Roadha Mihaaru
ނަތީޖާ ނުނެރެވިގެން ކްރިކެޓް ޓީމަށް ފުރުސަތު ގެއްލިއްޖެ

ފުރަތަމަ ދެ މެޗުން ނަތީޖާ ނުނެރެވި ކްރިކެޓް ޓީމަށް ފުރުސަތު ގެއްލިއްޖެ

05 ފެބުރުއަރީ 2024

އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕްގެ ގުރޫޕް ސްޓޭޖުގެ ދެ މެޗުންވެސް ބަލިވެ، ރާއްޖެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ނަގާލައިފި އެވެ.

އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕްގެ ގުރޫޕް ސްޓޭޖުގެ ދެ މެޗުންވެސް ބަލިވެ، ރާއްޖެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ނަގާލައިފި އެވެ.

ފުރަތަމަ މެޗުގައި ހުކުރު ދުވަހު ކުޅުނީ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 41 ލަނޑުންނެވެ. އަދި ދެވަނަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ އިއްޔެ ބަލިވީ 42 ލަނޑުންނެވެ.

ޖަޕާނުން ވަނީ ޓޮސް ދިމާކޮށް ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި 18.4 އޯވަރު ތެރޭ ރާއްޖޭގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. މެޗުގައި އެންމެ ގިނަ ލަނޑު ހެދީ 26 ބޯޅައިން 40 ލަނޑު ހެދި ރާއްޖޭގެ އާދަމް އުމަރެވެ.

ފުރަތަމަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ވެސް ސިންގަޕޫރުން ޓޮސް ދިމާކޮށް ނިންމީ ފުރަތަމަ ކުޅޭށެވެ. އެޓީމުން 20 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 199 ލަނޑު ހެދި އެވެ. ޖަޕާނާ ދެކޮޅަށް ދެ ވިކެޓް ނެގި އިބްރާހިމް ހަސަން ވަނީ ފުރަތަމަ މެޗުގައި ވެސް ދެ ވިކެޓް ނަގައިފަ އެވެ. ސިންގަޕޫރު މެޗުގައި އެޓީމަށް 82 ލަނޑު ހަދައިދިން ސުރެންދުރަން ޗަންދުރަމޯހަންގެ ވިކެޓް ނެގީ ވެސް އޭނާ އެވެ.

ސިންގަޕޫރާ ދެކޮޅަށް ރާއްޖެއަށް އެންމެ ގިނަ ލަނޑު ހެދީ އިސްމާއިލް އަލީ އެވެ. އޭނާ ވަނީ 17 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ.

ދެ މެޗުގައި ވެސް ތަޖުރިބާކާރު ބެޓްސްމަން އާދަމް އުމަރާ އެކު ރާއްޖޭގެ އޯޕަނިންގައި ހިމެނުނީ ޒުވާން ބެޓްސްމަން އިބްރާހިމް ޝައުފް ހަސަން އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗަކަށް އޮތީ މާދަމާ ތައިލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެންމެ ފަހުން ރާއްޖެ އާއި ތައިލެންޑް ބައްދަލުކުރި ދެ މެޗުން ވެސް ރާއްޖެ ވަނީ މޮޅުވެފަ އެވެ.

ޗެލެންޖާ ކަޕަށް ފަހު ތައިލެންޑުން ރާއްޖޭގެ ޓީމް އެނބުރި ރާއްޖެ އައުމުގެ ކުރިން އެ ގައުމުގައި ހަތަރު ގައުމުގެ މެދުގައި ސީރީޒްއެއް ކުޅޭނެ އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން ވާދަކުރާނީ ސައުދީ އަރަބިއްޔާ އާއި ބޫޓާނެވެ.