Roadha Mihaaru
ގައުމީ ތައްޓާއެކު ކްރިކެޓްގެ ރަސްކަން ސީބީއެލަށް

ގައުމީ މުބާރާތުގެ ތައްޓާ އެކު ކްރިކެޓްގެ ރަސްކަން ސީބީއެލަށް

08 އޯގަސްޓް 2024

މިއަހަރުގެ ޓީ20 ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި އެއް ލަނޑުން މިލާން ކްރިކެޓް އެކަޑަމީ ބަލިކޮށް، ސީބީއެލް ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަހަރުގެ ޓީ20 ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި އެއް ލަނޑުން މިލާން ކްރިކެޓް އެކަޑަމީ ބަލިކޮށް، ސީބީއެލް ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިފި އެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވެގެން ސީބީއެލް ވަނީ ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހަދައިފަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޗެމްޕިއަން މިލާނުން ޖަވާބުގައި ކުޅެން އަރައި 20 އޯވަރު ތެރޭ ނުވަ ކުޅުންތެރިން ނުބައި ވެގެން ހެދުނީ 166 ލަނޑެވެ.

މެޗުގެ ފަހު އޯވަރަށް އެޅިއިރު، މިލާނަށް ބޭނުންވީ ހަ ބޯޅައިން ފަސް ލަނޑެވެ. އޭރު އެޓީމުގެ ހަތް ކުޅުންތެރިން ވަނީ ނުބައި ވެފަ އެވެ.

ބާކީ ދެ ބޯޅައިން ތިން ލަނޑު ބޭނުންވެފައި ވަނިކޮށް މިލާނުގެ އިބްރާހިމް ރިޒާން ފޮނުވާލި ބޯޅަ ހިފައިގެން އޭނާ ނުބައިކޮށްވީ ސީބީއެލްގެ ޖާނަކަ މަލިންދާ އެވެ. އަދި ފަހު ބޯޅައަށް އެރި ޔައުގޫބް ސަލްމާން މުޒަންމިލް ރަންއައުޓަކުން ނުބައިކޮށްލީ އިސްމާއިލް ނަޒްވާނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިން ވިކެޓް ނެގި ސީބީއެލްގެ ހަރުޝާ އަމަރަސިންގޭ އެވެ. ސީބީއެލްގެ އިނިންސްގައި އޭނާ ވަނީ ނުބައި ނުވެ 17 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލްގެ ކުރިން ސީބީއެލް އެންމެ ފަހުން ޕްރިޒިޑެންޓްސް ކަޕްގެ ތަށި ހޯދީ 2022 ވަނަ އަހަރު އެވެ.

ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ގެންދިޔައީ، މިދިޔަ މަހު ނިމުނު ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. އެއީ ސީބީއެލް އާއި ލީގުގެ ޗެމްޕިއަންކަން ދިފާއުކުރި މިލާނުގެ އިތުރުން، މާލޭ ސްޕޯޓްސް ކްލަބާއި ވިޔަންސާ އެވެ.

ޕްރެޒިޑެންޓްސް ކަޕުން ޖާގަ ނުލިބުނީ ލީގުގެ ފަސްވަނައަށް ދިޔަ މާލޭ ވެޓެރަންސް އާއި ހަވަނައިގައި ނިންމި އޮއްފު އެފްސީ އެވެ. މާލޭ ވެޓެރަންސް އަކީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ރަނަރަޕް ޓީމެވެ.