Roadha Mihaaru
އިޒްރޭލު ރައްޔިތުން ދެކޮޅު ހަދާ ބިލުތައް ބަލައިގެންފި

އިޒްރޭލު ރައްޔިތުން ދެކޮޅު ހަދާ ބިލުތައް މަޖިލީހަށް ބަލައިގެންފި

14 މާޗް 2023

އިޒްރޭލުގެ ޝަރުއީ ދާއިރާގެ ބާރު ވަރަށް ބޮޑަށް ހަނިވާ ގޮތަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، އެ މަޖިލީހުގެ ފުރަތަމަ މަރުހަލާގައި މިއަދު ފާސްކޮށްފި އެވެ.

އިޒްރޭލުގެ ޝަރުއީ ދާއިރާގެ ބާރު ވަރަށް ބޮޑަށް ހަނިވާ ގޮތަށް، ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، އެ މަޖިލީހުގެ ފުރަތަމަ މަރުހަލާގައި މިއަދު ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ހަފުތާއެއް ވަންދެން ބަހުސް ކުރުމަށް ފަހު، މިއަދު ނެގި ވޯޓުގައި އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން، ބޮޑުވަޒީރު މަގާމުން ދުރު ކުރެވޭ ގޮތަށް މަޖިލީހަށް ދީފައި އޮންނަ ބާރުތައް ހަނިވާ ގޮތަށް ހުށަހެޅި ބިލު ވެސް، ރޭ ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ.

އެ ބިލު މަޖިލީހުން ފާސްކޮށް ގާނޫނަކަށް ވެއްޖެ ނަމަ، ބޮޑުވަޒީރުގެ މަގާމުގައި ހުންނަ މީހަކު މަގާމުން ދުރުކުރުމަށް މަޖިލީހުން ފާސްކުރެވޭނީ އެންމެ ދެ ހާލަތެއްގަ އެވެ. އެއީ އެ މަގާމު އަދާކުރުމަށް އުޒުރުވެރިވާ ފަދަ ޖިސްމާނީ ނުވަތަ ބުއްދީގެ ނުކުޅެދުންތެރިކަމެއް ކުރިމަތިވުމެވެ.

ނަތަންޔާހޫގެ ސަރުކާރުން މިބިލުތައް މަޖިލީހަށް ހުށަހެޅި، ހަރުކަށި ޔަހޫދީ ޕާޓީތައް ހިމަނައިގެން ނަތަންޔާހޫ އެކުލަވައިލި ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށެވެ. އަދި ނަތަންޔާހޫގެ މައްޗަށް ދައުވާކުރާ ކޮރަޕްޝަންގެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކޯޓު މަރުހަލާގައި އެބަ އޮތެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ބަލައިގަތް ތިން ވަނަ ބިލަކީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިތުރު އާބާދީތައް ހެދުން ހުއްދަކުރާ ބިލެކެވެ. މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، މީގެ ކުރިން ފަލަސްތީނުގެ ބިންތަކުގައި، ގާނޫނާ ޚިލާފަށް ބިނާކޮށްފައި ހުރި ކަމަށް ބެލެވޭ ޔަހޫދީންގެ އެޕާޓްމަންޓް އިމާރާތްތަކަކީ ވެސް ގާނޫނީ ގޮތުން ހުއްދަ ތަންތަން ކަމުގައި ވެގެން ދާނެ އެވެ.

މި ބިލުތަކާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން އަންނަތާ މިހާރު 10 ހަފުތާ ވެއްޖެ އެވެ. މުޒާހަރާގެ ބައިވެރިން މިހާރު އެންމެ އާންމުކޮށް ފާޅުކުރަމުންދާ ޝުއޫރުގައި ބުނަނީ "އިޒްރޭލު ޑިކްޓޭޓާޝިޕަކަށް ވާން ދޫކޮށްނުލެވޭނެ" ކަމަށެވެ.

މުޒާހަރާގެ ބައިވެރިންނާއި އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވާ ގޮތުގައި، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުތަކުގެ ހަގީގީ މަގްސަދަކީ، ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ރެކިގަތުމެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތައް އެ ގޮތަށް ފާސްކޮށް ތަސްދީގުކޮށްފިއްޔާ، އިޒްރޭލުން ޑިމޮކްރެސީއެއްގެ ސިފަތައް މުޅިން ގެއްލިގެން ދާނެ އެވެ.

ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.