Roadha Mihaaru
އިޒްރޭލުގެ ވައިގެ ސިފައިން ވެސް ނަތަންޔާހޫއާ ދެކޮޅަށް

އިޒްރޭލުގެ ވައިގެ ސިފައިން ވެސް ނަތަންޔާހޫއާ ދެކޮޅަށް

07 މާޗް 2023

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ޝަރުއީ ދާއިރާގެ އިސްލާހީ އެޖެންޑާއާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ވައިގެ ލަޝްކަރުގައި ހިމެނޭ ރިޒާވް ސިފައިން ތަމްރީންތަކުގައި ބައިވެރިވުން މިއަދުން ފެށިގެން ހުއްޓާލައި އިހުތިޖާޖް ކުރަން ފަށައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ޝަރުއީ ދާއިރާގެ އިސްލާހީ އެޖެންޑާއާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގެ ވައިގެ ލަޝްކަރުގައި ހިމެނޭ ރިޒާވް ސިފައިން ތަމްރީންތަކުގައި ބައިވެރިވުން މިއަދުން ފެށިގެން ހުއްޓާލައި އިހުތިޖާޖް ކުރަން ފަށައިފި އެވެ.

އިޒްރޭލުގައި ހަނގުރާމައިގެ ހާލަތު އިއުލާން ކޮށްފައި އޮންނަ އިރު، އެ ގައުމުގެ ވައިގެ ލަޝްކަރުގެ މަސައްކަތްތައް ބަރޯސާވަނީ ރިޒާވް ސިފައިންގެ މައްޗަށެވެ. އެހެންކަމުން، ވައިގެ ސިފައިންގެ ތެރޭގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުން ވަކިކުރާ ޕައިލެޓުންނާއި ވައިގެ ދަތުރުފަތުރުގެ ނިޔަމިންނާއި އިންޖިނޭރުން ވެސް، އެމީހުންގެ ތައްޔާރީ ހާލަތު ދެމެހެއްޓުމަށްޓަކައި، ވަކި އުސޫލަކުން ތަމްރީންތަކުގައި ބައިވެރިވާންޖެހެ އެވެ.

އެ ގޮތުން މިއަދު ބާއްވަން ކަނޑައަޅާފައި އޮތް ތަމްރީންތަކުގައި ބައިވެރިވާން ހަމަޖެހިފައި ތިބި 37 ޕައިލެޓުންނާއި ފަޅުވެރިން ވަނީ، ތަމްރީންތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ. އެފް-15 މަރުކާގެ މަތިންދާބޯޓުތަކުގެ ފައުޖުގައި ހިމެނޭ އެ ސިފައިންގެ ފަރާތުން ސޯޝަލް މީޑިއާގައި އާންމުކުރި ސިޓީއެއްގައި ބުނެފައިވާ ގޮތުން، ތަމްރީންތަކުގައި ބައިވެރިވުމުގެ ބަދަލުގައި މިއަދު އެމީހުން ހޭދަކުރާނީ ގައުމުގެ އެއްބައިވަންތަކަމާއި، ޑިމޮކްރެސީ ދެމެހެއްޓުމާ ބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގަ އެވެ.

ނަތަންޔާހޫގެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް އެ ގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އަންނަތާ މިހާރު ދެ މަސް ވަނީ އެވެ. މުޒާހަރާތައް އިޒްރޭލުގެ ހުރިހާ ކަންކޮޅަކަށް ފެތުރިފައިވާ އިރު، ބައެއް މުޒާހަރާތަކުގައި ސިފައިންގެ ކުރީގެ ޖެނެރަލުންނާއި ކުރީގެ ސަރުކާރުތަކުގެ ބައެއް ވަޒީރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

ރިޒާވް ސިފައިންގެ އިހުތިޖާޖެއް ފެށުނު އިރު، އިޒްރޭލުގެ ބޮޑުވަޒީރު އިޓަލީ ވިލާތަށް މި ހަފުތާގައި ކުރައްވަން ހަމަޖެހިފައި އޮތް ޒިޔާރަތުގައި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތް ފްލައިޓްގެ ޕައިލެޓުންނާއި ފަޅުވެރިން އެކަމަށް ދެކޮޅު ހެދި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެލް އާލް އިސްރާއީލް އެއާލައިންސް އިން ބުނި ގޮތުގައި ނަތަންޔާހޫ ގޮވައިގެން ދަތުރުކުރަން ދެކޮޅު ހެދި ޕައިލެޓުންގެ ބަދަލުގައި އެހެން ޕައިލެޓުންނާއި ފަޅުވެރިން މިހާރު ވަނީ އެ ދަތުރަށް ހަމަޖައްސައިފަ އެވެ.

ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.