06 އޮކްޓޯބަރ 2023
ގަތަރުގެ ދޯހާގައި ކުރިއަށް ދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިން ގުރޫޕް އޭ ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް މޮޅެއް ނުހޯދި، ކޮލިފައިން ނިންމާލައިފި އެވެ.
ގަތަރުގެ ދޯހާގައި ކުރިއަށް ދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް އޭޝިއާ ކޮލިފައިން ގުރޫޕް އޭ ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް މޮޅެއް ނުހޯދި، ކޮލިފައިން ނިންމާލައިފި އެވެ.
ހަތަރު ޓީމު ކުޅުނު މި ގުރޫޕްގައި ރާއްޖޭގެ އިތުރުން ހިމެނުނީ ގަތަރާއި ކުވެއިތު އަދި ސައުދީ އަރަބިއްޔާ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުނުއިރު، މި ގުރޫޕުން ކޮލިފައިންގެ ފައިނަލް ބުރަށް ހޮވުނީ އެއްވަނަ ހޯދި ކުވެއިތެވެ.
ކޮލިފައިންގައި ކާމިޔާބެއް ނުހޯދުނަސް ކްރިކެޓް ބޯޑުން ހާމަކުރާ ގޮތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެނުނެވެ. އަދި ކޮލިފައިންގައި ކުޅެވުނު ހަ މެޗާ އެކު، ކުޅުންތެރިން ބައިނަލްއަގުވާމީ ލެވެލްގަ އާއި ގައުމީ ލެވެލްގައި ކުޅޭ ފެންވަރު ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު ޕަސިންދު ލިޔަނާރަޗީ އަށް ދެނެގަނެވިއްޖެ ކަމަށް ވެސް ކްރިކެޓް ބޯޑުން ހާމަ ކުރެ އެވެ.
ކުވެއިތާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގައި، ރާއްޖޭން އުކަނީ.-- ފޮޓޯ: ސީބީއެމް
"މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ހެޑް ކޯޗު ޕަސިންދު އަށް ވަނީ، ބައިނަލްއަގުވާމީ ބޮޑު ސްޓޭޖެއްގަ އާއި ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅުންތެރިން ޕާފޯމް ކުރާ ފެންވަރު ވަޒަން ކޮށްލެވިފަ،" ކޮލިފައިންގެ ފަހު މެޗަށް ފަހު ކްރިކެޓް ބޯޑުގެ ސޯޝަލްމީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި ވެއެވެ.
"މި ހަ މެޗަކީ ކުރިއަށް އޮތް ކުއާޓާގެ ފަރިތަކުރުންތަކުގައި ކޯޗިން ޓީމުން ކުރަންޖެހޭ މަސައްކަތްތަކާއި ޓާގެޓް ކަނޑައެޅުމުގައި ލިބޭ އަގުހުރި އެހީތެރިކަމެއް."
ކޮލިފައިންގެ ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ކެޕްޓަން އާދަމް އުމަރު (އާދަޅޭ) އާއި ވައިސް ކެޕްޓަން އަޒްޔާން ފަރުހަތު ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ވިކެޓް ސަލާމަތް ނުކުރެވި، ޓީމު ބަލިވީ އެވެ.
ތިންވަނަ މެޗުގައި މިދިޔަ އާދިއްތަ ދުވަހު ނުކުތީ ގަތަރާ ދެކޮޅަށެވެ. ގަތަރުން އެ މެޗު ކާމިޔާބު ކުރީ ނުވަ ވިކެޓުންނެވެ. ގަތަރަށް ޓޮސް ދިމާވެގެން ރާއްޖެއަށް ފުރަތަމަ ޖެހުނީ ކުޅެން އަރާށެވެ. ވިހި އޯވަރު ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 121 ލަނޑެވެ.
މެޗުގެ ފެށުން ރާއްޖެއަށް އުނދަގޫވި އިރު، ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ކޮލިފައިންގެ ފުރަތަމަ މެޗުގައި، ފުރަތަމަ ފަހަރަށް ޓީ20 މެޗަކަށް ގައުމީ ޓީމާ އެކު ނުކުތް ސްރީލަންކާއަށް އުފަން ކުޝާލް ރޮޑްރިގޯ އެވެ. އޭނާ ވަނީ 54 ބޯޅައިން 71 ލަނޑު ހަދައިފަ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 29 ބޯޅައިން 19 ލަނޑު ހެދި މުހައްމަދު ރިޝްވާން އެވެ. ޖަވާބުގައި ކުޅެން އަރައި ގަތަރުން މެޗު ކާމިޔާބު ކުރީ 10.2 އޯވަރު ތެރޭ އެއް ކުޅުންތެރިއަކު ނުބައިވެގެން 125 ލަނޑު ހަދައިގެންނެވެ.
