Roadha Mihaaru
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި

އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި

16 ނޮވެމްބަރ 2024

މއ. މިލާން ގޭގެ ނަން ނަން ނުކިޔައި ދިވެހި ކްރިކެޓްގެ ފާއިތުވި ޖީލުތަކުގެ ވާހަކަ ވެސް އަދި މި ޖީލުގެ ވާހަކަ ވެސް ލިޔެވޭކަށް ނެތެވެ. ހާއްސަކޮށް އެ ގޭގެ ފަރުހަތު ޖަލީލްގެ ހިދުމަތް ދިވެހި ކުޅިވަރުގައި ނުދައްކައި ފުރިހަމައެއް ނުކުރެވޭނެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މއ. މިލާން ގޭގެ ނަން ނަން ނުކިޔައި ދިވެހި ކްރިކެޓްގެ ފާއިތުވި ޖީލުތަކުގެ ވާހަކަ ވެސް އަދި މި ޖީލުގެ ވާހަކަ ވެސް ލިޔެވޭކަށް ނެތެވެ. ހާއްސަކޮށް އެ ގޭގެ ފަރުހަތު ޖަލީލްގެ ހިދުމަތް ދިވެހި ކުޅިވަރުގައި ނުދައްކައި ފުރިހަމައެއް ނުކުރެވޭނެ އެވެ.

މިލާން ގެއަކީ ކްރިކެޓްގެ ހިދުމަތްތެރި ތާރީހެއް އޮތް ގެއެކެވެ. ކްރިކެޓްގައި ކުރީގެ ކްލަބް "މިލާން" އަކީ އަދިވެސް ފަހުރުވެރި ނަމެކެވެ. އެކަމަކު، މިއަދު ދައްކަން މި އުޅެނީ މިލާންގެ އިން ކްރިކެޓަށް ނުކުތް ތިން ވަނަ ޖީލުގެ ކުޅުންތެރިޔާގެ ވާހަކަ އެވެ. އެއީ ފަރުހަތުގެ ދަރިފުޅު ޔޫސުފް އަޒްޔާން ފަރުހަތުގެ ވާހަކައެވެ.

ފަރުހަތު ކުޅުނު އޭރުގެ ކްލަބް މިލާން، އުވުނަސް "މިލާން" ގެ ނަމާއި އެ ގެއިން ނެރުނު ކްރިކެޓްގެ ލެގަސީ ފަނޑުނުވާ ކަން އެނގެނީ އަޒްޔާންގެ ނަން ދިވެހި ތާރީހުން ޖާގަ ހޯދަމުން އަންނާތީ އެވެ. އެއީ ރާއްޖޭގެ މިހާރުގެ އެއްވަނަ ބެޓްސްމަނެވެ. ބައްޕަ ފަރުހަތު އަމިއްލަ އަށް އުފެއްދި ކްލަބް މިލާން އުވުނަސް އެކަޑެމީއެއް އުފައްދައި އެ ނަން އަދިވެސް ގެންދަނީ ދިރުވަމުންނެވެ. އަޒްޔާނަކީ މިހާރު މިލާން ކްރިކެޓް އެކަޑެމީގެ އެއްވަނަ ކުޅުންތެރިޔާ އެވެ.

އަޒްޔާން ބޭނުންވި ކޮންމެ ކުޅިވަރަކުން ކުރިއަށް ދިއުމުގެ ފުރުސަތު ބައްޕަ ފަރުހަތު ދިނަސް ކްރިކެޓަކާ ދުރަށް ނުދެވުނެވެ. އަޒްޔާން އިހުތިޔާރުކުރީ ބައްޕަގެ ތަރުބިއްޔަތާއި އެ އަހުލާގު ދަސްކޮށްދިން ކުޅިވަރެވެ.

ކާފަ މަރުހޫމް އަހުމަދު ޖަލީލަކީ މިލާންގެ އިން ކްރިކެޓަށް ނުކުންނެވި ފުރަތަމަ ޝަހުސިއްޔަތުކަން އަޒްޔާނަށް އެނގެ އެވެ. ކާފަގެ ކްރިކެޓްގެ ތާރީހު އަމަލީ ގޮތުން ފެނިފައި ނެތަސް އަޒްޔާނަށް މިއަދު ވާރުތަވެފައި ވަނީ އާއިލީ ކުޅިވަރެވެ.

