Roadha Mihaaru
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި

ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި

28 މާޗް 2023

އިޒްރޭލުގެ ޝަރުއީ އަދި ގާނޫނީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ ކަންތައް ފަސްކޮށްލުމަށް ރޭ އޭނާ ނިންމަވައިފި އެވެ.

އިޒްރޭލުގެ ޝަރުއީ އަދި ގާނޫނީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާގެ ކަންތައް ފަސްކޮށްލުމަށް ރޭ އޭނާ ނިންމަވައިފި އެވެ.

އިސްލާހީ އެޖެންޑާގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ މަސައްކަތް މެދުކަނޑައިލީ، އެ ބިލުތަކާ ދެކޮޅަށް ވާހަކަ ދެއްކެވުމުން، އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް މަގާމުން ވަކިކުރުމާ ގުޅިގެން، އިސްލާހީ އެޖެންޑާއާ ދެކޮޅު މުޒާހަރާ ހޫނުވެފައިވަނިކޮށެވެ. އަދި އެ ގައުމުގެ ޓްރޭޑް ޔޫނިއަނުން އާންމު ހަޅުތާލަކަށް ގޮވައިލުމާ ގުޅިގެން، އިޒްރޭލުގެ ހުރިހާ މަސައްކަތު ދާއިރާތަކެއްހެން ހުއްޓުމަކަށް އައިސްފައި ވަނިކޮށެވެ.

ޓްރޭޑް ޔޫނިއަންގެ ގޮވައިލުމާ ގުޅިގެން، އެ ގައުމުގެ ވައިގެ ބަނދަރުތަކުން ފެށިގެން ބޭންކުތަކާއި ފިހާރަތަކާއި ހޮޓާ ރެސްޓޮރެންޓްތަކުގެ އިތުރުން ހޮސްޕިޓަލުތަކުގެ އާންމު ޚިދުމަތްތައް ވެސް، އިއްޔެ އިން ފެށިގެން ވަނީ މެދުކެނޑިފަ އެވެ. މިއީ، އިޒްރޭލުގެ ތާރީޚުގައި ވެސް އެގައުމުގައި ސަރުކާރަކާ ދެކޮޅަށް މިހާ ފުޅާ ދާއިރާއެއްގައި އާންމުން މުޒާހަރާ ކުރާ ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރު ނަތަންޔާހޫ މަސައްކަތް ކުރައްވަމުން ގެންދެވީ، މި ހަފުތާ ނިމުމުގެ ކުރިން އިސްލާހީ އެޖެންޑާގެ ހުރިހާ ބިލުތަކެއް މަޖިލީހުން ފާސްކޮށް ނިންމުމަށެވެ. އެހެންކަމުން އެ ކަމަށް ޖާގަ ނުދިނުމުގެ ގޮތުން، މި ހަފުތާއިން ފެށިގެން ވަނީ، އިސްލާހީ އެޖެންޑާއާ ދެކޮޅު މުޒާހަރާތައް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ.

ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތައް ހިމަނައިގެން އެ ގައުމުގައި މިހާތަނަށް އެކުލަވައިލި، ދީނީ ގޮތުން އެންމެ ހަރުކަށި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ގާނޫނުތަކަށް ބަދަލު ގެނެސްގެން، ކޯޓުތަކަށް ލިބިފައިވާ ބައެއް ބާރުތައް ހަނިކޮށް މަޖިލީހުގެ ދައުރު ފުޅާކުރުމަށެވެ. އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމުގައި މަޖިލީހުގެ ކޮމިޓީއަށް ލިބިދީފައިވާ ބާރުތައް، ސަރުކާރަށް ލިބޭ ގޮތަށް ބަދަލުކުރުމަށެވެ.

މި ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.

އެ ބިލުތަކުގެ ތެރެއިން، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމާ ބެހޭ ގޮތުން ގާނޫނަށް ހުށަހެޅި އިސްލާހުތައް، މިދިޔަ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހުތައް ފާސްވީ، ޖުމްލަ 120 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 47 މެމްބަރުންނެވެ.

މި ބިލު ފާސްވުމާއެކު، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގައި ހިމެނޭ ވަޒީރުން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު، އެ ގައުމުގެ ބަންޑާރަ ނައިބަށް ގެއްލުނީ އެވެ. އޭގެ ބަދަލުގައި، ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތެއްގެ ސަބަބުން، ބޮޑުވަޒީރު ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅޭނީ، ކެބިނެޓްގެ ހަތަރު ބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތުންނެވެ. އަދި ވަޒީރަކު މަގާމަށް ނާގާބިލުވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބެނީ ބޮޑުވަޒީރަށެވެ.

ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވީ މި އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އާއި ބޮޑެތި ސަހަރުތަކުގައި، އެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް ވަނީ މުޒާހަރާކުރަން ފަށައިފަ އެވެ.

އިޒްރޭލުގެ ބާރު ގަދަ އަސްކަރިއްޔާ ވެސް ހިމެނޭ ގޮތުން، އިޒްރޭލުގެ އާންމު މުޖްތަމައުގެ ހުރިހާ ދާއިރާތަކުން ވަނީ އެ އިސްލާހީ އެޖެންޑާއާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ވެރިރަށް ތެލް އަބީބްގައި އިއްޔެ ކުރި މުޒާހަރާތަކުގައި ބައިވެރިވި އެތައް ހާސް ބަޔަކު ވަނީ، ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅު ކައިރިއަށާއި ގާނޫނު ހަދާ މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލައިފަ އެވެ.

މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުން، މާބޮޑު މަސައްކަތެއް ނުކުރާ ކަމުގެ ތުހުމަތާ އެކު، އިސްލާހީ އެޖެންޑާގެ މަސައްކަތް މަޑުޖައްސައިލަން ނިންމެވިކަން، ނަތަންޔާހޫ އިއުލާން ކުރެއްވީ ރޭގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ހައްދުފަހަނައެޅި ބައިމަދު" ޖަމާއަތުގެ މީހުން މަސައްކަތް ކުރަނީ ގައުމު ބައިބައި ކުރުމަށެވެ.

އިސްލާހީ އެޖެންޑާގެ މަސައްކަތް މަޑުޖައްސައިލަން ނިންމެވިކަން އިއުލާން ކުރެއްވި ނަމަވެސް، އެ މަސައްކަތް މުޅިން ހުއްޓައިލެއްވީ ކަމަކަށް ނަތަންޔާހޫ ވިދާޅެއްނުވެ އެވެ. ނަމަވެސް މުޒާހަރާ ކުރާ މީހުން ބޭނުންވަނީ، އިސްލާހީ އެޖެންޑާގެ މަސައްކަތް މަޑުޖައްސައިލުމުގެ ބަދަލުގައި، އެ މަސައްކަތް މުޅިން ހުއްޓައިލުމަށެވެ. ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ، ޖުވިޝް ޕަވާ ޕާޓީން ބުނި ގޮތުގައި އިސްލާހީ އެޖެންޑާގެ މަސައްކަތް ފަސްކޮށްލުމަށް މަޖިލީހަށް ހުށަހަޅައިފި ނަމަ އެކަން ވީޓޯ ކުރުމަށް އެ ޕާޓީން އޮތީ ނިންމައިފަ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ދެން އޮންނަ ދައުރެއްގައި، އެ މަސައްކަތް އަލުން ފަށާނެ ކަމުގެ ޔަގީންކަން ނަތަންޔާހޫ ދެއްވާފައިވާތީ، ވީޓޯ ނުކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.