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ރާއްޖޭގެ ޓީމުގެ ކުޝާލް.-- ފޮޓޯ: ސީބީއެމް
ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗު، ސައުދީ ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ނުވަ ވިކެޓުންނެވެ. ހޯމަ ދުވަހު ކުޅުނު މި މެޗުގައި ރާއްޖެއަށް ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އަރަން ނިންމި ނަމަވެސް، 18.2 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 76 ލަނޑެވެ. މި މެޗުގައި ވެސް އެންމެ ރަނގަޅަށް ކުޅުނީ 41 ބޯޅައިން 26 ލަނޑު ހެދި ކުޝާލް ރޮޑްރިގޯ އެވެ. ސައުދީން މެޗު ކާމިޔާބު ކުރީ 7.5 އޯވަރު ތެރޭ އެއް ކުޅުންތެރިއަކު ނުބައިވެގެން 78 ލަނޑު ހަދައިގެންނެވެ.
ފަސްވަނަ މެޗުގައި ބުދަ ދުވަހު ނުކުތީ ކުވެއިތާ ދެކޮޅަށެވެ. ކުވެއިތުން އެ މެޗު ކާމިޔާބު ކުރީ އަށް ވިކެތުންނެވެ. ކުވެއިތަށް ޓޮސް ދިމާވެގެން މި މެޗުގައި ވެސް ފުރަތަމަ ކުޅެން އެރީ ރާއްޖޭންނެވެ. ވިހި އޯވަރުތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ރާއްޖެއަށް ހެދުނީ 83 ލަނޑެވެ. މި މެޗުގައި ވެސް އެންމެ ރަނަގަޅަށް ކުޅުނީ ކުޝާލް ރޮޑްރިގޯ އެވެ. އޭނާ ވަނީ 29 ބޯޅައިން 23 ލަނޑު ހަދައިފަ އެވެ. ނަމަވެސް ޖަވާބުގައި ކުވެއިތު ކުޅެން އަރައި މެޗު ކާމިޔާބު ކުރީ 7.5 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވެގެން 84 ލަނޑު ހަދައިގެންނެވެ.
އިއްޔެ ގަތަރާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރާއްޖޭގެ ކެޕްޓަން އާދަޅޭ، މީޑީއާއަށް ވާހަކަ ދައްކަނީ.-- ފޮޓޯ: ސީބީއެމް
ފަހު މެޗުގައި އިއްޔެ ރާއްޖޭން ކުޅުނީ ގަތަރާ ދެކޮޅަށެވެ. މި މެޗުގައި ރާއްޖޭގެ އިބްރާހިމް ޝައޮފް ހަސަން ވަނީ ޓީ20 އިންޓަނޭޝަނަލް ޑެބިއު ހަދައިފަ އެވެ.
ގަތަރާ ދެކޮޅަށް ރާއްޖެއަށް ޓޮސް ދިމާވުމުން ނިންމީ އުކާށެވެ. ގަތަރުން ވަނީ 20 އޯވަރު ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން 201 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭގެ ކެޕްޓަން އާދަޅޭ ވަނީ ދެ ވިކެޓު ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ޓާގެޓަށް ވާސިލް ނުވެވި، 42 ލަނޑުން ގަތަރު މޮޅުވީ އެވެ. ރާއްޖޭގެ އިނިންސްގައި 17.2 އޯވަރުތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. އާދަޅޭ ވަނީ މި އިނިންސްގައި 29 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ. ރިޝްވާން އަރައި 17 ބޯޅައިން 23 ލަނޑު ހެދިއިރު، ޑެބިއު ހެދި ޝައޮފް، ހަތް ބޯޅައިން 21 ލަނޑު ހެދި އެވެ.
ކްރިކެޓް އިންޑޯ މަރާމާތުކޮށް ގައުމީ ޓީމު ތައްޔާރުވަނީ
އަޒްޔާނާއި އާދަޅޭ މޮޅަށް ކުޅުނަސް ރާއްޖެ މޮޅެއްނުވި
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
މެލޭޝިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
މެލޭޝިއާ އަތުން ރާއްޖެ ބަލިވީ އަށް ވިކެޓުން
ކްރިކެޓް ޓީމް ބޫޓާން އަތްދަށުވީ ހަ ލަނޑުން
ކްރިކެޓް ޓީމުން ހަތް ވިކެޓުން ތައިލެންޑް ބަލިކޮށްފި
ގަތަރާ ވާދަކޮށް 98 ލަނޑުން ރާއްޖެ ބަލިވެއްޖެ
ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައުދީން 7 ވިކެޓުން ރާއްޖެ ބަލިކޮށްފި