Roadha Mihaaru
ބޭރަށް ނުދެވުނަސް ދެރައެއް ނެތް، ލިބުނީ ބޮޑު ޝަރަފެއް

ބޭރު ކްލަބަށް ނުދެވުނަސް ދެރައެއް ނެތް، ލިބުނީ ބޮޑު ޝަރަފެއް

21 ފެބުރުއަރީ 2023

ކުރިން އުއްމީދުކޮށްގެން ހުރި ގޮތުންނަމަ، ރާއްޖޭގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔާ އާދަމް ނާސިފް (އާދަޅޭ) މި މަހު ހުންނާނީ މެލޭޝިއާގެ ޓީ 20 ކްރިކެޓްގެ ކްލަބް މުބާރާތެއްގައި ކުޅޭށެވެ. އެ މުބާރާތުގައި ކުޅެން ދާނީތޯ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން މާލޭގައި ހުންނާނީތޯ، ކަނޑައަޅުމާ މެދު އޭނާ ހުރީ ދެ ފިކުރެއްގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކުރިން އުއްމީދުކޮށްގެން ހުރި ގޮތުންނަމަ، ރާއްޖޭގެ އެއް ވަނަ ކްރިކެޓް ކުޅުންތެރިޔާ އާދަމް ނާސިފް (އާދަޅޭ) މި މަހު ހުންނާނީ މެލޭޝިއާގެ ޓީ 20 ކްރިކެޓްގެ ކްލަބް މުބާރާތެއްގައި ކުޅޭށެވެ. އެ މުބާރާތުގައި ކުޅެން ދާނީތޯ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން މާލޭގައި ހުންނާނީތޯ، ކަނޑައަޅުމާ މެދު އޭނާ ހުރީ ދެ ފިކުރެއްގަ އެވެ.

މެލޭޝިއާގެ އެ މުބާރާތް ފެށީ އިރު ވެސް ގޮތް ކަނޑަނޭޅުނެވެ. އެ މުބާރާތުގައި ކުޅެމުން އަންނަ ކުޅުންތެރިޔަކު މެދުވެރިކޮށް އޭނާ އަށް ފަހިވި ފުރުސަތު ދޫކޮށްލީ ގައުމީ ޓީމުގެ މުބާރާތެއް ވެސް ކުރިމަތީގައި އޮތުމުން އެ ވިސްނުމުގަ އެވެ. މެލޭޝިއާ ކްލަބްގެ ފުރުސަތު ދޫކޮށްލެވުމުން ދެރައެއް ނެތެވެ. ތައިލެންޑްގައި މާދަމާ ފަށާ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ ޗެލެންޖާސް ކަޕުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކަށް ކްރިކެޓް ބޯޑުން ހަމަޖެއްސީ އާދަމް އެވެ.

ކްރިކެޓްގައި ވަރުގަދަ ގައުމެއް ކަމަށްވާ ސްރީ ލަންކާގެ ތިން ވަނަ ޑިވިޝަނުގެ ޓީމު، ކަލްޓުރާ އެސް ސީ އަށް ކުރިން ކުޅުނު އާދަމް ބުނީ ބޭރުގެ ރަނގަޅު ކްލަބެއްގެ ފުރުސަތަކީ ކުޅުންތެރިޔެއްގެ ކުރިއެރުމަށް މުހިއްމު ފުރުސަތެއް ކަމަށެވެ. އެކަމަކު އޭނާ އަށް މިވަގުތު އެ ފުރުސަތުގެ ބޭނުން ނުކުރެވުނަސް ހިތާމައެއް ނެތް ކަމަށް، އިންޓަ ސްކޫލް މުބާރާތުގައި ވިލިމާލޭ މުހިޔުއްދީން ސްކޫލުން ކްރިކެޓްގެ ތެރެއަށް ނުކުތް އާދަމް ބުންޏެވެ.

"ގައުމީ ކެޓްޓަނަކަށް ހަމަޖެއްސީމަ ހަގީގަތުގައި ރިއަލައިޒްވީ (މެލޭޝިއާގެ) އެ މުބާރާތުގައި ކުޅެން ނުދެވުމަކުން ދެރައެއް ނެތްކަން. ގައުމީ ކެޕްޓަނަކަށް ހަމަޖެއްސިކަން އެނގުނު ވަގުތަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ވަގުތެ ކޮޅެއް،" މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް ހޯދި އާދަމް ބުންޏެވެ.

ގައުމީ ޓީމަށް 30 ހަކަށް މެޗު ކުޅުނު އާދަމް ބުނީ ގައުމީ ކެޕްޓަންކަން ކުރަން އޭނާ ފައްކާވެފައިވާކަން ގަބޫލު ކުރާ ކަމަށެވެ. އޭނާ ބުނީ ކްރިކެޓްގައި ކެޕްޓަންގެ ޒިންމާ އެހެން ކުޅިވަރުތަކުގައި ކެޕްޓަނުންގެ ޒިންމާ އަށް ވުރެ ބޮޑު ކަމަށެވެ.

"ފީލްޑް ކުރާނީތޯ ނޫނީ ބެޓް ކުރާނީތޯ. ކޮން ކުޅުންތެރިންނެއްތޯ އުކާނީ. މެޗާ ގުޅޭ މިކަހަލަ ބޮޑެތިކަންކަން ކަނޑައަޅާނީ ކެޕްޓަން،" އާދަމް، 25 ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކެޕްޓަންގެ ޒިންމާ ނަގަން އަޅުގަނޑު ތައްޔާރުވެފައިވާކަމަށް. ގަބޫލުކުރަނީ އެހެންވެ ކަމަށް ކްރިކެޓް ބޯޑުން ވެސް ކެޕްޓަނަކަށް އަޅުގަނޑަށް ހަވާލު ކުރާނީ. އެ ޒިންމާ އަޅުގަނޑަށް އަދާ ކުރެވޭނެކަމަށް (އެބޭފުޅުން ވެސް) ގަބޫލުކުރާތީ."

އޭނާ އަށް އެހެން ކުޅުންތެރިންގެ ސަޕޯޓް ވެސް އެބައޮތް ކަމަށް މިލާން ކްރިކެޓް ކްލަބަށް ކުޅެމުން އަންނަ ބެޓްސްމަން ބުންޏެވެ.

އަންނަ މަހު 6 ގެ ނިލޔަށް ކުރިއަށްގެން މުބާރަތް ގެންދާނީ 50 އޯވަރު ފޯމެޓަށެވެ. ގުރޫޕް އޭ ގައި ރާއްޖެ އާއެކު ހިމެނެނީ އީރާން، ބަހްރެން އަދި ބޫޓާނެވެ. ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ތައިލެންޑާއި މިޔަންމާ، ސައުދީ އަރަބިއާ އަދި އިންޑޮނޭޝިއާ އެވެ.

ކޮންމެ ގުރޫޕަކުން ގަދަ ދެ ޓީމު ފައިނަލު ބުރަށް ދަތުރު ކުރާނެ އެވެ. އަދި އެ ބުރުން ފައިނަލަށް ދާ ދެ ޓީމު ކޮލިފައި ވާނީ އޭޕްރީލް މަހު ބާއްވާ އޭސީސީ ޕްރިމިއާ ކަޕަށެވެ.

ކްރިކެޓް ބޯޑުން ބުނީ ގަދަ ދެ ޓީމުގެ ތެރެ އަށް ރާއްޖެ އަށް ވަދެވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.