Roadha Mihaaru
އެމެރިކާ، މެކްސިކޯ، ކެނެޑާގެ ރައީސުން ބައްދަލުކުރަނީ

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގެ ރައީސުން ބައްދަލުކުރައްވަނީ

11 ޖެނުއަރީ 2023

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މެކްސިކޯގެ ރައީސް އަންދްރޭ މެނުއަލް ލޮޕޭޒް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ މަހާސިންތާއެއް މެކްސިކޯގައި އިއްޔެ ބާއްވައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މެކްސިކޯގެ ރައީސް އަންދްރޭ މެނުއަލް ލޮޕޭޒް އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ މަހާސިންތާއެއް މެކްސިކޯގައި އިއްޔެ ބާއްވައިފި އެވެ.

މިއީ 2021 ވަނަ އަހަރުގެ ފަހުން މި ތިން ގައުމުގެ ރައީސުންގެ މަހާސިންތާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޖެހިޖެހިގެން އޮންނަ މި ތިން ގައުމުގެ ވެރިންގެ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ތިން ބޭފުޅުން މަޝްވަރާ ކުރެއްވީ ތިން ގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް، ހިންގާ ޣައިރު ގާނޫނީ އަމަލުތަކާ ބެހޭ ގޮތުންނެވެ.

އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި އާއި ހިއުމަން ޓްރެފިކްގެ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އެއްގަމު މަގުން ވަގަށް ހިޖްރަކުރާ މީހުންގެ މައްސަލަ ހައްލުކުރާނެ ގޮތަކާ މެދު ވެސް ތިން ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ތިން ވެރިންގެ މި ބައްދަލުކުރުމުގައި، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. އޭގެ ތެރޭގައި ޔޫކްރޭން ހަނގުރާމައިގެ މައްސަލަ އާއި ތިމާވެށީގެ މައްސަލަތަކާއި ފެހި ހަކަތައިގެ ދާއިރާ ފުޅާ ކުރުމުގެ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަމުން ބައިޑެން ވިދާޅުވީ، ޕެރިސް އެގްރީމެންޓްގެ ދަށުން، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރަން އަމާޒު ހިފާފައިވާ އިރު، އުތުރު އެމެރިކާ ސަރަހައްދުގައި، ތިމާވެއްޓާ ރަހުމަތްތެރި ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ބައިޑެންގެ ވާހަކަތަކާ ގުޅިގެން، މެކްސިކޯގެ ރައީސް އަންދްރޭ މެނުއަލް ލޮޕޭޒް ވިދާޅުވީ ފެހި ހަކަތައިގެ އެއްބަސްވުމެއްގައި އެމެރިކާއާ އެކުގައި ސޮއިކުރުމަށް މެކްސިކޯ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެ ގޮތުން އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް އެމެރިކާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަތަކުގެ އިތުރުން އިގްތިސާދީ ގޮތުން އުތުރު އެމެރިކާ ސަރަހައްދު އިތުރަށް ތަރައްގީކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ތިން ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.