Roadha Mihaaru

ވަރިވެ ތިން ފަށްވިތާ ފަސް އަހަރު ވި އިރު ވެސް އަންހެން މީހާ ގެއިން ނުނިކުމެގެން ކޯޓުގައި

ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެން މީހާގެ ގެއިން އަންހެން މީހާ ނުނިކުމެގެން ހުށަހެޅި މައްސަލައެއް ހައި ކޯޓާ ހިސާބަށް ދިޔަތާ ވެސް ފަސް ވަރަކަށް އަހަރު ފަހުން ހުކުމްކޮށްފި އެވެ.

ވަރިއަށް 5 އަހަރު، ގެއިން ނުނިކުތުމުން ދިޔައީ ކޯޓަށް

ވަރިކޮށް ތިން ފަށްވިތާ ފަސް އަހަރުވެގެން ދިޔައިރު ވެސް ފިރިހެން މީހާގެ ގެއިން އަންހެން މީހާ ނުނިކުމެގެން ހުށަހެޅި މައްސަލައެއް ހައި ކޯޓާ ހިސާބަށް ދިޔަތާ ވެސް ފަސް ވަރަކަށް އަހަރު ފަހުން ހުކުމްކޮށްފި އެވެ.

ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އެންމެ ފުރަތަމަ ހުކުމްކުރި މި މައްސަލައިގައި ބުނެފައިވަނީ އޮކްޓޫބަރު 22، 2019 ގައި ވަރިކޮށް ތިން ފަށް ވެފައިވާ ކަމަށާއި އެހެންވެ އަންހެން މީހާ ގެއިން ނުކުމެގެން ދާން ތަކުރާރުކޮށް ބުނެގެން ވެސް ނުނިކުތް ކަމަށެވެ. ރަށު ކޯޓަށް މައްސަލަ ހުށަހެޅުމުން ހުކުމްކުރީ ފިރިހެން މީހާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ގޭގައި އަންހެން މީހާ ބައިންދަންޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތަތީ 48 ގަޑިއިރު ތެރޭ ގެއިން ނުކުތުމަށެވެ.

އުމުރުން ދުވަސްވީ ދެ މީހެއްގެ މި މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ޖެނުއަރީ 27، 2020 ގައި ހުށަހެޅުމުން އެ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ވަނީ ފިރިހެން މީހާއާ އެއްކޮޅަށް ހުކުމްކޮށްފަ އެވެ. އެ ނިންމުން އަންހެން މީހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި ހުކުމްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެހެންވެ ހައި ކޯޓުގައި ވެސް މި މައްސަލައަށް ވަނީ ފަސް ވަރަކަށް އަހަރު ވެފަ އެވެ.

އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ ފިރިހެން މީހާއާ ތިން ވަނަ ފަހަރަށް ކައިވެނިކުރީ "ދެން އިންނާނީ މިގެއިން ނެރެ ބޭރުކޮށްނުލާނެ ކަމަށް އެއްބަސްވުމުން" ކަމަށް ބުނުމުން އެގޮތަށް ރުހިގެން ކަމަށެވެ. މިކަން ސާބިތުކުރުމަށް ދަރިން ހާޒިރުކޮށްދޭން އެދުމުން ދަށު ކޯޓުން އެކަން ނުކުރި ކަމަށް ބުނި ނަމަވެސް ހައި ކޯޓުން ބުނީ ދަރިން ހާޒިރުކޮށްދޭން އެދިފައި އޮތީ ގޭތެރޭގައި އާންމުކޮށް ކަން ހިނގާ ގޮތާއި އާއިލާގެ އުޅުން ހުރި ގޮތް ފަދަ ކަންކަން ސާބިތުކޮށްދޭން ކަމަށެވެ.

މީގެ އިތުރުން އެ ގެޔަކީ ރަށުން ގޯތި ދޫކުރި އިރު "ކާވެނިމަތީ ތިބި" މީހުންނަށް ދިން ގޯތިތަކެއް ކަމަށާއި ޕޮއިންޓް ހަމަވެ ގޯތި ލިބުނީ ކައިވެނިކޮށްގެން ތިބުމުން ކަމަށް ވާތީ އެ ގޯތީގައި އަންހެން މީހާގެ މަސްލަހަތު ވެސް އޮންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އަންހެން މީހާ ވަނީ ގޯތީގައި އިމާރާތްކުރުމާއި ގޭގެ ހަރަދުތަކަށް އެއްވެސް ހޭދައެއްކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.

ކާވެނިކޮށްގެން ތިބި އިރު ލިބިފައިވާ މުދާ ބެހުމާ ގުޅޭ އެއްވެސް ވާހަކައެއް ޝަރީއަތުގައި ދެ މީހުން ވެސް ދައްކައިފައެއް ނުވެ އެވެ. މުދާ ބެހުމާ ބެހޭ އެއްބަސްވުމެއް ވެސް ދެމަފިރިންގެ މެދުގައި ހަދައިފައެއް ނުވެ އެވެ.

މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ އެކަމަށް ރިއާޔަތް ނުކޮށް ކަމަށާއި ގާނޫނުގެ އިތުރުން އިސްލާމީ ޝަރީއަތުގައި ކަންކަން އޮންނަ ގޮތަށް ވެސް ބަލަންޖެހޭނެ ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.

ހައި ކޯޓުން މައްސަލަ ނިންމި އިރު ބުނެފައިވަނީ ގޯތި ލިބުނީ ކާވެނިކޮށްގެން ތިބުމުން ކަމަށް ވާތީ ގޯތީގައި އަންހެން މީހާގެ މަސްލަހަތެއް އޮންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކަށް ރިއާޔަތްކޮށް ހައި ކޯޓުގެ ހުކުމުގައި ވަނީ ގޯތި ލިބުމުގެ މައިގަނޑު އަސްލަކީ ކާވެނިކޮށްގެން ހުރުން ކަމަށް ވާތީ "ގޯތި ހޯދައި ގޯތީގައި ދިރިއުޅުން އާރާސްތުކުރުމުގައި" ދެމަފިރިންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށެވެ.

އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ އަންހެން މީހާ ބުނާ ކަންކަން ސާބިތުކޮށްދިނުމަށް ދަށު ކޯޓަށް، ގާނޫނުގައި ބުނާ ގޮތުގެ މަތިން ކިތާބީ އަދި ޝަފަހީ ހެކި ލިޔުމުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހެކި ހުށަހަޅާފައި ނުވާނެ ކަމަށް، އަންހެން މީހާ ހައި ކޯޓުގައި ވެސް ބުންޏެވެ.

އެހެންވެ، ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރައްވައި ހުކުމް ކުރެއްވީ ދައުވާކުރާ މީހާ ބުނާ ނުކުތާތަކުގެ މައްޗަށް އެކަނި ބަލައިގެން އިސްތިއުނާފު ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުން ފިރިހެން މީހާއާ އެއްކޮޅަށް ކުރި ހުކުމް އަދިވެސް ދެމި އޮތް އިރު، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް 30 ދުވަހުގެ މުއްދަތު ލިބޭނެ އެވެ.