Roadha Mihaaru

ފަހު މެޗުގައި އޭއެފްސީސީން ގައުމީ ޓީމު ބަލިކޮށްފި

ގައުމީ ކްރިކެޓް ޓީމު ރާއްޖޭގައި، ސްރީ ލަންކާގެ އޭއެފްސީސީއާ ދެކޮޅަށް ކުޅުނު ހަތަރު ދުވަހުގެ ޓުއާގެ ފަހު މެޗުން ބަލިވެއްޖެ އެވެ.

ފަހު މެޗުގައި އޭއެފްސީސީން ގައުމީ ޓީމު ބަލިކޮށްފި

ގައުމީ ކްރިކެޓް ޓީމު ރާއްޖޭގައި، ސްރީ ލަންކާގެ އޭއެފްސީސީއާ ދެކޮޅަށް ކުޅުނު ހަތަރު ދުވަހުގެ ޓުއާގެ ފަހު މެޗުން ބަލިވެއްޖެ އެވެ.

ފަންސާސް އޯވަރަށް އިއްޔެ ކުޅުނު މެޗުން އޭއެފްސީސީ މޮޅުވީ ހަ ވިކެޓުންނެވެ. ރާއްޖެއަށް ޓޮސް ދިމާވުމުން ކުޅެން އަރައި، 27.5 އޯވަރުން 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. އޭއެފްސީސީ މޮޅުވީ 29.3 އޯވަރުން ހަތަރު ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަމަކޮށްގެންނެވެ.

މުހައްމަދު ރިޝްވާން 50 ބޯޅައިން 58 ލަނޑު ހެދި އިރު ޝައުފް ހަސަން ވަނީ 35 ބޯޅައިން 47 ލަނޑު ހަދައިފަ އެވެ. ރާއްޖެއަށް މި މެޗުގައި އެންމެ ބޮޑު ނުރައްކަލަކަށް ވީ އޭއެފްސީސީގެ ބޯލަރު އަކްރަމް އެވެ. އޭނާ ވަނީ މެޗުގައި ހަ ވިކެޓް ނަގައިފަ އެވެ.

ސްރީލަންކާގެ ކެންޑީގެ އަކުރާނާ ފްރެންޑްސް ކްރިކެޓް ކްލަބް (އޭއެފްސީސީ) އާ ދެކޮޅަށް ކުޅުނު މި ޓުއާގެ ފުރަތަމަ ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.

ފުރަތަމަ ކުޅުނީ ޓީ20 ދެ މެޗެވެ. ބުދަ ދުވަހު ކުޅުނު ފުރަތަމަ މެޗު 11 ލަނޑުން ރާއްޖެ ކާމިޔާބު ކުރި އިރު، ބުރާސްފަތި ދުވަހު ކުޅުނު މެޗުން މޮޅުވީ 39 ލަނޑުންނެވެ.

ވިހި އޯވަރަށް ކުޅުނު މެޗުން ރާއްޖެ ފުރަތަމަ ކުޅެން އަރައި ވަނީ 19.5 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައި ވެގެން 135 ލަނޑު ހަދައިފަ އެވެ. އޭއެފްސީސީ އަށް 18.1 އޯވަރުން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 96 ލަނޑެވެ. ރާއްޖޭގެ ހާޒިގް ހަސަން ރަޝީދު ވަނީ މި މެޗުގައި 52 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ.

ފަހު ދެ މެޗު ކުޅުނީ 50 އޯވަރަށެވެ. އެގޮތުން ހުކުރު ދުވަހު ފުރަތަމަ ކުޅެން އެރީ އޭއެފްސީސީ އެވެ. އެ ޓީމު ކުޅެން އަރައި 39.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 23.4 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 148 ލަނޑު ހަމަކޮށްފަ އެވެ. ހާޒިގް ވަނީ މި މެޗުގައި ނުބައި ނުވެ 41 ބޯޅައިން 44 ލަނޑު ހަދައިފަ އެވެ.