Roadha Mihaaru
ކްރިކެޓް އިންޑޯ މަރާމާތުކޮށް ގައުމީ ޓީމު ތައްޔާރުވަނީ

ކްރިކެޓް އިންޑޯ މަރާމާތުކޮށް ގައުމީ ޓީމުތައް ތައްޔާރުވަނީ

17 ޖެނުއަރީ 2024

ސަރަހައްދީ މުބާރާތަށް ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމު ފުރުމުގެ ކުރިން މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ގޮތުން، ކްރިކެޓް ބޯޑުން އިސްނަގައިގެން އިންޑޯ ޓްރޭނިން ފެސިލިޓީ މަރާމާތުކޮށްފި އެވެ.

ސަރަހައްދީ މުބާރާތަށް ރާއްޖޭގެ ގައުމީ ފިރިހެން އަދި އަންހެން ކްރިކެޓް ޓީމު ފުރުމުގެ ކުރިން މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ގޮތުން، ކްރިކެޓް ބޯޑުން އިސްނަގައިގެން އިންޑޯ ޓްރޭނިން ފެސިލިޓީ މަރާމާތުކޮށްފި އެވެ.

އިންޑޯ ފެސިލިޓީ ހަދާފައި ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭގެ ފަހުން ކްރިކެޓް ބޯޑުން ވަނީ އެތައް ފަހަރު މަތިން މި ފެސިލިޓީ މަރާމާތުކޮށްފަ އެވެ.

ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމު، އަންނަ މަހު ތިން މުބާރާތެއްގައި ވާދަކުރާނެ އެވެ. ކްރިކެޓް ބޯޑުން ބުނި ގޮތުގައި ޓީމުތައް ފުރަން ވަންދެން ތަމްރީނުތައް ކުރިއަށް ގެންދާނީ އިންޑޯ ފެސިލިޓީގަ އެވެ.

ފިރިހެން ގައުމީ ޓީމު، ވަނީ އަންނަ މަހުގެ 1 އިން 11 އަށް ތައިލެންޑުގައި ކުރިއަށް ގެންދާ މިއަހަރުގެ އޭސީސީ ޓީ20 ޗެލެންޖާ ކަޕަށް ކޮލިފައި ވެފަ އެވެ. ރާއްޖެ ހިމެނެނީ މި މުބާރާތުގައި، ތައިލެންޑާއި ޖަޕާން އަދި ސިންގަޕޫރާ އެކު ގުރޫޕް ބީގަ އެވެ.

ގުރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އަދި ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް މިއަހަރުގެ އޭޕްރީލް މަހު އޮމާނުގައި އޮންނަ އޭސީސީ ޓީ20 ޕްރިމިއާ ކަޕަށް ކޮލިފައި ވާނެ އެވެ.

ޗެލެންޖާ ކަޕަށް ފަހު، ސައުދީ އަރަބިއްޔާ އާއި ބޫޓާން އަދި ތައިލެންޑާ އެކު ހަތަރު ގައުމުގެ މެދުގައި، ކުއަޑް ސީރީޒް އެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.

ޗެލެންޖާ ކަޕްގައި ވާދަކުރަން ފިރިހެން ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އަންހެން ޓީމު ވާދަކުރަނީ އަންނަ މަހު މެލޭޝިއާގައި ކުރިއަށްދާ އޭސީސީ ވިމެންސް ޓީ20 ޕްރިމިއާ ކަޕްގަ އެވެ. ރާއްޖެ ހިމެނެނީ ބޫޓާނާއި ހޮންގް ކޮންގް އަދި ނޭޕާލާ އެއް ގުރޫޕެއްގަ އެވެ. މި މުބާރާތަށް އަންހެން ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.