Roadha Mihaaru
ކެޕްޓަނުގެ ހާފް ސެންޗަރީން ރާއްޖޭން އީރާން ބަލިކޮށްފި

ކެޕްޓަންގެ ހާފް ސެންޗަރީއާ އެކު ރާއްޖޭން އީރާން ބަލިކޮށްފި

24 ފެބުރުއަރީ 2023

ތައިލެންޑުގައި މިއަދު ފެށި އޭސީސީ މެންސް ޗެލެންޖާ ކްރިކެޓް ކަޕުގެ އިފްތިތާހީ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން އީރާން އަތުން 27 ލަނޑުން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ތައިލެންޑުގައި މިއަދު ފެށި އޭސީސީ މެންސް ޗެލެންޖާ ކްރިކެޓް ކަޕުގެ އިފްތިތާހީ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން އީރާން އަތުން 27 ލަނޑުން މޮޅުވެއްޖެ އެވެ.

ބެންކޮކުގެ ޓާޑްތައި ކްރިކެޓް ގްރައުންޑުގައި، 50 އޯވަރަށް ކުޅުނު މި މެޗުގައި ރާއްޖެ އަށް ޓޮސް ދިމާވުމުން ގަސްދުކުރީ ކުޅެން އަރާށެވެ. ރާއްޖޭން 31.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ހެދި އެވެ. އެންމެ މޮޅަށް ކުޅުނީ 40 ބޯޅައިން 58 ލަނޑު ހެދި ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. ރާއްޖޭގެ ޝުނާން އަލީ ވަނީ ނުބައިނުވެ 19 ބޯޅައިން 17 ލަނޑު ހަދައިފަ އެވެ.

މި އިނިންގްސްގައި އީރާނުން އެންމެ ރަނގަޅަށް ކުޅުނީ 8.2 އޯވަރުގެ ތެރޭގައި 22 ލަނޑަށް ފަސް ވިކެޓް ނެގި ޒާހިދު އަފަރިން އެވެ.

ޖަވާބުގައި އީރާން ކުޅެން އަރާ 42.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 130 ލަނޑެވެ. އީރާނުން އެންމެ ރަނގަޅަށް ކުޅުނީ 59 ބޯޅައިން 25 ލަނޑު ހެދި އަފަރިން އެވެ. މި އިނިންގްސްގައި ރާއްޖޭގެ ކެޕްޓަން އަދި އޯލްރައުންޑާ އާދަޅޭ ވަނީ 10 އޯވަރުގެ ތެރޭގައި 22 ލަނޑަށް ހަތަރު ވިކެޓް ނަގައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. މީގެ އިތުރުން ހަސަން އިބްރާހީމް ވަނީ 9.3 އޯވަރުގެ ތެރޭގައި 28 ލަނޑަށް ހަތަރު ވިކެޓް ނަގައިފަ އެވެ.

އީރާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމު. --ފޮޓޯ: ކްރިކެޓް ބޯޑް

އީރާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމު. --ފޮޓޯ: ކްރިކެޓް ބޯޑް

މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ބޫޓާނާއި ބަހުރޭން މިއަދު ކުޅުނު މެޗު ހަތް ވިކެޓުން ކާމިޔާބުކުރީ ބަހުރޭނެވެ.

އަނެއް ގްރޫޕުގައި ހިމެނެނީ ތައިލެންޑާއި އިންޑޮނީޝިއާ އާއި މިޔަންމާ އަދި ސައޫދީ އަރަބިއާ އެވެ.

ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ކްރޮސްކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު، ފައިނަލް އޮންނާނީ އަންނަ މާޗު މަހުގެ 5 ވަނަ ދުވަހު އެވެ.

އޭޝިއަން ކްރިކެޓް ކައުންސިލް ކަމަށްވާ އޭސީސީ އިން އަލަށް ފެށި ކްރިކެޓް ކޮލިފިކޭޝަން ސައިކަލުގައި ހިމެނޭ ހަތަރު ވަނަ ފަންތީގެ މުބާރާތް ކަމަށްވާ، މި މުބާރާތުގެ ފައިނަލަށް ހޮވޭ ދެ ޓީމަށް، އޭސީސީ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެ މުބާރާތުގައި ވާދަކުރަނީ ޔޫއޭއީ، ނޭޕާލް، ކުވޭތު، ގަތަރު، އޮމާން، ހޮންކޮން، ސިންގަޕޫރު އަދި މެލޭޝިއާ އެވެ. އެ މުބާރާތުގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޓީމަށް މެންސް އެމާޖިން ޓީމްސް އޭޝިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެއީ ދުނިޔޭގެ ކްރިކެޓުގެ އެންމެ ކުރީގައި ހިމެނޭ އިންޑިއާ، ޕާކިސްތާން، އަފްގާނިސްތާން އަދި ބަންގްލަދޭޝް ވާދަކުރާ މުބާރާތެކެވެ.

ޕްރިމިއާ ކަޕުގެ ޗެމްޕިއަން ޓީމަށް، މެންސް އޭޝިއާ ކަޕުން ވެސް ޖާގަ ލިބޭނެ އެވެ. އެ މުބާރާތުގައި ވާދަކުރާނީ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ.

ރާއްޖޭން ވަނީ އޭސީސީ އިން ކުރިން ބޭއްވި އެމާޖިން ނޭޝަންސް މުބާރާތް 2005، 2006 އަދި 2010 ގައި ކާމިޔާބުކޮށް ސަރަހައްދީ ލެވެލްގައި ރަނގަޅު ހިސާބަކަށް ގޮސްފަ އެވެ.