Roadha Mihaaru
ކްރިކެޓް މުބާރާތްތައް އަހަރަކަށް ފަހު އަލުން ފަށަނީ

ކްރިކެޓް މުބާރާތްތައް އަހަރަކަށް ފަހު އަލުން ފަށަނީ

19 އެޕްރީލް 2021

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލިތާ އެއް އަހަރު ފަހުން، ކްރިކެޓް މުބާރާތްތައް މާދަމާ އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލިތާ އެއް އަހަރު ފަހުން، ކްރިކެޓް މުބާރާތްތައް މާދަމާ އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

ކްރިކެޓްގެ އެންމެ ފޯރިގަދަ އިވެންޓަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބާއްވާ، ރަމަޟާން ކްރިކެޓް ކާނިވަލެވެ. ކޯވިޑާ ގުޅިގެން މިދިޔަ އަހަރު އެ މުބާރާތް ބާއްވައިފައެއް ނުވެ އެވެ. އެއީ 30 އަހަރުގެ ތެރޭ ކްރިކެޓް ކާނިވަލް ނުބޭއްވުނު ފުރަތަމަ ފަހަރެވެ. ރޯދަ މަހަށް ފައްތައިގެން ކުރިއަށް ގެންދާ ކްރިކެޓް ކާނިވަލްގެ ފުރަތަމަ މުބާރާތަކަށް އޮންނާނީ އޯޕަން މުބާރަތެވެ. އެއަށް ފަހު ސަރުކާރު އޮފީސްތަކުގެ މުބާރާތެވެ. އަދި އޭގެ ފަހުން ކުންފުނިތަކުގެ މުބާރާތެވެ.

ގަލޮޅު ދަނޑުގައި 1990 ވަނަ އަހަރު ބާއްވަން ފެށި ކްރިކެޓް ކާނިވަލްގެ މުބާރާތްތަކުގައި އެންމެ ފުރަތަމަ ކުޅުނީ ޓެނިސް ބޯޅައިންނެވެ. ރަމަޟާން ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ދެ އަހަރު އިންތިޒާމް ކުރީ އަމިއްލަ ފަރާތަކުންނެވެ. އެ ކާނިވަލް 1992 އިން ފެށިގެން އިންތިޒާމް ކުރަނީ ކްރިކެޓް ބޯޑުންނެވެ.

މި އަހަރު ކާނިވަލް ފެށުމުގެ ކުރިން، ކްރިކެޓް ބޯޑުގެ އިސްވެރިން ވަނީ، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާ ބައްދަލު ކުރައްވައިފަ އެވެ. ކްރިކެޓް ބޯޑުގެ ސެކެޓްރީ ޖެނަރަލް އަހްމަދު މުނާޒު ވިދާޅުވީ، ރޯދަ މަސް ފަށާތާ އެއް ހަފުތާ ފަހުން މުބާރާތް ފަށަން ނިންމީ މިނިސްޓަރު ނަސީމުގެ ލަފާގެ މަތިން ކަމަށެވެ، މީގެ ކުރިން ކްރިކެޓް ކާނިވަލް ފަށަނީ ރޯދަ މަހުގެ ދެ ވަނަ ދުވަހު އެވެ.

"ކޯވިޑްގެ ހާލަތު އަދިވެސް އުޅޭ ގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ އެއް ހަފުތާ ބަލާފައި މުބާރާތް ފެށުމަށް. އެހެންވެ އެގޮތަށް ނިންމައިގެން މި އަހަރު މުބާރާތް ފެށުން ލަސްވެގެން ދިޔައީ،" ރިޒާން ވިދާޅުވި އެވެ. "އަދި އެޗްއީއޯސީ އާ ވެސް އަޅުގަނޑުމެން ބައްދަލު ކުރިން ކޮވިޑާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު."

ކޯވިޑް-19 އާ ގުޅިގެން ކުޅިވަރުތައް މެދުކަނޑާލި ފަހުން، މާލޭގައި ދެ ވަނައަށް ފަށާ، ޓީމު ކުޅިވަރަކަށް ވެގެންދާނީ ކްރިކެޓެވެ.