Roadha Mihaaru
ސަރުކާރުން ލޯނު ނަގަނީ ދެއްކޭނެތީ: ޔައުގޫބް

ސަރުކާރުން ލޯނު ނަގަނީ ލޯނު ދެއްކުމުގެ ގާބިލުކަން ހުރުމުން: ޔައުގޫބް

07 ސެޕްޓެމްބަރ 2021

މި ސަރުކާރުން ލޯނުތައް ނެގުމުން ދޭހަވާ ކަމަކީ ލޯނު ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި ހުރުން ކަމަށް ވިދާޅުވެ، ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އިދިކޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި ސަރުކާރުން ލޯނުތައް ނެގުމުން ދޭހަވާ ކަމަކީ ލޯނު ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި ހުރުން ކަމަށް ވިދާޅުވެ، ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އިދިކޮޅު ފަރާތްތަކަށް މިއަދު ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވަމުން ޔައުގޫބް ވިދާޅުވީ، ލޯނު ނަގަނީ ކޮން ފެންވަރެއްގެ ބައެއްތޯ، ލޯނު ދޫކުރާ ފަރާތްތަކުން ބަލާނެ ކަމަށާއި ލޯނު ނަގަން ހުށަހަޅަނީ ގާބިލު ފަރާތަކަށް ނުވެއްޖެ ނަމަ ލޯނެއް ދުލެއް ނުކުރާނެ ކަމަށެވެ.

"ލޯނު ނަގާ ފަރާތުގެ ކްރެޑިޓް ރޭޓިން އާއި ފައިސާ އަނބުރާ ދެއްކޭނެ ގާބިލުކަން އެ މީހުންގެ ހުރިތޯ އާއި އަދި އެ މީހުންނަކީ ކިހާ ވަރެއްގެ ބައެއްތޯ [ލޯނުދޭ ފަރާތްތަކުން] އެތަައް ގޮތަކުން ބަލައި ދިރާސާ ކުރާނެ. ދިރާސާ ކުރުމަށް ފަހު ލޯނު މި ދޫކުރަނީ،" ޔައުގޫބް ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު މި ސަރުކާރުން ލޯނު ނެގުމުގެ މާނައަކީ ސަރުކާރުން ލޯނު ދެއްކުމުގެ ގާބިިލުކަން ހުރި މިންވަރު، އެ އިން އަންގައިދެނީ."

މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު ސައީދު ވިދާޅުވީ، ސުކޫކު ވިއްކައިގެން، ދަރަނީގެ ގޮތުގައި ސަރުކާރުން ނެގި ފައިސާގެ އަދަދު ބައި ބިލިއަން ޑޮލަރަށް (500 މިލިޔަން ޑޮލަރު) އަރާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މި އަހަރަށް ލަފާކުރި ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖެހި ފައިސާގެ ތެރެއިން ލިބުނީ އެންމެ 17 ޕަސެންޓް ކަމަށާއި ފައިސާ ހޯދަނީ ލޯނު ނަގައިގެން ކަމަށެވެ.

"ލޯނުގެ މައްޗަށް ލޯނު. މުސްތަގްބަލް މޯގޭޖް ކޮށްގެން ވިއްކަނީ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވިގޮތުގައި، ބޮޑެތި އަދަދުތަކުން ރާއްޖެ އަށް ލޯނުތައް ފުރަތަމަ ނަގަން ފެށީ ސައީދު ހިމެނިވަޑައިގެންނެވި ސަރުކާރުންނެވެ. އޭނާ އެ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ނެގި ބޮޑެތި ލޯނުތަކުގެ ވާހަކަ އެވެ. މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އެޅުން ފަދަ ބޮތި މަޝްރޫއުތައް ހިންގަން އޭރު ލޯނުތައް ނެގި އެވެ. އެ ލޯނުތައް ނަގާތީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުން ދިޔަ އެވެ.

ޔައުގޫބް ވިދާޅުވީ ލޯނު ނެގުމަކީ މައްސަލައެއް ނޫންކަން މިހާރު ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ދަރަނި މިހާރު ވަނީ 67 ބިިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 79 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފިނޭންސުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

އެ މިނިސްޓްރީން އާއްމުކުރި "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" ގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އޮތް 67 ބިލިޔަން ރުފިޔާގެ ދަަރަންޏާ އެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަަރަކީ 115 ޕަސެންޓެވެ. އަދި މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު 79 ބިލިޔަން ރުފިޔާ އަށް އަރާ އިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 ޕަސެންޓެވެ. އޭގެ ތެރެއިިން ބޭރުގެ ދަރަނީގެ ވަރަކީ 38 ބިލިއަން ރުފިޔާ އެވެ. އެތެރޭގެ ދަރަންޏަކީ 41 ބިލިއަން ރުފިޔާ އެވެ.