Roadha Mihaaru
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި

ތައިލެންޑު ބަލިކޮށް، ރާއްޖޭން ފައިނަލުގެ އުންމީދެއް ހޯދައިފި

08 ޖުލައި 2022

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީޒް ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ކުޅުނު މެޗުގައި 41 ލަނޑުން ތައިލެންޑް ބަލިކޮށް، ފައިނަލުގެ ކުޑަ އުންމީދެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެލޭޝިއާގައި ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީޒް ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މިއަދު ކުޅުނު މެޗުގައި 41 ލަނޑުން ތައިލެންޑް ބަލިކޮށް، ފައިނަލުގެ ކުޑަ އުންމީދެއް ހޯދައިފި އެވެ.

ހަތަރު ޓީމުގެ މެދުގައި ކުޅެވޭ މި ސީރީޒްގައި ހުރިހާ ޓީމަކަށް ވެސް ފަސް މެޗު ކުޅެވިފައި ވާއިރު، އެއްވަނައިގައި 10 ޕޮއިންޓާ އެކު އޮތީ، މެލޭޝިއާ އެވެ. މެލޭޝިއާ ވަނީ ސީރީޒްގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ހަ ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ބޫޓާނެވެ. ރާއްޖެ އޮތީ ދެ މެޗު ކާމިޔާބު ކޮށްގެން ހޯދި ހަތަރު ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ދެން ވާދަކުރާ ތައިލެންޑަށް އަދި މޮޅެއް ނުހޯދެ އެވެ.

މިއަދުގެ މޮޅާ އެކު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ރާއްޖެއަށް ފައިނަލް ކުޅެވޭނީ، ފަހު މެޗުގައި މެލޭޝިއާ ބަލިކޮށް، ދެން އޮތް މެޗުގައި ތައިލެންޑުން ބޫޓާން ބަލި ކޮށްގެންނެވެ. އެއީ ބޫޓާނަށް ވުރެ ރާއްޖޭގެ ނެޓް ރަން ރޭޓް ރަނގަޅު ވުމުން، ޕޮއިންޓުގެ ގޮތުން އެއްވަރު ވިއަސް ރާއްޖެ އަށް ކުރި ލިބޭނެތީ އެވެ. ރާއްޖެ އަށް މުބާރާތުގައި އަދި މޮޅު ވެވުނީ ތައިލެންޑާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

ތައިލެންޑަށް އަދި މޮޅެއް ނުހޯދޭ އިރު، ބޫޓާން ބަލިވީ ހަމައެކަނި މެލޭޝިއާއާ ކުޅުނު ދެ މެޗުންނެވެ. ތައިލެންޑާއި ބޫޓާން ކުޅުނު ފުރަތަމަ މެޗު، ބޫޓާން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފަ އެވެ.

މިއަދުގެ މެޗުގައި ތައިލެންޑަށް ޓޮސް ދިމާވުމުން އެޓީމު ނިންމީ އުކާށެވެ. ފުރަތަމަ އިނިންސްގައި ރާއްޖޭން ކުޅެން އަރައި 19.3 އޯވަރުތެރޭ 10 ކުޅުންތެރިން ނުބައިވެގެން ވަނީ 97 ލަނޑު ހަދައިފަ އެވެ. ރާއްޖޭން އެންމެ ގިނަ ލަނޑު ހެދީ، 40 ބޯޅައިން 24 ލަނޑު ހެދި ކެޕްޓަން އަޒްޔާން ފަރުހަތެވެ. އަދި އަހުމަދު ހަސަން ވަނީ 19 ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.

