Roadha Mihaaru
ކެނެޑާގެ ބޮޑުވަޒީރު ކާވެނި ރޫޅާލައްވައިފި

ކެނެޑާގެ ބޮޑުވަޒީރު ކާވެނި ރޫޅާލައްވައިފި

03 އޯގަސްޓް 2023

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ ގްރިގުއާ ޓްރޫޑޯ އެއްބަސްވެވަޑައިގެން، 18 އަހަރުވީ ޒަވާޖީ ހަޔާތް ނިންމަވާލައްވައި، އިއްޔެ އެކަން އާންމުކޮށް އިއުލާން ކުރައްވައިފި އެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އަނބިކަނބަލުން ސޯފީ ގްރިގުއާ ޓްރޫޑޯ އެއްބަސްވެވަޑައިގެން، 18 އަހަރުވީ ޒަވާޖީ ހަޔާތް ނިންމަވާލައްވައި، އިއްޔެ އެކަން އާންމުކޮށް އިއުލާން ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުގެ ފަރާތުން އިންސްޓަގްރާމްގައި އިއްޔެ އާންމުކުރެއްވި ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވަނީ ކާވެނި ރޫޅައިލެއްވި ނަމަވެސް، ލިބިވަޑައިގެންފައިވާ ތިން ބޭފުޅުން ބަލައި ބޮޑުކުރެއްވުމުގެ ކަންތަކުގައި ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމަށެވެ. ދެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވަނީ 15 އަހަރާއި 14 އަހަރުގެ ދެ ދަރިކަނބަލުންނާއި ނުވަ އަހަރުގެ ދަރިކަލެކެވެ.

ދެ ބޭފުޅުން ވަކިވެވަޑައިގަތުމަށް ފަހު، ތިން ކުދިން ވެސް ދިރިއުޅެމުން ގެންދަވާނީ ބައްޕާފުޅާއެކު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ. ކުދިންގެ މަންމަ ދިރިއުޅުއްވަމުން ގެންދަވާނީ ބޮޑުވަޒީރުގެ ގެކޮޅާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ އެހެން އެޕާޓްމެންޓެއްގަ އެވެ.

ދެ ބޭފުޅުން ވަކިން ދިރިއުޅުއްވި ނަމަވެސް، ދަރިންނަށް އެކަމުގެ އަސަރުކުރާ މިންވަރު ކުޑަކުރުމުގެ ގޮތުން، ސޯފީ ގިނަ ވަގުތު ހޭދަކުރައްވާނީ ދަރިންނާއެކު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ. ކާވެނި ރޫޅުނަސް ދެ ބޭފުޅުން ވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، މައިންބަފައިންގެ ލޯތްބާއެކު ދަރިން ބޮޑެތިކުރުމަށް ކަމަށް ދެ ބޭފުޅުންގެ ބަޔާނުގައިވެ އެވެ.

ކާވެނި ރޫޅައިލިކަން އިއުލާން ކުރެއްވި ބަޔާނުގައި ދެ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ޒަވާޖީ ހަޔާތް ނިމުމަކަށް ގެނައީ، ދުވަސްތަކެއް ވަންދެން ދެ ބޭފުޅުންގެ މެދުގައި ކުރެވުނު އުނދަގޫ އެހެނަސް މާނަހުރި ގިނަ މަޝްވަރާތަކަކަށް ފަހު އެވެ. އަދި ދެ ބޭފުޅުން އެކަކު އަނެކަކަށް ފުރިހަމައަށް އިހްތިރާމް ކުރެއްވުމުގައި ދެމިތިއްބަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ކެނެޑާގެ އެންމެ ކާމިޔާބު ސިޔާސީ ލީޑަރުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަން ޓްރޫޑޯ، 51، ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރު އެވެ. ސޯފީއަކީ މޮޑެލެއްގެ ގޮތުގަ އާއި ޓީވީ ޕްރޮގްރާމްތައް ހުށަހަޅުއްވައިދެއްވުމުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ކެނެޑާގެ މަޝްހޫރު ފަންނާނެކެވެ.

ދެ ބޭފުޅުން ކާވެނި ބައްލަވައިގަތީ، ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ ދެ އަހަރު ފަހުން 2005 ވަނަ އަހަރުގެ ތެރޭގަ އެވެ. ދެ ބޭފުޅުންނަކީ ތުއްޕުޅު ދުވަސްވަރުން ފެށިގެން ވެސް ގާތް ދެ އެކުވެރިންނެވެ.

އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ދެ ބޭފުޅުން ކާވެނިބައްލަވައިގަތުމާ ގުޅިގެން، ކެނެޑާގެ އާންމުންގެ މެދުގައި ދެ ބޭފުޅުންގެ މަގުބޫލުކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ. ނަމަވެސް ހަގު ދަރިކަލުން ލިބިވަޑައިގަތް ފަހުން، ދެ ބޭފުޅުންގެ މެދުގައި ތަފާތު މައްސަލަތައް ޖެހި، އާންމުންނާ ހަމައަށް އެކަންތައް ތިލަވާން ފެށިތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ އެވެ.