Roadha Mihaaru
ބިން ވިއްކައިގެން އެއް ބިލިއަން ލިބުނު: އާތިފު

މިދިޔަ އަހަރު ބިން ވިއްކައިގެން އެއް ބިލިއަން ރުފިޔާ ލިބުނު: އާތިފު

02 އެޕްރީލް 2023

މިދިޔަ އަހަރު ދެ ބުރު މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކައިގެން، އެއް ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިދިޔަ އަހަރު ނުވިކުނު 30 ބިމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އާބަން ކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ދެ ބުރު މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކައިގެން، އެއް ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިދިޔަ އަހަރު ނުވިކުނު 30 ބިމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އާބަން ކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި އާތިފު ވިދާޅުވީ، މިދިޔަ އަހަރު ވިއްކި ބިންތަކުން އެއް ބިލިއަން ރުފިޔާގެ ބޮޑު ބައި ހޭދަކުރީ ލޯނު އަނބުރާ ދެއްކުމަށް ކަމަށެވެ. އޭގެ އިތުރުން މަގު ހެދުމާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ މަސައްކަތްތަކަށް ވެސް އެ ފައިސާއިން ހަރަދު ކުރި ކަމަށެވެ.

ކުރިން އެޗްޑީސީގެ ނަމުގައި ހިންގި އެ ކުންފުނީގެ ދަރަނި މި ސަރުކާރު ވެރިކަމަށް އައި އިރު ހުރީ 14 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރޭގައި ޗައިނާގެ ބޭންކްތަކުން 9.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެ ލޯނުތަކުގެ ތެރޭގައި ދެވަނަ ފިޔަވަހީގެ ހިޔާ މަޝްރޫއުގެ 7،000 ފްލެޓް އެޅުމަށް ނެގި ލޯނު ވެސް ހިމެނެ އެވެ. ލޯނު އަނބުރާ ދެއްކުމަށް އެ ކުންފުނިން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

އާބަންކޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ، ބިން ވިއްކައިގެން ކަމަށްވާ އިރު މިދިޔަ އަހަރު ދެ ފަހަރު މަތިން އެޗްޑީސީއިން ވަނީ 137 ބިމެއް ވިއްކަން ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން ދެވަނަ ބުރު ހުޅުވާލި 77 ބިމުގެ ތެރެއިން 30 ބިމެއް އޮތީ ނުވިކި އެވެ.

"އާންމުކޮށް އަހަރަކު އެއް ފަހަރު މި ހުޅުވާލަނީ. އެކަމަކު އަޅުގަނޑުމެންނަށް ކޮވިޑްގެ ތެރޭގައި އެދިޔަ ދެ އަހަރު ތެރޭގައި ލޭންޑް ސޭލެއް ނަހަދާ އޮތުމަށް ފަހު ލަސްކޮށް ހުޅުވާލެވުނީ. ދެން ތަންކޮޅެއް ކައިރި ކައިރީގައި ހުޅުވާލެވުނީ. އެއާ އެކު އެހެން ޕްރޮގްރާމުތަކަށް [ސޯޝަލް ހައުސިން ޕްރޮޖެކްޓް] ވެސް އޮތީ ހުޅުވާލައިފައި،" އޭނާ ވިދާޅުވި އެވެ.

އެ 30 ބިމަށް ވަރަށް އަވަހަށް ހުޅުވާލުމަށްޓަކައި އާބަންކޯއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.