Roadha Mihaaru
ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުންކުރުން ހުއްޓާލައިފި

ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުން ކުރުން ހުއްޓާލަން ނިންމައިފި

22 ފެބުރުއަރީ 2023

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދާ އިމާރާތް ބާ ވުމުގެ ސަބަބުން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި އެ ތަނުގައި ކުރަމުން އަންނަ މަސައްކަތް ވަގުތުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދާ އިމާރާތް ބާ ވުމުގެ ސަބަބުން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި އެ ތަނުގައި ކުރަމުން އަންނަ މަސައްކަތް ވަގުތުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގަ އެވެ. އެ އިމާރާތް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާއިރު، ސީލިންގުން ފެން ފޭބުން ފަދަ އެތައް ކަމެއް ހިނގައިގެން، ބައެއް ޝަރީއަތްތައް ކެންސަލް ވެސް ކުރަން ޖެހެ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން މިއަދު އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންވެ، ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ ބާ އިމާރާތް ބޭނުންކުރުން އެ ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވަގުތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ކޯޓުގެ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި ކަންކަން އަލުން ތަރުތީބުކޮށް، މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލާގައި މީގެ ކުރިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައި ވަނީ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެހެން އިމާރާތަކުން މި ވަގުތު ޖާގަ ނެތް ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ ޑީޖޭއޭ އިން ބުނެފައި ވެ އެވެ.

އާ އިމާރާތެއް ހޯދަން ޓެންޑާ ކޮށްދޭން ޓެންޑާ ބޯޑަށް ފޮނުވުމުން، އިމާރާތެއް ނުލިބުނު ކަމަށް އެ ބޯޑުން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ކުރި މަޝްވަރާތަކުގައި ވެސް، ވިނަރެސް ފްލެޓްގެ ކޮމާޝަލް ޖާގަތަކުން ޖާގައެއް ލިބެން ނެތް ކަމަށް އެ ކުންފުނިން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެފައި ވެ އެވެ.

ކްރިމިނަލް ކޯޓު، ޖަސްޓިސް ބިލްޑިންގްގައި ހިންގަމުން ދަނިކޮށް، އެ ތަން އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތުގައި ހިންގި އެވެ.