"ދެހާސް ފަހެއްގައި އެއްފަހަރު ޗުއްޓީ އަށް ލަންކާ އަށް ފެމިލީ ޓްރިޕެއްގައި ގޮސް ފެމިލީއާ އެކު ފަން އަކަށް ކްރިކެޓް ކުޅުނު ހަންދާނެއް ވަނީ،" ދެހާސް ހަވަނަ އަހަރު މަރުވި ކާފަ އަހުމަދު ޖަލީލްގެ ކްރިކެޓްގެ ހަނދާނެގެ ގޮތުގައި އަޒްޔާން ކިޔައި ދިނެވެ.

އަޒްޔާންގެ ކާފަ، އަހްމަދު ޖަލީލް، ބައްޕަ ފަރުހަތު ޖަލީލް، ދެން އަޒްޔާން: އެ އާއިލާ އަކީ ކްރިކެޓްގެ އާއިލާއެއް

އަޒްޔާންގެ ކާފަ، އަހްމަދު ޖަލީލް، ބައްޕަ ފަރުހަތު ޖަލީލް، ދެން އަޒްޔާން: އެ އާއިލާ އަކީ ކްރިކެޓްގެ އާއިލާއެއް

އިސްކަންދަރު ސްކޫލުން ކިޔެވި އަޒްޔާން، އިންޓަ ކްލާސް މުބާރާތުގައި ފުޓްބޯޅަ ކުޅުނަސް، އޭނާގެ ހިތް އެ ކުޅިވަރެއްގެ ތެރެއަށް ބަންޑުންވެ، ކްރިކެޓްގައި ކުރިއަށް ދާން ނިންމީ، އެ ކުޅިވަރުގެ ހުރިހާ ކަމެއް ގޭތެރެއިން ދަސްވެ، ބިންވަޅު ނެގިފައި ވުމުންނެވެ.

"ބައްޕަ އަކީ ކްރިކެޓްގެ މީހަކަށް ވާތީ އަޅުގަނޑަކަށް ބާރު ނާޅުއްވާ ކޮންމެހެން ކްރިކެޓުން ކުރިއަށް ދާކަށް. އެކަން އަޅުގަނޑުގެ ޗޮއިސް އަށް ދޫކޮށްލެއްވީ،" އަޒްޔާން ކިޔައި ދިނެވެ.

"އެކަމަކު ބައްޕަ ބުނާނެ ކޮންމެވެސް އެއް ކުޅިވަރެއް ކުޅޭށޭ، އޭރުންނޭ ކުރި އަރަން ފަސޭހަ ވާނީ. ކްރިކެޓް ޗޫޒް ކުރީ އަޅުގަނޑު އަމިއްލަ އަށް."

އިންޓަ ކްލާސް ފުޓްބޯޅަ މުބާރާތުން، އޭނާގެ ފުޓްބޯޅައިގެ ހުނަރު ވެސް ފެނުމުން، އިންޓަ ސްކޫލް ޓީމަށް އަރަން ފުރުސަތު ލިބުނެވެ. އެކަމަކު ސްކޫލް ކްރިކެޓް މުބާރާތުގެ ކުރިން އަނިޔާއެއް ވެދާނެތީ އިންޓަ ސްކޫލް މުބާރާތުގައި ފުޓްބޯޅަ ކުޅެން ބޭނުން ނުވި އެވެ.

އަޒްޔާން ކުޑައިރުގެ ފޮޓޯއެއް

އަޒްޔާން ކުޑައިރުގެ ފޮޓޯއެއް

ބައްޕަގެ ކްލަބް މިލާން އެކަޑަމީގައި ތަމްރީނުވެ، ކުރިއަރަމުން އަޒްޔާން ދިޔައީ، ރާއްޖޭގެ އެންމެ މައްޗަށް ވާސިލް ވުމަށެވެ. އެ ކްލަބުން ތަމްރީނުގެ ފުރުސަތު ލިބުނު އެހެން ޒުވާނުން ވެސް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައި ދިނެވެ.

"އެއީ ކަން ނޭނގޭ ބައްޕަގެ ވެލިއުސްތަކަކީ. ހުރިހާ އެންމެން އެންމެ މޮޅެތި މީހުންނަކަށް ނުވެދާނެޔޭ. އެކަމަކު އެއްވެސް މީހަކު ބޭކާރުވެގެން ނުދާނެކަން ކްލަބްގައި ބައްޕަ ޕްރޫވް ކޮށްދިން،" އަޒްޔާން ބުންޏެވެ.

