Roadha Mihaaru
ކްރިކެޓް ޓީމް ބޫޓާން އަތްދަށުވީ ހަ ލަނޑުން

ދެވަނަ މެޗުގައި ކްރިކެޓް ޓީމް ބޫޓާން އަތްދަށުވީ ހަ ލަނޑުން

05 ޖުލައި 2022

މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީޒްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ދެވަނަ މެޗުގައި ބޫޓާނާ ވާދަކޮށް ހަ ލަނޑުގެ ތަފާތަކުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީޒްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ދެވަނަ މެޗުގައި ބޫޓާނާ ވާދަކޮށް ހަ ލަނޑުގެ ތަފާތަކުން ބަލިވެއްޖެ އެވެ.

މިއީ ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މި ސީރީޒްގައި ބޫޓާން ކުޅުނު ތިން މެޗުން ހޯދި ފުރަތަމަ މޮޅެވެ. މެލޭޝިއާއާ ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ މެޗުގައި ފަރަގު ކުޑަކުރި އެވެ.

މެލޭޝިއާ ވަނީ އެ ޓީމުގެ ތިންވަނަ މެޗުގައި އިއްޔެ ފަސޭހަ ކަމާ އެކު 3.5 އޯވަރުތެރޭ 34 ލަނޑު ހަދައިގެން ތައިލެންޑް ބަލި ކޮށްފަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ވަނީ ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅު ވެފަ އެވެ.

ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް ފީލްޑިން ގައި މޮޅަށް ކުޅުނު ރާއްޖެ އަށް އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން ނިންމީ އުކާށެވެ. މި އިނިންސް ގައި ބޫޓާނުން ކުޅެން އަރައި 20 އޯވަރުތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 110 ލަނޑު ހަދައިފަ އެވެ.

ބޫޓާނަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 25 ބޯޅައިން 17 ލަނޑު ހެދި އޯޕަނިން ބެޓްސްމަން ނަގްމޭ ތިންލޭ އާއި، 18 ބޯޅައިން 17 ލަނޑު ހެދި ގަކުލް ގާލީ އެވެ. މި ދެ ކުޅުންތެރިންގެ ވިކެޓު ވެސް ނެގީ އަހުމަދު ހަސަން އެވެ.

ބޫޓާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން

ބޫޓާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން

އިބްރާހިމް ރިޒާން އާއި ވައިސް ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) ވަނީ މި މެޗުގައި ވެސް، ދެ ވިކެޓު ނަގައިފަ އެވެ. ބާކީ ތިން ވިކެޓު ނެގީ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 20 އޯވަރުން އަށް ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 104 ލަނޑެވެ. ރާއްޖޭޏް އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑު ހެދި މުހައްމަދު ރިޝްވާން އެވެ. އަދި އަޒްޔާން ވަނީ 34 ބޯޅައިން 17 ލަނޑު ހަމަކޮށްފަ އެވެ.

ރާއްޖޭގެ ޓީމުގައި ހިމެނޭ ޝުނާން އަލީ ވަނީ އިއްޔެ، ބައިނަލްއަގުވާމީ ޓީ20 ކްރިކެޓުގައި ފުރަތަމަ މެޗު ކުޅެފަ އެވެ. ރާއްޖޭޏް ކުޅުނު އިނިންސް ގައި ޝުނާން ވަނީ ހަތްވަނައަށް ކުޅެން އަރައި، ނުބައި ނުވެ 23 ބޯޅައިން 11 ލަނޑު ހަދައިފަ އެވެ.

ރާއްޖޭން ދެން ކުޅޭ މެޗުގައި މާދަމާ ބައްދަލުކުރާނީ ސީރީޒް ހޯސްޓު ކުރާ ގައުމު، މެލޭޝިއާއާ ދެކޮޅަށެވެ.