10 ފެބުރުއަރީ 2024
އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕްގެ ނޮކައުޓް ބުރަށް ނުދިޔަ ހަ ޓީމު ރޭންކް ކުރަން ކުޅުނު ޕްލޭއޮފް މެޗުގައި ބޫޓާނާ ވާދަކޮށް 32 ލަނޑުން މޮޅުވެގެން ދިވެހިރާއްޖެ މުބާރާތް ނިންމާލައިފި އެވެ.
އޭޝިއާ ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕްގެ ނޮކައުޓް ބުރަށް ނުދިޔަ ހަ ޓީމު ރޭންކް ކުރަން ކުޅުނު ޕްލޭއޮފް މެޗުގައި ބޫޓާނާ ވާދަކޮށް 32 ލަނޑުން މޮޅުވެގެން ދިވެހިރާއްޖެ މުބާރާތް ނިންމާލައިފި އެވެ.
ރާއްޖޭން ވަނީ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން 137 ލަނޑު ހަދައިފަ އެވެ. މި މެޗުގައި ރާއްޖޭގެ އޯޕަނިން ބެޓްސްމަން އަޒްޔާން ފަރުހަތު ވަނީ ނުބައި ނުވެ، 45 ބޯޅައިން 43 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ބޫޓާނުން ކުޅެން އަރައި 18.2 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 105 ލަނޑެވެ. ރާއްޖޭގެ އިބްރާހިމް ހަސަން ވަނީ މި އިނިންސްގައި ހަތަރު ވިކެޓު ނަގައިފަ އެވެ.
ދިވެހިރާއްޖެ ގުރޫޕް ސްޓޭޖް ނިންމާލީ މޮޅެއް ނުހޯދި އެވެ. ފުރަތަމަ ދެ މެޗުގައި ސިންގަޕޫރާއި ޖަޕާން އަތުން ބަލިވި އިރު ފަހު މެޗުގައި ތައިލެންޑް އަތުން ވެސް ވަނީ ބަލިވެފަ އެވެ.
ތައިލެންޑާ ވާދަކޮށް ބަލިވީ އަށް ވިކެޓުންނެވެ. ރާއްޖެއަށް ޓޮސް ދިމާވުމުން ކުޅެން އަރައި 20 އޯވަރުތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. އެ މެޗުގައި އަޒްޔާން ވަނީ ނުބައި ނުވެ 56 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. ނަމަވެސް ތައިލެންޑުން ވަނީ ޖަވާބުގައި ކުޅެން އަރައި އެންމެ 9.4 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައި ވެގެން 128 ލަނޑު ހަމަކޮށް މެޗު ކާމިޔާބު ކޮށްފަ އެވެ.
ޗެލެންޖާ ކަޕަށް ފަހު ތައިލެންޑުން ރާއްޖޭގެ ޓީމް އެނބުރި ރާއްޖެ އައުމުގެ ކުރިން އެ ގައުމުގައި ހަތަރު ގައުމުގެ މެދުގައި ސީރީޒްއެއް ކުޅޭނެ އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން ވާދަކުރާނީ ސައުދީ އަރަބިއްޔާ އާއި ބޫޓާނެވެ.
ގައުމީ އަންހެން ކްރިކެޓް ޓީމު، މިއަދު މެލޭޝިއާގައި ފަށާ އޭސީސީ ވިމެންސް ޕްރިމިއާ ކަޕްގައި ވާދަ ކުރާނެ އެވެ. ގުރޫޕް ސްޓޭޖުގައި ވާދަކުރާ 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިފައި ވާއިރު، ރާއްޖެ ހިމެނެނީ ނޭޕާލާއި ބޫޓާން އަދި ހޮންގް ކޮންގް އާއެކު ގުރޫޕް ޑީގަ އެވެ.
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ދެން ނުކުންނާނީ ހޮންގް ކޮންގާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނެ އެވެ.
ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭއިރު، ސެމީއަށް ދާ ހަތަރު ޓީމު، އަންނަ އަހަރު ބާއްވާ އޭސީސީ ވިމެންސް ޓީ20 އެމާޖިން ޓީމްސް އޭޝިއާ ކަޕަށް ކޮލިފައި ވާނެ އެވެ. އަދި ފައިނަލަށް ދާ ދެ ޓީމަށް، މިއަހަރު ބާއްވާ ވިމެންސް ޓީ20 އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.