އޭނާ ބުނިގޮތުގައި ސްކޫލް މަރުހަލާގައި އެއްވެސް ކުޅިވަރެއްގައި ފުރުސަތު ނުލިބިގެން ބާކީވެފައި ތިބި ކުދިންތަކެއް މިލާން އެކަޑަމީ އަށް ގެނެސް، އެ ކުދިން ކްރިކެޓްގެ ތެރެއަށް އޭނާގެ ބައްޕަ ނެރެދިނެވެ.

"އެންމެ ފަހުން ޑޮމެސްޓިކް [ކްރިކެޓް] މުބާރާތްތަކުގައި އެ ކުދިން ކުޅުނު ތަން އަޅުގަނޑަށް ވެސް ފެނުނު. ކޮންމެ މީހަކީ ވެސް ވެލިއުއެއް ހުރި މީހެއްކަން ބައްޕަ ޕްރޫވްކޮށް ދިނީ. އެއީ ބައްޕަގެ ކިބައިން އަޅުގަނޑަށް ދަސްވި އެންމެ ބޮޑު ލެސަން އަކީ،" އުމުރުން 24 އަހަރުގެ އަޒްޔާން ބުންޏެވެ.

"އޭރު ވެސް އިސްކަން ދެވުނީ ކްރިކެޓަށް. އެހެންވެ އިންޓަ ސްކޫލްގައި ފުޓްބޯޅަ ކުޅެން ލިބުނު ފުރުސަތު ދޫކޮށްލީ އިންޖަރީއެއް ވެގެން ކްރިކެޓް މުބާރާތުގައި ނުކުޅެ ހުންނަން ޖެހިދާނެތީ."

އަޒްޔާންގެ ބައްޕަ އާއި މަންމަ އާ އެކު

އަޒްޔާންގެ ބައްޕަ އާއި މަންމަ އާ އެކު

ބައްޕަ އަމަލީ ގޮތުން އެ ފިލާވަޅު ނަގައިދީ، އަޒްޔާނަށް ދިން ބެޓްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ހަމައަށް އޭނާ ވާސިލްވި އެވެ. ބައެއް މެޗުތަކުގައި 100 ލަނޑު ހަމަކޮށް ސެންޗަރީ ހަދަ އެވެ.

އިއްޔެ ނިމުނު ރާއްޖޭގެ ކްރިކެޓް ޕްރިމިއާ ލީގު، މިލާނަށް ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް އަޒްޔާނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދީ އޭނާ އެވެ. އެކަމަކު ޑޮމެސްޓިކް ގިނަ މުބާރާތްތަކެއްގެ ތަށި ލިބުނަސް، މި ވަގުތަށް ހާސިލް ކުރަން ބޭނުންވާ އަމާޒަށް އަދި ނުދެވެ އެވެ. އެއީ ބައިނަލްއަގްވާމީ މުބާރާތަކުން އޭނާ ހުރެގެން ރާއްޖެ އަށް ތަށްޓެއް ހޯދައި ދިނުމެވެ.

މިދިޔަ މަހު ބޫޓާންގައި ބޭއްވި ފޯ ނޭޝަން މުބާރަތަކީ އެ ޓާގެޓާ ވަރަށް ގަތަށް އަޒްޔާނާއި ދިވެހި ޓީމަށް ދެވުނު މުބާރާތެކެވެ. އަޒުޔާންގެ ބޮޑު ހިއްސާއަކާ އެކު ރާއްޖޭން ފައިނަލަށް ދަތުރު ކުރި އެވެ. އެކަމަކު ރާއްޖެ އަށް ތަށި ގެއްލުނީ މެޗު ކުޅެވޭނެ ހާލަތެއް ނެތުމުންނެވެ. ވިއްސާރައިގެ ސަބަބުން މެޗު ކެންސަލް ކުރުމަށް ފަހު، ތައިލެންޑަށް ތަށި ދޭން ނިންމީ ލީގު ބުރުގެ އެއް ވަނަ ޓީމަށް ވުމުންނެވެ.

