Roadha Mihaaru
އިދިކޮޅުން ބުނީ ގަވަރުނަރަށް ޖަވާބެއް ނުދެވުނު ކަމަށް!

އިދިކޮޅުން ގަވަރުނަރު އަރިހަށް: ބުނީ ގަވަރުނަރަށް އެކައްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް!

15 ޑިސެމްބަރ 2022

ރާއްޖޭގެ މާލީ ހާލަތާއި އިގުތިސޯދާ ގުޅޭ މުހިއްމު ކަންތައްތައް، ގަވަރުނަރު އަލީ ހާޝިމަށް މި ސަރުކާރުން ހިއްސާނުކުރާތީ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ މާލީ ހާލަތާއި އިގުތިސޯދާ ގުޅޭ މުހިއްމު ކަންތައްތައް، ގަވަރުނަރު އަލީ ހާޝިމަށް މި ސަރުކާރުން ހިއްސާނުކުރާތީ އިދިކޮޅު ކޯލިޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

ގަވަރުނަރާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީން ރާއްޖޭގެ އިގުތިސާދާ ގުޅޭގޮތުން ކަންބޮޑުވި އެއްވެސް ކަމަކަށް ގަވަރުނަރަކަށް ޖަވާބެއް ނުދެއްވުނު ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ކަންބޮޑުވީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އިންޑިއާ އިން ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ގަވަރުނަރަށް އެނގިވަޑައިނުގަންނަވާތީ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މަރުކަޒީ ބޭންކުގެ ގަވަރުނަރަށް، މާލީ މުއާމަލާތުގެ ތަފުސީލުތައް ސަރުކާރުން ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިވެހިން މި ވަގުތު ތިބީ ކޮން ހާލަތެއްގައި ކަމެއް ވެސް އޭގެ ސަބަބުން ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި އިދިކޮޅުން ގަވަރުނަރާއެކު އެމްއެމްއޭގައި ބޭއްވި ބައްދަލުވުމުގައި ގަވަރުނަރަށް ހަމައެކަނި ވިދާޅުވެވުނީ "ކުރިއަށް އޮތް ވިއްސަކަށް ދުވަހަށް ހިފަހައްޓާ ލެވިދާނެ" ކަމަށެވެ.

އެކަމަކު އެމްއެމްއޭ އިން ބުނީ ޕީޕީއެމްގެ ޓީމާ އެކު ބޭއްވި ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ވިއްސަކަށް ދުވަހު ވެސް އަދި އޭގެ ފަހުން ވެސް ހިފަހައްޓާލެވޭ ކަމަށް ދައްކާ ކަމަށް ކަމަށެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓާ ދޭތެރޭގައި ވެސް ކަންބޮޑުވުންތައް ހުރިކަން ހިއްސާ ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ބަޖެޓާ ގުޅޭގޮތުން ތިމަންނަމެންގެ ކަންބޮޑުވުންތައް މަޖިލީހަށް ފޮނުވީމޭ، އެކަމަކު އެ އަށް ރިއާޔަތްކޮށްފައި ނެތޭ. އަދި ވެސް އެ ކަންބޮޑުވުންތައް އެބަހުއްޓޭ،" ގަވަރުނަރު ދެއްކެވި ވާހަކަތަކަށް އަލިއަޅުވާލައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަންނާނީ ކޮން ކަހަލަ ގޮންޖެހުންތަކެއް ކަމެއް އަދި ކުރިމަތިލާންޖެހޭނީ ކޮން ކަންތައްތަކެއް ވެސް ގަވަރުނަރަށް އެނގިވަޑައިނުގަންނަވާ އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އަލީ ހާޝިމް ވިދާޅުވި އަކުރުން އަކުރަށް ތިމަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވައޭ. މި އަށް ވުރެ ބޮޑު ބިރުވެރިކަމަކީ ކޮބައިތޯ؟،" --- ސައީދު

އެ އެއްބަސްވުންތަކާއި ރާއްޖޭގެ އިގުތިސާދާ ގުޅެނީ ކިހާ ވަރަކަށް ކަމަށް ގަވަރުނަރަށް އެނގެން ޖެހޭނެ ކަމަށާއި ރާއްޖޭގެ އިގުތިސާދީ، ގާނޫނީ ގޮތުން މެނޭޖުކުރަން ޖެހެނީ ގަވަރުނަރަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން ނެގި 100 މިލިއަން ޑޮލަރުގެ ޓާމްސްތަކާއި އިންޓްރެސްޓް ގަވަރުނަކަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އެހެންވެ، މި ދެންނެވީ އަޅުގަނޑުމެން މި ތަނަށް އައި އިރަށް ވުރެ ބޮޑު ކަންބޮޑުވުމެއްގައޭ މި ނުކުތީ. ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުން ވަރަށް ވަރަށް ނުރައްކާތެރި ހާލަތެއްގައޭ ރާއްޖޭގެ އިގުތިސޯދު މި އޮތީ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރިމަތިލާންޖެހޭނީ ކޮން ފަދަ ހިތްދަތި، ހިތާމަވެރި، ބިރުވެރި، ދުވަސްތަކެއް ކަމެއް ބުނާކަށް ނޭނގޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެއަކީ އިގުތިސާދީ ގޮތުން ހަމަޖެހޭ ގައުމެއް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ރިޒާވްގައި އެތައް މިލިއަން ޑޮލަރެއް ހުއްޓަސް މި ވެރިކަމާއެކު އެ ހުރިހާ އެއްޗެއް ހުސްވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވަނީ ރިޒާވް 90 މިލިއަން ޑޮލަރަށް ކުޑަވެގެން ދިއުމުން ކަންބޮޑުވުމެއް ނުވާނެތޯ ސުވާލު އުފައްދަވައިފަ އެވެ.

ރާއްޖެ ޑީ-ފޯލްޓް ވެއްޖެ ކަމަށާއި އެންމެ ފަހުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނުގެ ތަފުސީލާއި އޭގެ އިންޓްރެސްޓް ވެސް ސަރުކާރުން ހާމަނުކުރާތީ ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ލޯނާ ގުޅޭ ކަންކަން އެމްއެއެމްއޭ އަށް ވެސް ނޭނގެ އެވެ. އަދި ޓީ ބިލްގެ މުއްދަތު ހަމަވާ އިރެއް ވެސް މަރުކަޒީ ބޭންކަށް ނޭނގޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"އަލީ ހާޝިމް ވިދާޅުވި އަކުރުން އަކުރަށް ތިމަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވައޭ. މި އަށް ވުރެ ބޮޑު ބިރުވެރިކަމަކީ ކޮބައިތޯ؟،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫން ކަމަށެވެ.