Roadha Mihaaru
ހޭންޑްބޯޅައިގެ އަރަމުން އަންނަ ތަރިއަކީ ލީމް

ލީމް: ހޭންޑްބޯޅައަކީ ކުޅިވަރެއްކަން ވެސް ކުރިން ނޭނގުނު، މިހާރު އެންމެ އުންމީދީ ތަރި

07 މާޗް 2023

އުމުރުން 11 އަހަރުގައި ސްރީ ލަންކާގައި ކިޔަވަމުން ދިޔައިރު ފާތިމަތު ލީމް ރިޝާދަށް ހޭންޑްބޯޅައަކީ ކުޅިވަރެއް ކަން އެނގުނީ ވެސް ސްކޫލުގައި އޮތް އިންޓަ ހައުސް މުބާރާތަކުންނެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުމުރުން 11 އަހަރުގައި ސްރީ ލަންކާގައި ކިޔަވަމުން ދިޔައިރު ފާތިމަތު ލީމް ރިޝާދަށް ހޭންޑްބޯޅައަކީ ކުޅިވަރެއް ކަން އެނގުނީ ވެސް ސްކޫލުގައި އޮތް އިންޓަ ހައުސް މުބާރާތަކުންނެވެ.

ތަޖުރިބާ ކޮށްލަން ކުޅެލި މުބާރާތުން ކުޅިވަރަށް ހިތް ޖެހިގެން އޭރު ވައިޑީޕީ އާ ގުޅުނެވެ. އެކަމަކު ހޭންޑްބޯޅައިގެ އަސްލު ފެށުމަކީ އޭރު ކުޅުނު ލަންކާގެ ކުލަބް ސްޓްރައިކާޒް ގެ ކުޑަ ޓީމު ވޯރިއާސް އާ ގުޅުނު ހިސާބެވެ. ކުޅިވަރުގެ ބޭސިކްސް ދަސްކުރީ އެ ކުލަބުގަ އެވެ.

"ހޭންޑްބޯޅަ އޭ ބުންޏަސް މިއީ ކުޅިވަރެއްކަން ހަގީގަތުގައި އެނގުނީ ލަންކާގައި އިންޓަ ހައުސް މުބާރާތަކުން. ފުރަތަމަ އިންޓަ ހައުސް ކުޅެފައި ދެން ވައިޑީޕީ އަށް ޖޮއިން ކުރީ. ހަމަ އެ ދުވަސްކޮޅު ލަންކާގެ ހޭންޑްބޯލް ކްލަބް، ސްޓްރައިކާސް ގެ ޖޫނިއާ ޓީމް ވޯރިއާސް އާ ގުޅުނީ. އެއީ އަސްލު ހަގީގަތުގައި ހޭންޑްބޯޅައިގެ ފެށުން." ލީމް ބުންޏެވެ.

އުމުރުން 15 އަހަރުގެ ލީމް، ފުރަތަމަ ހޭންޑްބޯޅަ ކުޅެން ފެށީ ލަންކާގައި އިންޓަ ހައުސް މުބާރާތަކުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން 15 އަހަރުގެ ލީމް، ފުރަތަމަ ހޭންޑްބޯޅަ ކުޅެން ފެށީ ލަންކާގައި އިންޓަ ހައުސް މުބާރާތަކުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވޯރިއާސް އާ ގުޅުނު ހިސާބުން ލީމްގެ ހުނަރު ކުރި އެރި އެވެ. ޖެހިގެން އައި އަހަރު އޮތް އިންޓަ ހައުސް މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާ ހޯދި އެވެ. ފައިނަލުގައި ބަލިވެގެން ވެސް ލީމް ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައި މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިފަ އެވެ.

