Roadha Mihaaru
ދަރަންޏަށް 4.4 ބިލިއަން؛ ދެއްކީ 980 މިލިއަން

ދަރަނި ދައްކަން ކަނޑައެޅި 4.4 ބިލިއަނުން އަދި ހޭދަކުރީ 980 މިލިއަން

04 ޑިސެމްބަރ 2021

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މި އަހަރު 4.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް އަހަރު ނިމުމަކާ ހިސާބަށް ދިޔައިރު އަދި މިހާތަނަށް ލޯނުތަކަށް ދައްކާފައިވަނީ 980 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް މި އަހަރު 4.4 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދެއްކި ނަމަވެސް އަހަރު ނިމުމަކާ ހިސާބަށް ދިޔައިރު އަދި މިހާތަނަށް ލޯނުތަކަށް ދައްކާފައިވަނީ 980 މިލިއަން ރުފިޔާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ލޯނު ދެއްކުމަށް މިއަހަރަށް ބަޖެޓްކޮށްފައިވާ 4.4 ބިލިއަން ރުފިޔާއިން މިހާތަނަށް ދައްކާފައިވާ އަދަދަކީ ބަޖެޓްކޮށްފައިވާ އަދަދުގެ 22 ޕަސެންޓެވެ.

މިދިޔަ އަހަރު ދަރަނި އަދާކުރަން ދައުލަތުން ހޭދަކުރީ 800 މިލިއަން ރުފިޔާ އެވެ. މިއީ އެއަހަރު އަންދާޒާކުރިވަރަށް ވުރެ 25 ޕަސެންޓް ދަށްވުމުންނެވެ. ދަރަނި އަދާކުރަން ޖެހޭ އަދަދު މިހާ ބޮޑަށް ކުޑަވީ ކޮވިޑާ ހެދި ދިމާވި ދަތިކަމަށް ފަހު ދަރަނި އަދާ ކުރުމުގައި ގައުމުތަކުން ދިން ލުއިތަކާ ހެދި އެވެ.

މިއަހަރު ދަރަނި އަދާކުރުމުގެ ހޭދައިގެ ތެރޭ ބައިނަލްއަގުވާމީ މާލީ ބާޒަރުގައި ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑުގެ ބޮޑު ބައެއް އަދާކުރުން ހިމެނެ އެވެ.

މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭ ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންވެ، އަނބުރާ ދައްކަން ޖެހޭ ފައިސާ ވެސް އިތުރުވާނެ އެވެ. އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 91 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ.

އަންނަ އަހަރު ދަރަނި އަދާކުރަން ބަޖެޓުން 5.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރަށް ކަނޑައެޅި އަދަދަށް ވުރެ ގާތްގަނޑަކަށް 18 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެނީ ބޭރުގެ ދަރަނި އަދާކުރުމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް، ދަރަނި އަދާކުރަން ހޭދަކުރާ ވަރު ވަރަށް ބޮޑަށް އިތުވާނެ ކަމަށް ބެލެވެ އެވެ. މީގެ އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދައުލަތުން ދަރަނި ނަގަންޖެހޭ މިންވަރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރުވެފައިވުމާއި ދަރަނީގެ ޕޯޓްފޯލިއޯގެ އިންޓްރެސްޓް ރޭޓު މަތިވަމުން ކަމަށް ބަޖެޓު ފޮތުގައިވެ އެވެ.