Roadha Mihaaru
ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައުދީން 7 ވިކެޓުން ރާއްޖެ ބަލިކޮށްފި

ކޮލިފައިންގެ ފުރަތަމަ މެޗުގައި ސައުދީން ހަތް ވިކެޓުން ރާއްޖެ ބަލިކޮށްފި

24 އޮކްޓޯބަރ 2021

ގަތަރުގައި އިއްޔެ ފެށި ޓީ20 ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން ބުރުގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގަތަރުގައި އިއްޔެ ފެށި ޓީ20 ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން ބުރުގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ހަތް ވިކެޓުން ބަލިވެއްޖެ އެވެ.

ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ރާއްޖެ އިން ކުޅެން އަަރައި، 20 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ރާއްޖެ އަށް ހެދުނީ 98 ލަނޑެވެ.

ރާއްޖެ އިން ފުރަތަމަ ކުޅެން ނުކުތީ ޔޫސުފް އަޒްޔާން ފަރުހަތާއި އަހުމަދު ހަސަނެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައި ނުވެ 50 ބޯޅަ އިން 20 ލަނޑު ހެދި އިބްރާހިމް ނަޝާތެވެ.

ފަހުން ކުޅެން އެރި ރާއްޖޭގެ ވިކެޓް ކީޕަރު މުހައްމަދު އައްޒާމް 17 ބޯޅައިން 15 ލަނޑު ހެދިއިރު އޭނާ ވަނީ ދެ ބޯޅަ ހަތަރަކަށް ޖަހައިފަ އެވެ. މުހައްމަދު ރިޝްވާނާއި އިބްރާހިމް ހުސެއިން 14 ލަނޑު ހެދިއިރު މިއިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ ދެ ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.

ޖަވާބުގައި ސައުދީން ކުޅެން އަރައި މެޗު ކާމިޔާބުކުރީ ތިން ކުޅުންތެރިން ނުބައި ވެގެން 15.1 އޯވަރުގެތެރޭ 101 ލަނޑު ހަދައިގެންނެވެ. ރާއްޖެ އިން އެންމެ ރަނގަޅަށް އުކީ، ދެ ވިކެޓް ނެގި ޒުވާން އޯލްރައުންޑަރު އާދަމް ނާސިފް އުމަރެވެ. އޭނާ ވަނީ މި އިނިންގްސްގެ ހަތަރު އޯވަރުގައި އުކައިފަ އެވެ. މި ހަތަރު އޯވަރުން ސައުދީ އަށް ހެދުނީ 13 ލަނޑެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި މިއަދު މެންދުރު ރާއްޖެ ގަޑިން 3:10 ގައި ގަތަރާ ދެކޮޅަށް ނުކުންނާނެ އެވެ. ރާއްޖެ އާއި ސައުދީ އަރަބިއްޔާ އަދި ގަތަރުގެ އިތުރުން ބަހްރޭނާއި ކުވޭތު ހިމެނޭހެން ފަސް ޓީމު ވާދަކުރާ ކޮލިފައިންގެ އޭޝިއަން ބުރުގެ އެއްވަނަ ހޯދާ ޓީމަކަށް، އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ ޓީ20 ވޯލްޑް ކަޕްގެ ގްލޯބަލް ކޮލިފައިން ބުރުން ޖާގަ ލިބޭނެ އެވެ.

މި ބުރުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބަހްރޭނުން ވަނީ ގަތަރާ ވާދަކޮށް ބާކީ 41 ބޯޅަ އޮއްވައި އަށް ވިކެޓުން މެޗް ކާމިޔާބު ކޮށްފަ އެވެ.

ރާއްޖޭގެ ކްރިކެޓް ޓީމުގެ ކެޕްޓަން މަހްފޫޒް (ވ)، ޓީ20 ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންނާ އެކު. -- ފޮޓޯ: ސީބީއެމް

ރާއްޖޭގެ ކްރިކެޓް ޓީމުގެ ކެޕްޓަން މަހްފޫޒް (ވ)، ޓީ20 ވޯލްޑް ކަޕް އޭޝިއަން ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކުގެ ކެޕްޓަނުންނާ އެކު. -- ފޮޓޯ: ސީބީއެމް

މިއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓަށް ފަހު ރާއްޖޭގެ ކްރިކެޓް ޓީމު ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. ގައުމީ ކްރިކެޓް ޓީމު ކޮލިފައިންގައި ވާދަކުރަން މިދިޔަ އަންގާރަ ދުވަހު ގަތަރަށް ފުރިއިރު، ކޮލިފައިންއާ ދިމާކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވަނީ ބައިނަލްއަގްވާމީ މެޗުތަކުން ހޯދާ ކާމިޔާބީ ތަކަށް ހާއްސަކޮށް ގައުމީ ފިރިހެން އަދި އަންހެން ޓީމަށް ބޯނަސް ސްކީމެއް ވެސް ތައާރަފް ކޮށްފަ އެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުން މޮޅުވާ ޓީމަކަށް 20،000ރ. ދޭން ނިންމާފައި ވާއިރު، އިންޑިވިޖުއަލް ޕާފޯމަންސަށް ވެސް ބޯނަސް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ހާފް ސެންޗަރީ (50 ލަނޑު) ހަދާ ކުޅުންތެރިޔަކަށް 2،500ރ. ދޭނެ އެވެ. ސެންޗަރީއެއް ހަދާ ކުޅުންތެރިޔަކަށް ދޭނީ 5،000ރ. އެވެ. މީގެ އިތުރުން ތިން ވިކެޓް ނަގާ ކުޅުންތެރިޔަކަށް 1،500ރ. ދޭން ނިންމާފައި ވާއިރު ފަސް ވިކެޓް ނަގާ ކުޅުންތެރިޔަކަށް ދޭނީ 2،500ރ. އެވެ.