Roadha Mihaaru
ކެނެޑާ ސަރުކާރުގެ ޑިވައިސްތަކަށް ޓިކްޓޮކް ނުލިބޭނެ

ކެނެޑާ ސަރުކާރުގެ ޑިވައިސްތަކަށް ޓިކްޓޮކް ނުލިބޭނެ

06 މާޗް 2023

ކެނެޑާ ސަރުކާރުން ބޭނުންކުރާ އެއްވެސް ޑިވައިސްއަކުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކެނެޑާ ސަރުކާރުން ބޭނުންކުރާ އެއްވެސް ޑިވައިސްއަކުން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި އެވެ.

އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މިގޮތަށް ނިންމީ ޗީފް އިންފޮމޭޝަން އޮފިސަރުގެ ރިވިއުއަކަށް ފަހު، ޓިކްޓޮކުން ޕްރައިވެސީ އަދި ސެކިއުރިޓީއަށް ނުރައްކާ އޮތް ކަމަށް ބުނުމުންނެވެ.

އެ ނިންމުމާ މެދު ޓިކްޓޮކުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު މީގެ ކުރިން ޔޫރަޕިއަން ކޮމިޝަނުން ވެސް ވަނީ މިފަ ނިންމުމެއް ނިންމައިފަ އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެ ބަދަލު ގެންނަން ޖެހޭ ވަރުގެ އެކަށީގެންވާ ކަންބޮޑުވުންތަކެއް އެ އެޕާ މެދު އޮތްކަމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޫ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޫ

"މިއީ (ޓިކްޓޮކާ ދެކޮޅަށް) ފުރަތަމަ ނިންމުމަށް ވެސް ވެދާނެ. ނުވަތަ ހަމައެކަނި ނިންމުމަށް ވެސް ވެދާނެ،" ޖަސްޓިން ވިދާޅުވި އެވެ.

ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި ޗައިނާ ސަރުކާރާ ގުޅުން އޮންނަކަމަށް ތުހުމަތުކޮށް ބައެއް ގައުމުތަކުން އަންނަނީ ޓިކްޓޮކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާއިން ވެސް އެގައުމުގެ ފެޑަރަލް އޭޖެންޓުންނަށް ޓިކްޓޮކް ބޭނުންކުރުން މަނާކޮށް، މިހާރު ވަނީ ސަރުކާރުގެ އޭޖެންސީތަކަށް، 30 ދުވަސްތެރޭ އެ އެޕް ޑިވައިސްތަކުން ފޮހެލަން އަންގައިފަ އެވެ.

އޭގެ އިތުރުން، އެއަށް ވުރެ ފުޅާ ދާއިރާއެއްގައި ޓިކްޓޮކާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން، އިންޑިއާ އަދި ބައެއް އޭޝިއާގެ ގައުމުތަކުން ވަނީ ޓިކްޓޮކް އެއްކޮށް މަނާކޮށްފަ އެވެ.

ޓިކްޓޮކުން އަބަދުވެސް އަންނަނީ، ޗައިނާގެ ސަރުކާރާ ގުޅުން އޮންނަކަމަށް ކުރާ ތުހުމަތު ދޮގުކުރަމުންނެވެ. އަދި ޗައިނާއާ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ބޭނުންކުރާ ޓިކްޓޮކްގެ އެޕް ތަފާތުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެކަމަކު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ ޗައިނާގެ ޓިކްޓޮކް ސްޓާފުންގެ ތެރެއިން ބައެއް މީހުންނަށް ޔޫރަޕްގެ ޔޫސާއިންގެ މައުލޫމާތު އެނގޭނެކަން ހާމަކޮށްފަ އެވެ.

ކެނެޑާގެ ނިންމުމަށް ރައްދު ދެމުން ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމުން ޓިކްޓޮކް މަނާމުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ބުނެނުދީ ކަމަށާއި މިކަމާ ބެހޭ ގޮތުން އެ ކުންފުންޏާ އެއްވެސް ވަރަކަށް ވާހަކަ ވެސް ދައްކާފައި ނެތް ކަމަށެވެ.

ޓިކްޓޮކް ބޭނުންކުރަނީ.

ޓިކްޓޮކް ބޭނުންކުރަނީ.

"ކެނެޑާ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރާ ގޮތް ކިޔައިދޭން އަހަރަމެން މިތިބީ ސަރުކާރުގެ އޮފިޝަލުންނާ އެކު މަޝްވަރާކުރަން ތައްޔާރަށް. އެކަމަކު، ވަކިން ޓިކްޓޮކަށް އަމާޒުކޮށްގެން އެފަދަ ނިންމުންތައް ނިންމަންޏާ އެކަމެއް ހާސިލެއް ނުވާނެ،" ޓިކްޓޮކްގެ ތަރުޖަމާނަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ނިކުންނާނެ ހަމައެކަނި ނަތީޖާ އަކީ އެތައް މިލިއަން ކެނެޑާ ރައްޔިތުންނެއް ލޯބިކުރާ އެޕްލިކޭޝަނެއް މެދުވެރިކޮށް ސަރުކާރުގެ އޮފިޝަލުންނަށް އެމީހުންނާ ބައްދަލު ނުކުރެވޭ ގޮތް ވުމެވެ.