Roadha Mihaaru
ބަހްރޭން އަތުން ވެސް ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެ

ބަހްރޭން އަތުން ވެސް ގައުމީ ކްރިކެޓް ޓީމު ބަލިވެއްޖެ

27 އޮކްޓޯބަރ 2021

ދޯހާގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ވެސް ބަލި ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދޯހާގައި ކުރިޔަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޭޝިއަން ކޮލިފައިންގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ވެސް ބަލި ވެއްޖެ އެވެ.

ކޮލިފައިންގެ ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ޓީމު ވަނީ ސައުދީ އަރަބިއްޔާ އަދި ގަތަރާ ވާދަކޮށް ބަލިވެފަ އެވެ. މިއަދު ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް ބަހްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި، ބަހްރޭން ކުރިހޯދީ ހަތް ވިކެޓުންނެވެ.

ބަހްރޭނަށް ޓޮސް ދިމާވުމުން ފުރަތަމަ ކުޅެން އެރީ ރާއްޖޭންނެވެ. ރާއްޖޭން 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 88 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ޒުވާން އޯލްރައުންޑާ އާދަމް ނާސިފް އުމަރެވެ. އޭނާ ވަނީ 22 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ. އޭނާ އަންނަނީ މި ކޮލިފައިންގައި އުންމީދީ ކުޅުމެއް ދައްކަމުންނެވެ.

ޖަވާބުގައި ކުޅެން އަރައި ބަހްރޭނުން ވަނީ ހަތް އޯވަރުން ތިން ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދައިފަ އެވެ. މި އިނިންގްސް ގައި އިބްރާހިމް ހަސަން ދެ ވިކެޓް ނެގިއިރު އިބްރާހިމް ނަޝާތު ވަނީ އެއް ވިކެޓް ނަގައިފަ އެވެ.

ކޮލިފައިންގެ ފަހު މެޗުގައި މާދަމާ ހެނދުނި 11 ޖަހާއިރު ރާއްޖޭން ނުކުންނާނީ ކުވޭތާ ދެކޮޅަށެވެ.