އަޒްޔާން ގައުމީ ޓީމުގެ މެޗެއްގައި: އޭނާ ބޮޑަށް ހާއްސައީ ބެޓްސްމަނެއްގެ ގޮތުގައި

އަޒްޔާން ގައުމީ ޓީމުގެ މެޗެއްގައި: އޭނާ ބޮޑަށް ހާއްސައީ ބެޓްސްމަނެއްގެ ގޮތުގައި

ރާއްޖެ އަށް ތަށި ގެއްލުނަސް، އަޒްޔާނާ ރާއްޖެ އައީ އެ މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑާއި އެންމެ ގިނައިން ހަޔަކަށް ޖެހި ކުޅުންތެރިޔާގެ ވެސް އެވޯޑް ހިފައިގެންނެވެ. އެކަމަކު އިންޑިވިޖުއަލް އެ އެވޯޑްތަކަކުން އަޒްޔާންގެ ޓާގެޓް ހާސިލުނުވާ ކަމަށް އޭނާ ބުންޏެވެ.

"އިންޑިވިޖުއަލް އެވޯޑަކަށް ނުވިސްނަން. ވިސްނީ ތައްޓަށް. އެ ތަށި ޓީމަށް ނުލިބުނީމާ ވަރަށް ޑިސްއެޕޮއިންޓްވި،" އުމުރުން އެންމެ 19 އަހަރުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2019 ގައި ހޯދި އަޒްޔާން ބުންޏެވެ.

ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ގިނަ އަދަދަކަށް ތިބި ކަމަށް އަޒްޔާން ބުންޏެވެ. ވަކަވަކި ކުޅުންތެރިންގެ ހުނަރު ހުއްޓަސް ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ދިވެހި ޓީމަށް ވަނީ ބޮޑު ގޮންޖެހުމަކަށެވެ. އެހެން ވާން ޖެހޭނީ ކީއްވެ ހެއްޔެވެ؟

އަޒްޔާން (ވ) އަށް ބޫޓާން މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑް ހަވާލު ވަނީ  --- ފޮޓޯ: ބޫޓާން ކްރިކެޓް

އަޒްޔާން (ވ) އަށް ބޫޓާން މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ އެވޯޑް ހަވާލު ވަނީ --- ފޮޓޯ: ބޫޓާން ކްރިކެޓް

"މުބާރާތުގެ ކުރިން ޕްރެޝަރުގައި ކުޅެލާނެ މެޗުތަކެއް ނުލިބޭ. ކްރިކެޓްގެ ރީޖަންއަކާ ބަލާފައި ރާއްޖެ އަށް އަސްލު އެ އޮޕޮޗުނިޓީގެ ބޭނުމެއް ނުކުރެވޭ. ސިސްޓަމެޓިކް ކޯޗިން އަކީ ވެސް ވަރަށް މުހިންމު އެއްޗެއް. މިކަންކަން ލެކް ވަނީ،" އޮސްޓްރޭލިއާގެ މެލްބަން ލީގުގައި ދެ އަހަރު ވަންދެން ކުޅުނު އަޒްޔާން ބުންޏެވެ.

އޭނާ ބުނީ ކުޑައިރުން ފެށިގެން، ކްރިކެޓްގެ ތެރެއަށް ކުދިން ހާނުވާނެ ސިސްޓަމެއް ބޭނުންވާ ކަމަށެވެ. ބައްޕަގެ މަސައްކަތް ބިނާ ކުރަނީ މިހާރު އެ މަގަށް ކަމަށް އަޒްޔާން ބުންޏެވެ.

"ބައްޕަގެ އެބައޮތް އަނެއްކާވެސް އެ ޑްރީމް. މުޅިން އާ ކުޅުންތެރިންތަކެއް ކްރިކެޓަށް ނެރެ. މި ގެޕް ފޫބެއްދުން. މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާއިރު އައި ތިންކް ހީ ކޭން ޕްރޫވް އިޓް،" އަޒްޔާން ބުންޏެވެ.

ބައްޕަގެ އެ ހުވަފެނީ މަސައްކަތުގައި އެހީވާން އަޒްޔާން ވެސް ހުރީ އަތަށް ބެޓެއް ހެޔޮވަރު ކޮށްގެންނެވެ. ދެބަފައިންގެ އުއްމީދު ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާ އެކު އެވެ. އަޒްޔާނަކީ މިލާންގެ އިން މި ޖީލަށް ނުކުމެ، ކްރިކެޓްގެ ތާރީހު ބަދަލުކުރާނެ ކުޅުންތެރިއެއް ކަމާ މެދު ޝައްކެއް ނެތެވެ. އެ އަޒުމާއި ހިތްވަރު އެބަހުއްޓެވެ.