Roadha Mihaaru
ލޯނު އަނބުރާ ދެއްކުމަށް ބައި ބިލިއަން ހޭދަކޮށްފި

ލޯނު އަނބުރާ ދެއްކުމަށް ބައި ބިލިއަން ރުފިޔާ ހޭދަކޮށްފި

25 ފެބުރުއަރީ 2023

ދައުލަތުން ނެގި ލޯނު އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް 494 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުން ނެގި ލޯނު އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް 494 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ލޯނު އަދާކުރަން ބައި ބިލިއަނެއްހާ ރުފިޔާ ހޭދަކުރި އިރު، އެކި ދުވަސްވަރު ނަގާފައި ހުރި ލޯނު އަނބުރާ އަދާކުރަން މި އަހަރު ޖުމްލަ 2.1 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

މި އަހަރު ރާއްޖޭގެ ބަޖެޓުގެ ޖުމްލަ އަދަދުގެ ގާތްގަނޑަކަށް އަށް ޕަސެންޓު ހޭދަކުރާނީ ދަރަނި އަދާކުރުމަށެވެ. އެއީ 5.5 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރާ އެކު ކުރިއަށް އޮތް ހަތަރު އަހަރު ދަރަނި އަދާކުރަން ދައުލަތުން 30 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ. ދައުލަތުގެ ދަރަނިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ އެއް އަަހަރަކީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދަރަނި އަދާކުރަން 9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 114 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ. ދައުލަތުގެ ދަރަނީގެ ތެރެއިން އެތެރޭގެ ދަރަނި 62 ބިލިއަން ރުފިޔާއަށް އެރި އިރު ބޭރުގެ ދަރަނި ވެސް ވަނީ 40 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން މިއަހަރަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. މި މުއްދަތުގައި އެތެރޭގެ ދަރަނި ގާތްގަނޑަކަށް ދެ ގުނަ އިތުރު ވި އެވެ. އެއީ 32 ބިލިއަން ރުފިޔާ އިން 62 ބިލިއަން ރުފިޔާއަށެވެ. އަދި ބޭރުގެ ދަރަނި ވަނީ 18 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ދަރަނި މެނޭޖު ކުރުމުގައި މިހާރަށް ވުރެ ރަނގަޅު ނިޒާމެއް އެކުލަވައިލަން ޖެހޭ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ބަޖެޓު ފާސްކުރި އިރު ސަރުކާރަށް ލަފާދީފަ އެވެ. އަދި ދަރަނި އަދާކުރަން އެކުލަވައިލި ސޮވަރިން ޑިވަލޮޕްމެންޓް ފަންޑު ވެސް މެނޭޖު ކުރުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅެން ޖެހޭ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.