Roadha Mihaaru
ދަރަންޏާގުޅޭ މާއްދާތަކުގެ ސަސްޕެންޝަން އުވާލަން ގަރާރެއް

ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގަރާރެއް

05 ޖޫން 2022

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު އދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިއަދު ހުށަހަޅުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު އދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިއަދު ހުށަހަޅުއްވައިފި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދަރަންޏާ ގުޅޭ ތިން މާއްދާއެއްގައި ބަޔާން ކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން އޭޕްރިލް 26، 2021 އިން ފެށިގެން އެއް އަހަރު ދުވަހަށް ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭޕްރިލް 26، 2022 ގައި ވަނީ އެ މުއްދަތު ޑިސެމްބަރު 31، 2023 އަށް އިތުރުކޮށްފަ އެވެ.

ސަސްޕެންޑު ކޮށްފައިވާ މާއްދާތައް:

- ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަސް ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް، މާކެޓް އިންޓްރަސްޓް ރޭޓަށް ވުރެ ދަށް ނޫން ރޭޓެއްގައި. ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސަންޓަށް ވުރެ އިތުރު ނުވާ ގޮތަށް.

- ދަރަނި ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ވަސީލަތްތައް ހޯދުމަށް. ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ.

- ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމުގައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ.

އެ މާއްދާތައް ސަސްޕެންޑު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ކޮވިޑާ ގުޅިގެން އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާތީ އެވެ.

ސައީދުގެ ހުށަހެޅުން

ސައީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެ މާއްދާތައް ލިޔެފައި ވަނީ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައި، ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ކަމަށެވެ.

ޕެންޑަމިކްގެ ހާލަތު މިހާރު އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީ ވެސް 13 ޕަސެންޓް ކުރިއަރައި އިގްތިސާދު ވެސް ރަނގަޅު ވާނެ ކަމަށް ސަރުކާރުން ވެސް ބުނެފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.

އެ ހާލަތުގައި އެ މާއްދާތައް ސަސްޕެންޑު ކޮށްފައި އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

މި މާއްދާތައް ހިފަހައްޓާފައި އޮތުމުން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓާ ކުރުމުގެ ފުރުސަތު ތިން ވަނަ ފަރާތަކަށް ނުލިބޭ ކަމަށާއި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ލޯނު ނަގައި އިގްތިސާދަށް އޭގެ ނުރައްކާ ކޮށްފާނެ ކަމަށް އެ ގާރާރުގައި ބުނެފައިވެ އެވެ.

"... އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތުމުން، މި ގާނޫނުގެ މާއްދާތައް ހިފަހައްޓާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" ގަރާރުގައި ވެ އެވެ.