ރާއްޖެ އާއި ތައިލެންޑް މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރާއްޖެ އާއި ތައިލެންޑް މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރާއްޖޭން ގިނަ ވިކެޓުތަކެއް ގެއްލުވާ ނުލައި މެޗު ނިންމާލަން މަސައްކަތް ކުރި ނަމަވެސް، ފަހު ހަތް ވިކެޓު ގެއްލުނީ އެންމެ ފަހު ހަތަރު އޯވަރުގެ ތެރޭގަ އެވެ. ނަވާރަ ވަނަ އޯވަރުގައި ހަތަރު ވިކެޓެ ގެއްލުނު އިރު، ތައިލެންޑުގެ އުކުންތެރިޔާ ކެމްރޮން ސެނަމޮންޓްރީ ވަނީ ޖެހިޖެހިގެން ތިން ވިކެޓު ނަގައި، ބައިނަލްއަގުވާމީ ޓީ20 މެޗެއްގައި ފުރަތަމަ ފަހަރަށް އެގައުމަށް ހެޓްރިކެއް ހަދައިދީފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ތައިލެންޑަށް 16.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައި ވެގެން ހަމަކުރެވުނީ 56 ލަނޑެވެ. މި އިނިންސް ގައި އަޒްޔާން ވަނީ 2.5 އޯވަރު އުކައިގެން ހަތަރު ވިކެޓު ނަގައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު އަޒްޔާން އުކި 17 ބޯޅައިން ތައިލެންޑަށް ހެދުނީ 12 ލަނޑެވެ. ވައިސް ކެޕްޓަން އާދަމް ނާސިފް އުމަރު (އާދަޅޭ) އާއި އިބްރާހިމް ރިޒާން ދެ ވިކެޓު ނެގި އިރު، އިބްރާހިމް ހަސަނާއި އަމީލް މައުރޫފް ވެސް ވިކެޓެއް ނެގި އެވެ.

ރާއްޖެ އާއި ބޫޓާން އިއްޔެ ކުޅުނު މެޗުގައި ރާއްޖޭން އުކަނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރާއްޖެ އާއި ބޫޓާން އިއްޔެ ކުޅުނު މެޗުގައި ރާއްޖޭން އުކަނީ.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރާއްޖޭން ވަނީ އިއްޔެ ކުޅުނު މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅެ ދެ ލަނޑުން ބަލިވެފަ އެވެ. ބޫޓާނާ ދެކޮޅަށް ރާއްޖޭން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ހަ ލަނޑުންނެވެ.

އެ މެޗުގައި ޓޮސް ދިމާވެގެން ރާއްޖޭން ނިންމީ އުކާށެވެ. ފުރަތަމަ އިނިންސްގައި ރާއްޖޭން 20 އޯވަރު ތެރޭ ބޫޓާނުގެ ހަތް ކުޅުންތެރިން ނުބައި ކޮށްލި އިރު، ބޫޓާނަށް ހެދުނީ 110 ލަނޑެވެ.

ރާއްޖޭން އެންމެ ރަނގަޅަށް އުކީ، ވައިސް ކެޕްޓަން އާދަޅޭ އެވެ. އޭނާ އުކި ހަތަރު އޯވަރުގައި ދެ ކުޅުންތެރިން ނުބައިކުރި އެވެ. އަދި ވައިޑަށް ދިޔަ އެއް ބޯޅަ އާއެކު އެ ހަތަރު އޯވަރުން ބޫޓާނަށް ހެދުނީ ޖުމްލަ ނުވަ ލަނޑެވެ. އަމީލް ވެސް ވަނީ ހަތަރު އޯވަރު އުކައިގެން ދެ ކުޅުންތެރިން ނުބައި ކޮށްފަ އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، ބަރާބަރު 20 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 108 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނު ހަސަން ރަޝީދު 19 ބޯޅައިން 27 ރަން ހެދި އިރު، އަހުމަދު ހަސަން ވަނީ 20 ބޯޅައިން 26 ލަނޑު ހަދައިފަ އެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހު އެވެ. އެ މެޗަށް ފަހު ބޫޓާނާއި ތައިލެންޑް ބައްދަލު ކުރާނެ އެވެ. އަދި ފައިނަލް މެޗު ކުޅޭނީ ހޯމަ ދުވަހު އެވެ.