Roadha Mihaaru
ރައީސަކަށް އަސްލަމް އާއި އާޒިމްގެ ނަން ހުށަހަޅައިފި

މަޖިލިސް ރައީސް ކަމަށް އަސްލަމް އާއި އާޒިމްގެ ނަން ހުށަހަޅައިފި

13 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަން މިހާރު ކުރިއަށްދާ ޖަލްސާގައި ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަން މިހާރު ކުރިއަށްދާ ޖަލްސާގައި ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިދާރާ އިން އާއްމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި މިރޭ ޖަލްސާއެއް ބާއްވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

މަޖިލިސް ރައީސަކަށް ހަމަޖައްސާނީ އަސްލަމް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ވަނީ ފާސްކޮށްފަ އެވެ.

ޖަލްސާގައި ނަން ހުށަހެޅުމަށް ހުޅުވާލުމުން ޑިމޮކްރެޓްސް އިން ވަނީ އާޒިމްގެ ނަން ހުށަހަޅައިފަ އެވެ.

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އާޒިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

ރައީސް އައްޔަންކުރާނީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ކުރިއަށް ގެންދަން ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ ނަގައިފަ އެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހަޅައި މަޖިލީހުގައި ހިނގައިދިޔަ ކަންކަމާ ގުޅޭ ގޮތުންނެވެ. އެމަނިކުފާނު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދަނީސް ޖަލްސާ ކުރިއަށް ގެންދަން އެމްޑީޕީގެ މެމްބަރުން ވަނީ ހުރަސްއަޅައިފަ އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ދެ ފަހަރަށް ހުށަހަޅައިގެން އެމްޑީޕީން ދަނީ މަޖިލީހުގެ ބާރުތައް ހަނިވެގެންދާނެ ފަދަ އަމަލުތައް ހިންގަމުން ކަމަށެވެ. މަޖިލީހުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މަޖިލީސް މެމްބަރުންނަށް ލިބިގެންވާ ބާރެއް ވެސް ހަނިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،" ނަޝީދުގެ ސިޓީގައިވެ އެވެ.

ނަޝީދު މަގާމުން ވަކިކުރަން ދެވަނަ ފަހަރަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.