Roadha Mihaaru
ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި 70 ޓީމު

ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި 24 ސްކޫލަކުން 70 ޓީމު

12 ފެބުރުއަރީ 2023

ސައުވީސް ސްކޫލަކުން ޖުމްލަ 70 ޓީމާ އެކު ހަމވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސައުވީސް ސްކޫލަކުން ޖުމްލަ 70 ޓީމާ އެކު ހަމވަނަ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި އެވެ.

އެންމެ ފަހުން އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ބާއްވާފައި ވަނީ 2019 ވަނަ އަހަރެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ދަނީ ފިރިހެން އަދި އަންހެން 15 އަހަރާއި 17 އަހަރުން ދަށުގެ ކެޓެގަރީ އަށް ބަހާލައިގެންނެވެ.

މުބާރާތުގައި ބައިވެރިވި 24 ސްކޫލުގެ ތެރޭގައި މާލެ ސަރަހައްދުން ބޭރު ހަތް ރަށެއްގެ ސްކޫލަކުން ވާދަ ކުރެ އެވެ. އެއީ އއ. އަތޮޅު ތައުލީމީ މަރުކަޒު، ފ. އަތޮޅު މަަރުސާ، ކ. ގުޅީ ސްކޫލް، ކ. ގުރައިދޫ ސްކޫލް، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. މާފުށީ ސްކޫލް އަދި ކ. ހުރާ ސްކޫލެވެ.

އެންމެ ގިނަ ސްކޫލު ވާދަ ކުރަނީ 17 އަހަރުން ދަށުގެ އަންހެން ބައިގަ އެވެ. އަންހެން ބައިގައި މުޅި އެކު 22 ސްކޫލަކުން ވާދަ ކުރެ އެވެ. ފިރިހެން ބައިގައި ވާދަ ކުރަނީ 16 ސްކޫލަކުންނެވެ. ފަނަރަ އަހަރުން ދަށުގެ ބައިގައި ފިރިހެން 13 ސްކޫލު ވާދަ ކުރާއިރު، އަންހެން 16 ސްކޫލަކުން ވާދަ ކުރެ އެވެ.

އަންހެން ދެ އުމުރުފުރާ އާއި ފިރިހެން 17 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށް ދާނީ ހަތަރު ގުރޫޕަކަށް ބަހާއިގެންނެވެ. ފިރިހެން 15 އަހަރުން ދަށުގެ ކެޓެގަރީގައި ޓީމުތައް ބަހާލާފައި ވަނީ ތިން ގުރޫޕަކަށެވެ. ހުރިހާ އުމުރުފުރާއެއްގެ ނޮކައުޓް ބުރު ވެސް ފަށާނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.

މިދިޔަ ދުރާސްފަތި ދުވަހު މުބާރާތް ފެށީ އަންހެން ދެ އުމުރުފުރާގެ މުބާރާތުންނެވެ. މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ އަންހެން ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހު އެވެ.

އަންހެން ބައިގެ ފައިނަލް ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެރެ އެވެ. އަދި ފިރިހެން ދެ ފައިނަލް މެޗު ކުޅުމަށް ހަމަކެހިފައި ވަނީ މާޗު 11 ވަނަ ދުވަހުގެ ރެއެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ މި އަހަރު އެކި ރަށްރަށުގައި ރެފްރީ ކޯހާއި ޑޮވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގަން ރާވައިފަ އެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ފަހު މެއި މަހު ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕް ބާއްވަން އެ އެސޯސިއޭޝަނުން ތާވަލް ކޮށްފައި ވާއިރު، ގައުމީ މުބާރާތް ތާވަލް ކޮށްފައި ވަނީ އޮކްޓޫބަރު މަހަށެވެ.

ގައުމީ މުބާރާތުގެ ކުރިން ސެޕްޓެމްބަރު މަހު އެ އެސޯސިއޭޝަނުން ވަނީ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ އޮފީސް/ ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް ބާއްވަން ތާވަލުކޮށްފަ އެވެ.