ސްރީ ލަންކާ އަށް 2016 ގައި ލީމްގެ އާއިލާ ދިރިއުޅުން ބަދަލު ކުރި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އަލުން ރާއްޖެ ބަދަލުވީ 2021 ގަ އެވެ. ރާއްޖެ އައިސް ލީމް ވަނީ ރާއްޖޭގެ ރެޑް ހޯކްސް އާއެކު ޕްރެކްޓިސް ކޮށްފަ އެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް ސީނިއާ މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ނޯންނާތީވެ އެ އަހަރު އެއްވެސް މުބާރާތެއްގައި އޭނާ ނުކުޅެ އެވެ. އެކަމަކު މިދިޔަ އަހަރު ހޭންޑްބޯލް މޯލްޑިވްސް އިން އެ ގަވާއިދު އިސްލާހު ކުރުމާ އެކު އުމުރުން 14 އަހަރުގައި ލީމްގެ ފުރަތަމަ މުބާރާތަކަށް ވީ އެސޯސިއޭޝަން ޗެމްޕިއަންޝިޕެވެ. އެއަށް ފަހު ގައުމީ މުބާރާތުގައި ކުޅުނެވެ. އެއްވަނަ ޑިވިޝަންގެ މި ދެ މުބާރާތުން ވެސް އުމުރުން ހަގު ލީމްގެ ކުޅުން ފާހަގަވި އެވެ.

ލީމް ވަނީ އުމުރުން 14 އަހަރުގައި ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާޓް ކުޅެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީމް ވަނީ އުމުރުން 14 އަހަރުގައި ރާއްޖޭގެ ހޭންޑްބޯޅަ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާޓް ކުޅެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީމް ދެކޭގޮތުގައި ލަންކާ އަށް ވުރެ ބޮޑަށް ރާއްޖޭގައި ހޭންޑްބޯޅައިގެ ކުރިމަގު އެބަ އޮތެވެ. ލަންކާގައި މުބާރާތްތައް މަދުވި ނަމަވެސް ރާއްޖޭގައި މުބާރާތްތައް ގިނަ ވުމުން ކުޅުންތެރިންގެ ކުރި އެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ވެފައި އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

"ލަންކާގައި ހަމައެކަނި ސޯސަންވިލާގައި ކުޅުނީ. މުބާރާތްތައް މަދު. ރާއްޖޭގައި އެންމެ ކޯޓެއް އޮތަސް ބައިވަރު މުބާރާތްތައް ބާއްވާ. ކުރިއެރުން ހޯދަން ގިނަ ފުރުސަތުތަކެއް އެބަ ލިބޭ،" ލަންކާ އާއި ރާއްޖޭގެ ތަޖުރިބާ އަޅާ ކިޔަމުން ލީމް ކިޔައި ދިނެވެ.

ލީމް ދެކޭގޮތުގައި ރާއްޖޭގައި ހޭންޑްބޯޅަ އިން ކުރިއަށް ދާން ގިނަ ފުރުސަތުތަކެއް އެބަ ހުރި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލީމް ދެކޭގޮތުގައި ރާއްޖޭގައި ހޭންޑްބޯޅަ އިން ކުރިއަށް ދާން ގިނަ ފުރުސަތުތަކެއް އެބަ ހުރި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތުގައި މިދިޔަ އަހަރު ދެއްކި މޮޅު ކުޅުމާ އެކު އުމުރުން 15 އަހަރުގެ ލީމް އަށް ވަނީ ސީނިއާ ގައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. ޖެނުއަރީ ފެށި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ލީމް ބައިވެރި ވި އެވެ.

ގައުމީ ޓީމްގެ ފަރިތަކުރުންތައް މެދުކަނޑާލާފައި ވަނީ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތަށެވެ. މިދިޔަ ހަފްތާ ނިމުނު އަންހެން 17 އަހަރުން ދަށުގެ މުބާރާތަކީ ލީމްގެ ފުރަތަމަ އިންޓަ ސްކޫލް މުބާރާތެވެ. މުބާރާތުގެ ދެވަނަ ހޯދި އިސްކަންދަރު ސްކޫލުގެ ޓީމަށް ކުޅުނު ލީމް ވަނީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

އެކަމަކު އޭނާއަށް އެންމެ ހާއްސަ ކާމިޔާބަކީ ގައުމީ ޓީމުން ފުރުސަތު ލިބުމެވެ.

