Roadha Mihaaru
އިޒްރޭލުގެ ވެރިރަށުގައި ބޮޑު ހަމަނުޖެހުމެއް

އިޒްރޭލުގެ ވެރިރަށުގައި ބޮޑު ހަމަނުޖެހުމެއް

03 ސެޕްޓެމްބަރ 2023

އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި، އެރިޓްރިއާ ދަރިކޮޅުގެ ދެ ޖަމާއަތެއްގެ ދެމެދުގައި އިއްޔެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި، އެރިޓްރިއާ ދަރިކޮޅުގެ ދެ ޖަމާއަތެއްގެ ދެމެދުގައި އިއްޔެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

އިއްޔެ ހަމަނުޖެހުންތައް ފެށުނީ، އެރިޓްރިއާގެ މިނިވަން ދުވަސް ފާހަގަކުރުމަށް، ތަލް އަބީބްގައި ހުންނަ އެރިޓްރިއާ އެމްބަސީގައި ބޭއްވި ރަސްމިއްޔާތަކަށް، އެރިޓްރިއާ ސަރުކާރާ ދެކޮޅު ބަޔަކު ވަދެ އެ ކަމަށް ހުރަސްއަޅަން ފެށުމުންނެވެ. މި ހަމަނުޖެހުންތަކުގައި ބައިވެރިވި އެންމެންނަކީ ވެސް، އެރިޓްރިއާ އިން އިޒްރޭލަށް ހިޖުރަކޮށް، އިޒްރޭލުގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.

އެރިޓްރިއާ ސަރުކާރާ ދެކޮޅު މީހުންތައް އެމްބަސީގެ ތެރެއަށް ވަންނަން ފެށުމުން، އެމްބަސީގެ ތެރޭގައި ތިބި އެރިޓްރިއާ ސަރުކާރަށް ތާއީދުކުރާ މީހުން އެކަމަށް ހުރަސްއަޅަން ފެށި އެވެ. އެއާ އެކު ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް އުފެދި، އެމްބަސީގެ ގޯތި ތެރެއިން މަގުތަކަށް ނުކުމެ، މަގުމަތީގައި ދެ ބައިމީހުންގެ މެދުގައި ކުރިމަތިލުން ހިންގަން ފެށި އެވެ.

އެރިޓްރިއާ ރައްޔިތުން ތަލް އަބީބްގެ މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ހިންގަން ފެށުމާ ގުޅިގެން، އިޒްރޭލު ފުލުހުން ހަތިޔާރާ އެކު ނުކުމެ، އެމީހުން މައިތިރި ކުރަން މަސައްކަތް ފެށި އެވެ. ފުލުހުން އެމީހުން ކޮންޓްރޯލް ކުރަން މަސައްކަތް ފެށުމާއެކު، އެމީހުން ފުލުހުންނަށް ވެސް ހަމަލާ ދޭން ފެށި އެވެ.

ފުލުހުންނާ ދިމާލަށް ގަލާއި ލަކުޑިބުރި އަދި ދަގަނޑުބުރި ފަދަ ތަކެތި އުކައި، ފުލުހުންނަށް ހުރަސް އެޅުމުގެ ގޮތުން ޓަޔަރު ފަދަ ތަކެތީގައި ހުޅު ޖެހި އެވެ. އަދި މަގުމަތީގައި ޕާކްކޮށްފައި ހުރި އާންމުންގެ އުޅަނދުތަކުގައި ރޯކޮށް ފުލުހުންގެ އުޅަނދުތަކުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދިނެވެ.

މި ހަމަނުޖެހުންތައް މައިތިރި ކުރުމަށް އިޒްރޭލު ފުލުހުން ވަނީ އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހައިފަ އެވެ. ތަފާތު އަނިޔާތައް ލިބިގެންނާއި ޒަޚަމްވެގެން 114 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އިޒްރޭލު ސަރުކާރުން ބުންޏެވެ. އޭގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް އެވެ.

އެރިޓްރިއާގެ ރެފިއުޖީންގެ މެދުގައި ފެށުނު މި ހަމަނުޖެހުން އެންމެ ފަހުން ބަދަލުވެގެން ދިޔައީ އެމީހުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމަކަށެވެ. ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުން ހިންގި މީހުން ދިން ހަމަލާތަކުގެ ސަބަބުން އިޒްރޭލު ފުލުހުން 30 މީހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބުނެވެ.