Roadha Mihaaru
ބީއެމްއެލްގެ ކިއުއާރް މުއާމަލާތްތައް ލިމިޓްކޮށްފި

ކިއުއާރް ކޯޑުން ދެއްކޭ ފައިސާގެ އަދަދު ބީއެމްއެލް އިން ލިމިޓްކޮށްފި

21 ފެބުރުއަރީ 2023

ބީއެމްއެލް އިން ކިއުއާރް ކޯޑް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް 750ރ. އަށް ލިމިޓްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިން ކިއުއާރް ކޯޑް ބޭނުންކޮށްގެން ހިންގާ މުއާމަލާތްތައް 750ރ. އަށް ލިމިޓްކޮށްފި އެވެ.

ބީއެމްއެލްގެ ކިއުއާރް މުއާމަލާތްތަކަށް ކުރިން އެއްވެސް ލިމިޓެއް ނޯވެ އެވެ. ފައިސާގެ ލިމިޓުގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޯބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިން ބުނީ މިބަދަލު ގެނައީ، އޮޅުވާލައިގެން ހިންގާ ސްކޭމް ޓްރާންސެކްޝަންތަކުން ކަސްޓަމަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

މިއަދުން ފެށިގެން މިގޮތަށް އަމަލުކުރަން ފެށި އިރު ލިމިޓްތަކަށް ވުރެ އިތުރަށް ކަސްޓަމަރުން ކާޑު ބޭނުންކޮށްގެން މުއާމަލާތްތައް ހިންގޭނެ އެވެ.

ބީއެމްއެލް ޓްވީޓު

އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ހޯދައިގެން އިންޓަނެޓް ބޭންކިން އަށް ވަދެގެން، އެޕް މެދުވެރިކޮށް ފިހާރަތަކުން ކިއުއާރު ޕޭމަންޓްތައް ހަދަމުން އަންނަ މުއާމަލާތްތައް އަންނަނީ އިތުރުވަމުންނެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ބީއެމްއެލްއަށް ވަނީ އަމާޒުވެފަ އެވެ.

މިފަދަ ސްކޭމުތަކުން ދުރުވުމަށް، އެކި މުއައްސަސާތަކުގެ ނަމުގައި ފޮނުވާ ސްކޭމް މެސެޖުތަކުގައި ހުންނަ އެއްވެސް ލިންކެއް ނުހުޅުވުމަށް ކަސްޓަމަރުންނަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ. އިންޓަނެޓް ބޭންކިން އަށް ލޮގިންވާ ކޮންމެ ފަހަރަކު ބޭންކުން ނޮޓިފިކޭޝަން ވެސް ފޮނުވަމުން އަންނަ ކަމަށާއި ކަސްޓަމަރަށް ނޭނގި ލޮގިން ކޮށްފި ނަމަ ވަގުތުން އިންޓަނެޓް ބޭންކިން ޕާސްވޯޑް ރިސެޓް ކުރުމަށް ވެސް އެދިފައިވެ އެވެ.

އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިންގާ ސްކޭމުތަކަށް ސަމާލުވާން ބީއެމްއެލް އިން މީގެ ކުރިން ވެސް އެކިފަހަރު މަތިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލް އިން ވަނީ މިފަދަ ސްކޭމްތަކުގައި އީމެއިލްގެ މައުލޫމާތު ލީކުވެ، އޯޓީޕީގެ މައުލޫމާތު ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމުގެ ފުރުސަތު ހުއްޓުވުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުން ހުއްޓާލައިފަ އެވެ.