Roadha Mihaaru
ރައީސް މިއަދު މައުމޫނާ ބައްދަލު ކުރައްވަނީ

ކޯލިޝަންގެ މަޝްވަރާ އަށް ރައީސާއި މައުމޫން މިއަދު ބައްދަލުކުރައްވަނީ

19 މާޗް 2023

ކޯލިޝަން ހަދަން ދެއްވި ދައުވަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވާނެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޯލިޝަން ހަދަން ދެއްވި ދައުވަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެމްއާރުއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވާނެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ފައުންޑަރު މައުމޫނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

އެ ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11:00 ހާއިރު ރައީސް އޮފީހުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާރު ވެސް އެ މަނިކުފާނުގެ ސަރުކާރުގައި ހިމެނޭ ކޯލިޝަން ޕާޓްނަރުން ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެކުގައި ދެމިތިބުމަށް ދައުވަރު ދެއްވައިފަ އެވެ.

އެ ދައުވަތު ގަބޫލުކޮށް، އަނެއްކާވެސް އެމްޑީޕީއާ ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. މިހާރުގެ ކޯލިޝަންގައި ނުހިމެނޭ އެމްޑީއޭ އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކުރިއަށް ދާން އެއްބަސްވެފަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ތިބެން މިހާތަނަށް އެއްބަސްވީ އަދާލަތާއި އެމްޑީއޭ އެވެ.

ކޯލިޝަން ހަދަން ދައުވަތު ދީފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކު ވާދަ ކުރަން ނިންމައިފަ އެވެ. ކޯލިޝަނެއް ހަދަން ޖެހިއްޖެ ނަމަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަން ހަދަން މަޝްވަރާތައް ފަށަން ވެސް ޖޭޕީގެ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ކޯލިޝަން ނުހަދާނެ ކަމަށް ރަސްމީކޮށް އަންގާފައި ނުވާތީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ އަދިވެސް އެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން އަންނަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ކޯލިޝަނެއް ހެދުމުގެ މަޝްވަރާތަކެއް ވެސް ކުރަމުންނެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ޖުމްހޫރީ ޕާޓީއާއެކު ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕެއް އެކުލަވާލަން މަޝްވަރާ ކޮށްފަ އެވެ.