Roadha Mihaaru
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި

28 ފެބުރުއަރީ 2023

ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމުގައި އަމަލުކުރި ގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމުގައި އަމަލުކުރި ގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާ އެއްގޮތަށް ތަކެތި ފޯރުކޮށް ނުދެވުމުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ އުނިނުކޮށް، އެ ކުންފުނިތަކަށް ފައިސާ ދިނުމުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މި ވަގުތު ހުންނެވި އިދިކޮޅު ޕީޕީއެމްގެ ސެނެޓަރު ނިމާލާއެކު، ފެނަކައިގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު ދަފްތަރު ނަންބަރު 13520، މިންހާޖު ވަހީދުގެ މައްޗަށް ވެސް އެ މައްސަލައިގެ ދައުވާ އުފުލި އެވެ. އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދުނަސް ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

ޕީޖީ އޮފީހުން ބުނީ ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި އަދި ނިއުމެޓިކް ޕްރައިވެޓް ކުންފުންޏާއި ޕްލާންކްޓަން އިންވެސްޓްމަންޓް ކުންފުންޏާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި ވެސް މުއްދަތަށް މުދާ ފޯރުކޮށްނުދެވިއްޖެ ނަމަ ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަން ވާނެ ކަމަށް ބުނާ ކަމަށެވެ.

ނަމަވެސް އެ ދެ ކުންފުންޏާ ދެމެދު ފެނަކައިން ކޮށްފައިވާ މުއާމަލާތްތަކެއްގައި އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައި ނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖަސް ދައުލަތަށް ލިބިފައިނުވަނީ ނޮވެމްބަރު 2013 އިން ސެޕްޓެމްބަރު 2016 އާ ހަމައަށް ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ނިމާލް އަދި މިންހާޖުގެ ސަބަބުން ކަމަށް ބުންޏެވެ.