާރުގެ ތެރެއިން ހަ ގަރާރެއް މި ދައުރުގެ ތެރޭގައި ނިންމާފައިވާ ކަމަށާއި 17 ގަރާރެއްގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ދައުރުގައި ފޮނުވާފައިވާ ފަސް ސުވާލެއްގެ ތެރެއިން އެއް ސުވާލުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި 17 ސުވާލެއްގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"ތިން ވަނަ ދައުރުގެ މަސައްކަތަށް ބާލާއިރު 57.3 ޕަސެންޓު މަސައްކަތް ވަނީ ނިމިފައި." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރާއި މި ދައުރުގެ ބޮޑު ބައިގައި އެއްވެސް މަސައްކަތެއް ނުކުރެވި މަޖިލިސް އޮތީ ހުއްޓިފަ އެވެ. އެއީ ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރުމުގެ މައްސަލަ އާ ހެދި އުފެދިފައި އޮތް ގާނޫނީ ބަހުސެއްގެ ތެރެއިންނެވެ.

ނަމަވެސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކި ކުރުމުގެ މަސައްކަތް ވެސް އެމްޑީޕީން މި ދައުރުގެ ތެރޭގައި ވަނީ ކޮށްފަ އެވެ.