Roadha Mihaaru
ކްރިކެޓް: ރާއްޖޭން ތައިލެންޑް ބަލިކޮށްފި

ކްރިކެޓް: ރާއްޖޭން ތައިލެންޑް ބަލިކޮށްފި

26 ޖޫން 2019

މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބާއްވާ ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން މިއަދު ތައިލެންޑް އަތުން ދެ ވިކެޓުން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބާއްވާ ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން މިއަދު ތައިލެންޑް އަތުން ދެ ވިކެޓުން މޮޅުވެއްޖެ އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިއްޔެ، ދުނިޔޭގެ ލެވެލްގެ ތިނެއްގައި އޮތް މެލޭޝިއާ އަތުން 73 ލަނޑުން ބަލިވި ނަމަވެސް މިއަދުގެ މޮޅާ އެކު މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. ތިން ގައުމު ވާދަކުރާ މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ފުރަތަމަ ބުރު ނިމިފައިވާއިރު ދެ މޮޅާ އެކު އެއް ވަނައިގައި އޮތީ މެލޭޝިއާ އެވެ. ރާއްޖެ އެއް މޮޅާ އެކު ދެ ވަނައިގައި އޮތްއިރު ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި ތައިލެންޑެވެ. މެލޭޝިއާ ވަނީ ފުރަތަމަ މެޗުން ތައިލެންޑް އަތުން ފަސް ވިކެޓުން މޮޅުވެފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 74 ވަނައިގައި އޮތް ތައިލެންޑާއި 57 ވަނައިގައި އޮތް ރާއްޖެ މިއަދު ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އެރީ ތައިލެންޑުންނެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހެދި އެވެ. ޖަވާބުގައި ރާއްޖެ އަރައި 19.5 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ޓީމުގައި ހިމެނޭ ސްރީ ލަންކާ ކުޅުންތެރިޔާ ނިލަންތަ ކޫރޭ އެވެ. އޭނާ ވަނީ 34 ބޯޅައިން 40 ލަނޑު ހަދައިފަ އެވެ. އެއީ ހަޔަކަށް ޖެހި ދެ ބޯޅަ އާއި ހަތަރަކަށް ޖެހި ތިން ބޯޅައާ އެކު އެވެ.

ރާއްޖޭގެ ޓީމުގައި ސްރީ ލަންކާގެ ޖުމްލަ ތިން ކުޅުންތެރިން ހިމެނެ އެވެ. އެ ގައުމެއްގައި ދިރިއުޅޭތާ ތިން އަހަރުވެފައިވާ ބިދޭސީންނަށް ވެސް އެ ގައުމެއްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ކްރިކެޓުގައި އޮވެ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ތައިލެންޑާ ދެކޮޅަށް ދެ ވަނަ މެޗުގައި ނުކުންނާނީ 29 ހޮނިހިރު ދުވަހު އެވެ.

ރާއްޖޭން ބައިނަލްއަގްވާމީ މުބާރާތަކާ މި ކުރިމަތިލީ އާ ސަރުކާރާ އެކު ކްރިކެޓަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ފަށާފައިވަނިކޮށެވެ. އެގޮތުން ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅައިދޭން ނިންމައިފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދާދި ފަހުން އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބައްލަވާލެއްވުމުގެ އިތުރުން ބީސީސީއައި އާއި އައިޕީއެލްގެ އިސް އޮފިޝަލުނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު، ރާއްޖޭގައި ކްރިކެޓް ފުޅާކުރުމަށް އެސެސްމަންޓެއް ހަދައި ސްޓްރެޓެޖިކް ޕްލޭނެއްގެ މަސައްކަތްކުރުމަށް ބީސީސީއައި ގެ ވަފުދެއް ރާއްޖެ ޒިޔާރަތްކުރި އެވެ.

ރާއްޖޭގައި އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމަޔަށް ކްރިކެޓުގެ ފޯރިގަދަ އެވެ. މަޝްހޫރު ގިނަ ކްލަބްތަކުގައި ކްރިކެޓް ޓީމެއް އޮވެ މުބާރާތްތަކުގައި ވާދަކުރިއިރު، މެޗުތައް ބަލަން ވެސް ގިނަ އަދަދަށް މީހުން ދެ އެވެ. އެކަމަކު ފަހަކަށް އައިސް ކްރިކެޓުގެ ފޯރިވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު މިހާރު ވެސް ގަވާއިދުން މުބާރާތްތައް ބާއްވައި އަދި ގައުމީ ޓީމުން ވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރެ އެވެ. ރާއްޖޭގެ ގައުމީ ޓީމުން ވަނީ އޭޝިއާގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި ބޭއްވި ދެ މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ރާއްޖެ މިހާރު އޮތީ އޭޝިއާގެ މުބާރާތްތަކުގެ ކޮލިފައިން ލެވެލްގަ އެވެ. އޭޝިއާގެ މުބާރާތްތަކަކީ ޓެސްޓް ސްޓޭޓަސް އާއި ވަންޑޭ އިންޓަނޭޝަނަލް ސްޓޭޓަސް އަދި ކްރިކެޓް ވޯލްޑް ކަޕް ނެގުމަށް ފަހު އެންމެ މަތީ ލެވެލެވެ.