Roadha Mihaaru
ޔޫކްރޭނުން ގޮވާން ބޭރުކުރުމުގެ އެއްބަސްުވުން އާކޮށްފި

ޔޫކްރޭނުން ގޮވާން ބޭރުކުރުމުގެ އެއްބަސްުވުން އާކޮށްފި

19 މާޗް 2023

ޔޫކްރޭނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެ ގައުމުގެ ކަނޑުގެ ބަނދަރުތަކުގެ ޒަރީއާއިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމާ ބެހޭ ގޮތުން ރަޝިޔާއާ އެކުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ތުރުކީ ވިލާތުން އިއްޔެ ބުނެފި އެވެ.

ޔޫކްރޭނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެ ގައުމުގެ ކަނޑުގެ ބަނދަރުތަކުގެ ޒަރީއާއިން އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރުމާ ބެހޭ ގޮތުން ރަޝިޔާއާ އެކުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ތުރުކީ ވިލާތުން އިއްޔެ ބުނެފި އެވެ.

ކަޅު ކަނޑުގެ އައްސޭރީގައިވާ ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން، ރަޝިޔާ އާއި ޔޫކްރޭން ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ، ޖުލައި 22، 2022ގަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހެކިވެވަޑައިގެން ސޮއިކުރެއްވި މި އެއްބަސްވުމުގެ މުއްދަތަކީ 120 ދުވަހެވެ.

އެއަށް ފަހު، ދެ ގައުމުގެ މެދުގައި އިތުރު މަޝްވަރާތައް ބާއްވައި، ކޮންމެ 120 ދުވަހަކުން އަންނަނީ މި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަމުންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި 120 ދުވަހަށް މުއްދަތު އިތުރުކުރި މި އެއްބަސްވުން، އިތުރު 120 ދުވަހަށް ދަމަހައްޓަން ރަޝިޔާ އިން އެއްބަސްވީ، މުއްދަތު ހަމަވާން ދެތިން ގަޑިއިރަށް ވެފައި ވަނިކޮށެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މެދުވެރިވެވަޑައިގެން، ޔޫކްރޭނާއި ރަޝިޔާއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރީ، ރަޝިޔާ އިން ޔޫކްރޭންގެ ކަނޑުގެ ބަނދަރުތައް ހިފައި، އެ ބަނދަރުތަކުން ގޮވާން އެކްސްޕޯޓްކުރުން ހުއްޓުވުމާ ގުޅިގެންނެވެ. ރަޝިޔާ އިން އެ ބަނދަރުތައް ހިފުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުތަކަށް ގޮވާމުގެ ބާވަތްތައް ނެރޭ މިންވަރު މަދުވުމާ އެކު، ދުނިޔޭގެ ބާޒާރުތަކުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔަ އެވެ.

މިއެއްބަސްވުމުގެ ދަށުން ޔޫކްރޭނުން އެކްސްޕޯޓްކުރާ ގޮވާމުގެ ބާވަތްތައް، ޔޫކްރޭންގެ ބަނދަރުތަކުން އާގުބޯޓުތަކަށް ބަރުކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި އދ.ގެ އޮފިޝަލުން ހިމެނޭ ގުރޫޕެއްގެ ބެލުމުގެ ދަށުންނެވެ. މުދާ ބަރުކޮށްފައިވާ އާގުބޯޓުތައް ކަޅު ކަނޑުގެ ތެރެއިން ދަތުރުކޮށް ބޭރު ކަނޑަށް ނުކުންނާނީ، ޔޫކްރޭންގެ ޕައިލެޓް އުޅަނދުތަކުގެ އެހީތެރިކަމާ އެކުގަ އެވެ.

ކަޅު ކަނޑުގެ ތެރެއަށް ރަޝިޔާ އާއި ޔޫކްރޭންގެ ސިފައިން ވެސް ކަނޑު މައިން އަޅާފައިވާ އިރު، ކަޅު ކަނޑުގެ ތެރެއިން މަދަނީ ބޯޓުފަހަރު ދަތުރުކުރުމަކީ މިހާރު އެހާ ރައްކާތެރި ކަމެއް ނޫނެވެ. ކަޅު ކަނޑުގެ ތެރެއިން ދަތުރުކުރާ އާގުބޯޓުތައް ތުރުކީ ވިލާތުގެ ބޮސްފަރޮސް ކަނޑުއޮޅި ހުރަސްކުރާނީ، ތުރުކީ ވިލާތާއި ޔޫކްރޭނާއި ރަޝިޔާ އަދި އދ.ގެ އޮފިޝަލުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.