Roadha Mihaaru

އާމިރް ޚާން ބުނަނީ ކާމިޔާބީ ފެނުނީ ވަރިއާ ހިސާބުން ކަމަށް

ކައިވެނީގައި އޭނާއަކީ އެހާ ކާމިޔާބު މީހެއް ނޫން ކަމަށާއި ކާމިޔާބީ ފެނުނީ ވަރިއާ ހިސާބުން ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން ބުނެފި އެވެ.

ކާމިޔާބީ ފެނުނީ ވަރިއާ ހިސާބުން: އާމިރް ޚާން

ކައިވެނީގައި އޭނާއަކީ އެހާ ކާމިޔާބު މީހެއް ނޫން ކަމަށާއި ކާމިޔާބީ ފެނުނީ ވަރިއާ ހިސާބުން ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރް ޚާން ބުނެފި އެވެ.

އާމިރް އިންޑިއާގެ "ޒޫމް"އަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބުނީ ކައިވެންޏާއި ވަރީގެ މައްސަލަތަކަކީ ކޮންމެ އާއިލާއެއްގެ ތެރޭގައި ވެސް ހިނގާ ކަންކަން ކަމަށާއި އޭނާގެ ދިރިއުޅުމުގައި ވެސް އެ ކަންކަން ތަޖުރިބާކުރަން ޖެހުނު ކަމަށެވެ.

ޒަވާޖީ ހަޔާތުގައި ދިމާވާ އެކި ކަންކަމުގެ ސަބަބުން އެ ގުޅުމަށް އަސަރު ކުރިޔަސް، ހިތާ ދެކޮޅަށް ވެސް ބައެއް ފަހަރު އެކީގައި އުޅެން ޖެހިފައި އެބަހުރި ކަމަށް އާމިރް ބުންޏެވެ.

އުފަލުގައި އުޅޭ ކަމަށް ދެއްކެން ވެސް މަސައްކަތްކުރަން ޖެހުނު ކަމަށް އާމިރް ބުންޏެވެ.

"އަހަންނަކީ ކައިވެނީގައި ކާމިޔާބު މީހެއް ނޫން. އެކަމަކު ވަރީގައި އަހަރެން ވަރަށް ކާމިޔާބު،" އާމިރް ބުންޏެވެ.

އާމިރް މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެ އެވެ. އެއީ ރީނާ ދައްތާ އާއި ކިރަން ރާއޯއާ އެވެ.

ރީނާއާ ކައިވެނިކުރީ ޒުވާން ޖޯޝުގައި ވަރަށް އަވަސް އަރުވާލައިގެން، ކައިވެންޏަކީ ކިހާ ޒިންމާދާރު އަދި މުހިންމު ގުޅުމެއްކަން ނޭނގި ކަމަށް އާމިރް ބުނެފައިވެ އެވެ. އާމިރް ބުނެފައިވާ ގޮތުގައި، އެ ކައިވެނި ރޫޅުނީ އަނބިމީހާއަށް އިސްކަމެއް ނުދެވި، ހަމައެކަނި މަސައްކަތުގައި އަބަދު އުޅެން ހަދައިގެން ދެ މީހުން އެކުގައި ވަގުތު ހޭދަނުކުރެވި އެކި މައްސަލަތައް ޖެހިގެންނެވެ. އެ ކައިވެންޏަށް 16 އަހަރު ފަހުން އެ ދެމީހުން ވަކިވި އިރު، ދެ ކުދިން ވެސް ތިބެ އެވެ.

އާމިރް ދެން ކައިވެނިކުރި، ބޮލީވުޑްގެ ޕްރޮޑިއުސަރު ކިރަންއާ ވަރިވީ ވެސް 16 އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހުގަ އެވެ. އެ ކައިވެނި ރޫޅާލަން ބޭނުންވީ ކިރަން އެވެ. އެ ކައިވެނި ރޫޅާލިޔަސް، އެ ދެމީހުންގެ މެދުގައި ރަހުމަތްތެރި ކަމުގެ ގުޅުން އަދިވެސް ބާއްވާ ކަމަށް އާމިރް އާއި ކިރަން ވެސް ބުނެފައިވެ އެވެ. އެ ދެމީހުންގެ އެއް ކުއްޖަކު ހުރެ އެވެ.

އާމިރް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ ކުރީގެ ރައްޓެއްސެއް ކަމަށްވާ ވިޔަފާވެރިޔާ ގޯރީ ސްޕްރަޓްއާ އެވެ. އާމިރް އޭނާގެ އާ ލޯބިވެރިޔާ ތައާރަފުކޮށްދިނީ އޭނާގެ 60 ވަނަ އުފަންދުވަހުގެ ކުރިން މިދިޔަ މާޗު މަހު މުމްބާއީގައި ނޫސްވެރިންނާ ބައްދަލުކުރަން ބޭއްވި އިވެންޓެއްގަ އެވެ.

ގޯރީއަކީ ބެންގަލޫރުގައި ސެލޫނެއް ހިންގާ މީހެކެވެ. އަދި އޭނާގެ މުޅި އުމުރު ދިރިއުޅުނީ ވެސް އެ ސިޓީގަ އެވެ. އޭނާ ކުރިން ކައިވެންޏެއްކޮށް، ހަ އަހަރުގެ ކުއްޖެއް ވެސް ހުރެ އެވެ. އަދި އޭނާ އާއި އާމިރްގެ ރަހުމަތްތެރިކަން އޮންނަތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި އެކަމަކު، އެ މީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ދޮޅު އަހަރު ކުރިން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އާމިރް މި ދުވަސްކޮޅު ބިޒީކޮށް އުޅެނީ އޭނާގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" މި މަހު 20 ގައި ޕްރިމިއާ ކުރުމަށެވެ.