"މިހާ އަވަހަށް ގައުމީ ޓީމުގެ ޖާގައެއް ލިބިދާނެ ކަމަށް އުންމީދެއް ނުކުރަން، އެކަމަކު އެއީ އަބަދުވެސް ސިކުނޑީގައި ބައިންދާ ކަމެއް ގައުމީ ޓީމަށް ކުޅުން. ވަރަށް ހައިރާން ވެސް ވި. މިއީ އަދި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި ދެކެނީ،" މިހާރު އިސްކަންދަރު ސްކޫލުގެ ގުރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ލީމް ބުންނެވެ.

ލީމް މި އަހަރުގެ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލުގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެނީ.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ލީމް މި އަހަރުގެ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލުގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެނީ.-- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

ލީމް ބުނީ މިހާ އަވަހަށް ސީނިއާ ގައުމީ ޓީމުގެ ޖާގައެއް ލިބިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި ނަމަވެސް އެއީ އަބަދުވެސް ހާސިލް ކުރަން ބޭނުންވި ޓާގެޓެއް ކަމަށެވެ.

ހޭންޑް ބޯޅައިގައި ލީމްގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ކުރިން ބާސްކެޓްބޯޅަ ކުޅުނު ލީމްގެ ބައްޕަ އިސްމާއިލް ރިޝާދު އެވެ. ބާސްކެޓްބޯޅަ ކޯޗެއްގެ ގޮތުަގއި ވެސް ހަރަކާތްތެރިވާ ލީމްގެ ބައްޕަ އަކީ މިހާރު ހޭންޑްބޯޅައިގެ ވެސް ކޯޗެކެވެ. ލީމް ބުނިގޮތުގައި ބައްޕަ ހޭންޑްބޯޅަ ކުޅެ، ކޯޗު ކޮށްދޭން ފެށީ ލީމް މި ކުޅިވަރުގެ ތެރޭގައި އުޅޭތީ އެވެ.

"ކުރިއަށް ދާން ވަރަށް ބައިވަރު ބައެއްގެ ސަޕޯޓް ލިބޭ، އެކަމަކު އެންމެ ބޮޑު އިންސްޕިރޭޝަނަކީ ބައްޕަ. ބައްޕަ ދަސްކޮށްދިން މި ކުޅިވަރުގެ ބައިވަރު ކަންކަން. ބައްޕަގެ ސަބަބުން އެހާ ބޮޑަށް މި ކުޅިވަރަށް ޝައުގުވެރިކަން އުފެދުނީ،" އުންމީދީ ކުޅުންތެރިޔާ ލީމް ބުންނެވެ.

ގައުމީ ޓީމުގެ ސްޓާޓިން 7 ގައި ހިމެނުމަކީ ލީމްގެ ޓާގެޓެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ސްޓާޓިން 7 ގައި ހިމެނުމަކީ ލީމްގެ ޓާގެޓެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ޖާގައާ އެކު ލީމްގެ ދެން އޮތް ޓާގެޓަކީ ފުލްކޮށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނުމެވެ. ހަގު އުމުރުގައި އެ ޓާގެޓަށް ވާސިލްވާން ޗެލެންޖް ބޮޑުކަން ލީމް ގަބޫލު ކުރެ އެވެ. އެކަމަކު އުމުރުން ކިތަންމެ ހަގުވިއަސް އެ ޓާގެޓް ހާސިލް ކުރަން އޮތް ހުރަހެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ.

"އުމުރުގެ ސަބަބުން ސްޓާޓިން 7 ގައި ހިމެނުމުގެ ފުރުސަތުތައް ވަރަށް ހަނި. އެކަމަކު އެއީ ލީމް އެކަމަށް މަސައްކަތް ކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި ނުދެކެން،" ގައުމީ ޓީމުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔާ ލީމް ބުންނެވެ.