Roadha Mihaaru
ބަޖެޓު ސަޕޯޓަށް 844 މިލިއަންގެ ލޯނެއް ނަގައިފި

ބަޖެޓު ސަޕޯޓަށް 844 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

09 އޯގަސްޓް 2023

ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރުގެ އަމިއްލަ ފަރާތެއްގެ އަތުން 50 މިލިއަން ޔޫރޯ (844 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، މި ލޯނު ނަގާފައި ވަނީ އަމިއްލަ ފަރާތަކުންނެވެ. އެހެން ނަމަވެސް، އެއީ ކޮން ފަރާތަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު ނެގި މި ލޯނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރަން ފިނޭންސް މިނިސްޓްރީއަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.

އެ ލޯނުގެ އިތުރުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ މިދިޔަ ޖޫން މަހު ވެސް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަން މެދުވެރިކޮށް ދެ ޕްރޮޖެކްޓަކަށް 34 މިލިއަން ޑޮލަރު (520 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފަ އެވެ. އެހެންވެ، މި އަހަރުގެ މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލޯނު ވަނީ ނަގައިފަ އެވެ.

މި އަހަރަށް ކަނޑައެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ 14.4 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ. އެހެންވެ، އެ އަދަދަށް ފައިސާ ހޯދަން ޖެހޭނީ ޓީބިލާއި ލޯނާއި އެނޫން ގޮތްގޮތުން ހޯދާ ފައިސާ އިންނެވެ.

މި އަހަރުގެ ބަޖެޓުގައި ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. ވޭތުވެދިޔަ ހަތް މަހު ތެރޭ އޭގެއިން ހޯދުނީ 8 ޕަސެންޓެވެ. އެއީ 214 މިލިއަން ރުފިޔާ އެވެ. ބާކީ 91 ޕަސެންޓު އެހީ ސަރުކާރަށް ހޯދިފައެއް ނުވެ އެވެ.

ސަރުކާރުން ލޯނާއި ޓީބިލުން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދާ އިރު، ކޮންމެ މަހަކު އަންނަނީ އެމްއެމްއޭއިން ފައިސާ ޗާޕު ކުރަމުންނެވެ. މިދިޔަ ޖުލައި މަހު ވެސް ވަނީ 1.1 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.

ސަރުކާރުން ވަނީ މިއަހަރުގެ މިހާތަނަށް ދަރަނި އަދާކުރަން 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއަހަރު 2.1 ބިލިއަން ރުފިޔާ، ދަރަންޏަށް އަނބުރާ ދައްކަން ޖެހެ އެވެ.

މިއަހަރު އިތުރު ތިން ލޯނެއް ނެގި އިރު މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރު އަށް ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2019 އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަންޏަށް 46 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ.

މިހާރު ދައުލަތުގެ ދަރަނި ހުރީ 108 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން 49 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އަދި އެތެރޭގެ ދަރަންޏަކީ 59 ބިލިއަން ރުފިޔާ އެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 113 ޕަސެންޓެވެ.