Roadha Mihaaru
ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް

ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް ހުޅުވައިފި

15 މާޗް 2023

އެޗްޑީސީން ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެޗްޑީސީން ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. އެޗްޑީސީން ބުނި ގޮތުގައި، މިއީ އެ ކުންފުނީގެ "ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޕްރޮޖެކްޓެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ މި ސެންޓަރުން އަހަރެއްގެ މައްޗަށް 99.9 ޕަސެންޓް އަޕް ޓައިމް ނުވަތަ ހިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ގެރެންޓީ ދޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ-- ފޮޓޯ: އެޗްޑީސީ

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، 2019 ވަނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖީޕޮން އެކްސެސް ނެޓްވޯކެއް ގާއިމްކުރެވުނު ކަމަށާއި މި ވަގުތު އެ ހިދުމަތް ބޭނުންކުރާ 12،500 ސަބްސްކްރައިބަރުން އެބަ ތިބި ކަމަށެވެ. ކޮންޓެއިނާ ޑޭޓާ ސެންޓަރަކީ އެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވެސް ޓެލެކޮމް އިންފްރާސްޓްރަކްޗާއަށް އެޗްޑީސީން ކުރާ ޑައިވާސިފިކޭޝަންގެ މަސައްކަތެއް،" އާތިފް ވިދާޅުވި އެވެ.

"މިކަމުގެ [ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ] ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮމްޕެޓިޓިވް ރޭޓެއްގައި ޖިއޯ ރިޑަންޑަންސީގެ ހިދުމަތް ދެވޭނެ."

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަހްމަދު އާތީފް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަހްމަދު އާތީފް ވާހަކަދައްކަވަނީ.-- ފޮޓޯ: އެޗްޑީސީ

މި ސެންޓަރުގެ ސަބަބުން އެއްވެސް މެދުކެނޑުމެއް ނެތި ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ ތަފުސީލު

• އަހަރެއްގެ މައްޗަށް އަންނަ ޑައުން ޓައިމް ނުވަތަ ހިދުމަތް މެދުކެނޑޭ ވަގުތު 1.6 ގަޑިއިރަށް ވުރެ ކުޑަވާނެ.

• ކަރަންޓް ކެނޑޭ ވަގުތަށް ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ހުންނާނެ.

• ރިޑަންޑަންޓް ކޫލިސް ސިސްޓަމެއް ހުންނާނެ.

• މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއް ހުންނާނެ.

• އަމިއްލައަށް މަަސައްކަތްކުރާ މޮނީޓަރިން ސިސްޓަމެއް އެލާޓް މެކޭނިޒަމްއާއެކު ހުންނާނެ.

• ތިމާވެއްޓާ ރައްޓެހި އަލިފާން ނިއްވާ ނިޒާމެއް ހުންނާނެ.

• އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ސަވައިލެންސް ސިސްޓަމެއް ވެސް ހުންނާނެ.

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ: މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރު.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ހުޅުމާލޭގައި ބެހެއްޓި ކޮންޓެއިނާ ޑޭޓާ ސެންޓަރުގެ އެތެރެ: މިއީ ރާއްޖޭގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރު.-- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި، ކޮންޓެއިނާ ޑޭޓާ ސެންޓަރެއްގެ ފައިދާ އަކީ އިތުރު ޖާގަ ބޭނުންވާ ނަމަ، މަތި މައްޗަށް ސްޓެކް ކޮށްގެން ކެޕޭސިޓީ އިތުރުކުރެވުމެވެ. އެގޮތަށް ކެޕޭސިޓީ އިތުރުކުރާއިރު، ބިމުގެ ޖާގަ އިތުރަށް ނުނެގުމެވެ. އަދި އެހެން ތަނަކަށް ޑޭޓާ ސެންޓަރު ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ފަސޭހައިން އެކަން ކުރެވޭނެ އެވެ.